ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ވިނަރެސް ފޯމުތައް ބާތިލްކޮށްފި

Tue, 30 Apr 2024 05:10 PM

View on this article on Mihaaru

ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ވިނަރެސް ފޯމުތައް ބާތިލްކޮށްފި

ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތައް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް މީގެ ފަަސް މަސް ކުރިން ހުށަހެޅި ފޯމުތައް ބާތިލްކޮށްފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ވިނަރެސް ފްލެޓްތަކުގެ މަސައްކަތް މިދިޔަ ސަރުކާރުން ނިންމައި ބައެއް ފްލެޓްތައް ދޫކުރުމަށް ފަހު، ބާކީ ފްލެޓްތަކަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު 5 ގައި ހުޅުވައިލުމުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެގެން އެ ފޯމުތައް ޕްރޮސެސް ކުރުން އޭރު ހުއްޓާލި އެވެ.

ވިނަރެސް ފްލެޓްތަކަށް ފޯމު ހުށަހަޅާ ޕޯޓަލަށް އެއްފަހަރާ އެ ދުވަހު ގިނަ ބަޔަކު ވަންނަން މަސައްކަތް ކުރުމުން ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވެ، އެ މަސައްކަތް މަޑުޖައްސައިލީ އެވެ.

ނަމަވެސް އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ފޯމުތައް ހުށަހެޅުމުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާތީ، އެ އެޕްލިކޭޝަންތައް ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި އެ ކަމާ ގުޅޭ ގިނަ ޝަކުވާތަކެއް ވެސް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ހާއްސަކޮށް އެ ޓެކްނިކަލް މައްސަލަތަކާ ހެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ގިނަ ބަޔަކަށް ގެއްލިފައި ވާތީ އޭރުގެ ހުރިހާ އެޕްލިކޭޝަނެއް ބާތިލް ކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން މިހާރު ނިންމާފައި ވަނީ ބަޔާނުގައިވާ ގޮތުން ހުޅުމާލޭގައި ފަށާފައިވާ ފްލެޓް އިމާރާތް ކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން ފްލެޓް ގަތުމަށް ފައިސާ ދެއްކި ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މަޝްރޫއުތައް ހުއްޓި، ބޯހިޔާވަހިކަން ނުލިބިފައިވާ މީހުންނަށް ވިނަރެސްގެ ފްލެޓްތައް ދޫކުރާށެވެ. އެހެންވެ، ވިނަރެސް ފްލެޓްތައް ވިއްކަން އިތުރަށް އާންމުކޮށް ހުޅުވައި ނުލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން އެންމެ 2-3 ހަފުތާ އަށް (ނޮވެމްބަރު 5، 2023) ވެފައި ވަނިކޮށް، ވިނަރެސް ފްލެޓް ވިއްކަން ޕޯޓަލް މެދުވެރިކޮށް އެޗްޑީސީން ހުޅުވައިލުމުން، އެ ޕޯޓަލް އަށް ވަންނަ ބޭނުންވާ އޯޓީޕީ ފޯނަށް ނުލިބޭ ކަމުގެ ޝަކުވާ އެތައް ބަޔަކު އެ ދުވަހު ކުރި އެވެ. އޯޓީޕީ އާއި ކޯޑް ފޯނަށް ލިބުނުއިރު އޯޓީޕީ ޖަހަން ޖެހޭ ވަގުތު އޮތީ ހަމަވެފަ އެވެ. އެހެންވެ، އެތައް ބަޔަކަށް ވިނަރެސް ފޯމު ނުލެވުނު ޝަކުވާ ކުރި އެވެ.

ނަމަވެސް ވިނަރެސްގެ ނުވިކި ހުރި އެޕާޓްމެންޓްތައް ވިއްކަން އެ ދުވަހު ހުޅުވާލިތާ ބައިގަޑިއިރުގެ ތެރޭގައި ހުރިހާ ފްލެޓްތަކެއް ހުރީ ޕޯޓަލް މެދުވެރިކޮށް ބުކްކޮށްފަ އެވެ.

ވިނަރެސް ފްލެޓްތަކަށް އެދި ފޯމު ހުށަހަޅަން ދީފައިވާ ޕޯޓަލް އިން އެ ދުވަހު ދެއްކި ގޮތުގައި 281 ފްލެޓް ބުކްކުރި އެވެ. ބާކީ އެއްވެސް ފްލެޓެއް ނެތް ކަން ވެސް އެ ޕޯޓަލުން އެނގުނެވެ. އަދި ޕްރޮސެސިންގައި 1،063 ފްލެޓް އޮތް ކަމަށް ޕޯޓަލް އިން ފެނުނެވެ.

އެތައް ބައިވަރު ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުން، އެ މައްސަލަ ހައްލު ކުރެވެންދެން އިތުރަށް އެ ޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓަށް އެދުމުގެ ފުރުސަތު ވެސް އެޗްޑީސީން އޮތީ އެ ދުވަހުން ފެށިގެން މަޑުޖައްސާލައިފަ އެވެ.

އެޗްޑީސީން މިއަދު ވަނީ ވިނަރެސް އެޕާޓްމަންޓުތައް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން އެކި ނަންނަމުގައި މަސައްކަތް ކުރާތީ އެ ކަމަށް ސަމާލުވުމަށް ވެސް އެދިފަ އެވެ.





More from Mihaaru