މިދިޔަ އަހަރަކީ ދިރާގަށް މާލީ ގޮތުން ރަނގަޅު އަހަރެއް

Tue, 30 Apr 2024 05:48 PM

View on this article on Mihaaru

މިދިޔަ އަހަރަކީ ދިރާގަށް މާލީ ގޮތުން ރަނގަޅު އަހަރެއް

ދިރާގުން މިދިޔަ އަހަރު ކެޕިޓަލް އިންވެސްޓްމެންޓަށް 627 މިލިއަން ހަރަދުކޮށް، އަހަރުގެ އާމްދަނީ 2.6 ބިލިއަން ރުފިޔާ އަށް އިތުރުކޮށްފި އެވެ.

ދިރާގުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އެ ކުންފުނީގެ އާމްދަނީ ވަނީ ގާތްގަނޑަކަށް ދެ ޕަސެންޓު އިތުރުވެފަ އެވެ. އެ ކުންފުންޏަށް 2022 ވަނަ އަހަރު ލިބުނީ 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ދިރާގުން ބުނީ އާމްދަނީ އިތުރުވީ، ހިދުމަތްތައް އިތުރަށް ފުޅާކުރުމާ ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް، މޮބައިލް އަދި އެންޓާޕްރައިސް ސެގްމަންޓްގެ ޕާފޯމަންސް ވަރުގަދަކުރުމުން ކަމަށެވެ. ދިރާގުގެ މިދިޔަ އަހަރުގެ އިބިޓާ (ނެޓް އިންކަމް+އިންޓްރެސްޓް+ޓެކްސް+ޑިޕްރިސިއޭޝަން+އެމޮޓައިޒޭޝަން) ވަނީ 7.1 ޕަސެންޓްގެ ކުރިއެރުމަކާ އެކު 1.5 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.

މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ލިބުނު ފައިދާގައި ވަނީ އޭގެ ކުރީ އަހަރާ ބަލާއިރު 6.5 ޕަސެންޓް ކުރިއަރައިފަ އެވެ. ދިރާގުގެ ކެޕިޓަލް އިންވެސްޓްމަންޓް 31.7 ޕަސެންޓް އިތުރުވެ، 627 މިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ. މިއީ ދިރާގު ނެޓްވޯކު ފުޅާކޮށް ހަރުދަނާކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މުހިންމު އިންވެސްޓްމަންޓްތަކެއް ކޮށްފައިވާތީ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން ރާއްޖޭގެ 94 ޕަސެންޓު ގޭބީސީ އަށް ހައި-ސްޕީޑް ފައިބާ-ޓު-ދަ-ހޯމް (އެފްޓީޓީއެޗް)ގެ ހިދުމަތް ފުޅާކޮށްފައިވާ ކަމަށެވެ. އަދި ދިރާގުގެ 5ޖީ ހިދުމަތް އާބާދީގެ 50 ޕަސެންޓަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ. އަދި، ރާއްޖޭގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އަޕްގްރޭޑްކޮށް، އިތުރު ހަތަރު ސެގްމަންޓް ގާއިމްކުރުމުގެ އިތުރުން ސައިބާ ސެކިއުރިޓީ އިންފްރާސްޓަރަކްޗަރު އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާގައި ހަ ގަރާރެއް ވަނީ ފާސްކޮށްފަ އެވެ. އެ ހަ ގަރާރަކީ:

1.⁠ ⁠2023 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ކޮށްފައިވާ މަލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުން.

2.⁠ ⁠2023 ވަނަ އަހަރުގެ ފައިނަލް އަދި މުޅި އަހަރުގެ ޑިވިޑެންޑް ކަނޑައަޅައި ފާސްކުރުން.

3.⁠ ⁠ކުންފުނީގެ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޕަބްލިކް ޑިރެކްޓަރު ހޮވުމަށް ފާސްކުރުން.

4.⁠ ⁠ނޮން އެގްޒެކެޓިވް ޑިރެކްޓަރުންގެ ފީ ފާސްކުރުމަށް ގަރާރު ފާސްކުރުން.

5.⁠ ⁠ކުންފުނީގެ 2024 ވަނަ މާލީ އަހަރުގެ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުމަށް ފާސްކުރުން.

6.⁠ ⁠2024 ވަނަ އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައަޅައި ބެހުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ފާސްކުރުން.

ދިރާގުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 7.5ރ. ބަހަން ވެސް ވަނީ ނިންމައިފަ އެވެ.





More from Mihaaru