ރާއްޖެ އައުން ލަސްވުމުން އުމްރާ ގުރޫޕަކުން އަޅާނުލާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ!

Wed, 17 Apr 2024 08:02 PM

View on this article on Mihaaru

ރާއްޖެ އައުން ލަސްވުމުން އުމްރާ ގުރޫޕަކުން އަޅާނުލާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ!

އުމްރާގެ އަޅުކަމަށް މީހުން ގެންގޮސްދޭ އަމިއްލަ ޖަމާއަތެއް ކަމަށްވާ، މުސާފިރީން ގްރޫޕުގެ ހަވާލުގައި އުމްރާ އަށް ދިޔަ ބަޔަކު އަނބުރާ ރާއްޖެ ނާދެވި، އެ މީހުންނަށް އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ކަމަށް ބުނެ، އެ ގްރޫޕުން ދިޔަ ބައެއް މީހުންގެ އާއިލާތަކުން މިއަދު ޝަކުވާ ކޮށްފި އެވެ.

މިދިޔަ ރޯދަމަހު އެ ގްރޫޕުގެ ހަވާލުގައި އުމްރާ އަށް ދިޔަ ފަންސާހެއްހާ މީހުން އަޅުކަން ނިންމައި، ރާއްޖެ އަންނަން އޮތީ އިއްޔެ އެވެ. އެކަމަކު މަދީނާ މަގުން، ދުބާއީގައި ޖައްސާފައި އަންނަން އޮތް ފްލައިޓު ކެންސަލްވީ ގަދަ ވިއްސާރައިގައި ފެންބޮޑުވެ، ދުބާއީގެ މައި އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންކުރުން މި ވަގުތަށް ހުއްޓާލުމުންނެވެ.

މުސާފިރީން ގްރޫޕުގެ ހަވާލުގައި ދިޔަ ބައެއްގެ އާއިލާގެ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ މީހުންނާ މެދު އެ ގްރޫޕުން އަމަލުކުރީ ވަރަށް އިހާނެތި ކޮށެވެ. އެއާޕޯޓުގައި ތާށިވެފައި ރޭގެ ދަންވަރު 12 ޖަހަންދެން ތިބިއިރު ވެސް ކާނެ އެއްޗެއް ފޯރުކޮށްނުދޭ ކަމަށް އުމްރާގެ އަޅުކަމަށް ދިޔަ އާއިލާގެ މީހުންނާ ހަވާލާދީ އޭނާ ބުންޏެވެ.

"ހަ ރޯދަ ވީމާ، އެ މީހުން ވެސް ތިބީ ރޯދަ އަށް. އެކަމަކު އެއާޕޯޓުގައި ތިއްބާ ފްލައިޓު ކެންސަލް ވުމުން އެ މީހުންނަށް ރޯދަ ވީއްލޭނެ ގޮތެއް ނުވި. އެތަނުގައި ނެތް ކާ އެއްޗެހި ވިއްކާ ތަނެއް ފެންނަން ވެސް. އެކޮޅުން މީހުން ބުނި ގޮތުން، އެ މީހުންނަށް ހިނގައިގެން ތަންތަން ހޯދަން އެނގެނީއެއް ނޫން،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ ރޭގެ ދަންވަރު 12 ޖަހަނިކޮށް، އެ މީހުން ބަހަކަށް އަރުވައިގެން ހޮޓަލަކަށް ގެންދިޔަ ކަމަށާއި އެކަމަކު އެ ތަނުގެ ހާލަތު ވެސް ވަރަށް ގޯސް ކަމަށެވެ. ރޭގެ ފަތިހު 4 ޖަހަނިކޮށް ހޮޓަލަށް ދެވުނުއިރު މެންދުރުވީއިރު ވެސް ފެންފޮދެއް ނުދިން ކަމަށް އޭނާ ބުންޏެވެ.

"އެ ސަރަހައްދުގައި ހުރީ ހާޑްވެއާ ފިހާރަތައް، އެ މީހުންނަކަށް ނޭނގޭ ފެން ގަންނަން ހަދާނެ ގޮތެއް ވެސް. އެކަމަކު އެ ތަނުގައި އެ މީހުންގެ ހަވާލުގައި ތިބި ބަޔަކަށް ވެސް ކާރަކަށް އަރައިގެން ގޮސްގެން ވެސް ކާނެ އެއްޗިއްސާއި ފެން ހޯދައިދެވެން ވާނެ،" އޭނާ ބުންޏެވެ.

އެ މީހުންގެ ހަވާލުގައި ދިޔަ ބަޔަކު އެހާ ހާލުގައި ޖެހުނީމާ އެއާލައިނުން ކުރަންޖެހޭ ކަމެކޭ ކިޔާފައި ދޫކޮށްލުމުގެ ބަދަލުގައި، އެވަރުވީމާ އަޅާލަން ވާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ،"--- އާއިލާ އިން ވާހަކަ ދެއްކި މީހެއް

"ހޮޓަލަކަށް ގެންދިޔައިރު އެތަން ވަރަށް ހަޑި. ރޫމް ރެޑީއެއް ނޫން. މީހުން ޗެކްއައުޓްވި ގޮތަށް ހުރި ތަންތަން ދެއްކީ. ހެނދުނުވި އިރު ވެސް ހުންނާނެ ކޮޓަރިއެއް ނުލިބިގެން އެ ގޮތް މި ގޮތަށް އުޅެން ޖެހުނީ. އެހާއިރުވި އިރު ވެސް ފެންފޮދެއް ވެސް ނުދެޔޯ،" އޭނާގެ މަންމަ އާއި އާއިލާގެ ގިނަ ބަޔަކު މަދީނާގައި ތާށިވި ގޮތް ކިޔައިދިނެވެ.

އެހާ ހާލުގައި އާއިލާގެ މީހުން މަދީނާގައި ތިބެން ޖެހުމުން، މުސާފިރީން ގްރޫޕަށް ގުޅައި އެކަމުގެ ކަންބޮޑުވުން ފާޅުކުރިޔަސް އެއީ އެއާލައިނުން ކުރަންޖެހޭ ކަމެއް ކަމަށް ބުނެ އެ ޒިންމާ ވެސް ނުނެގި ކަމަށް އާއިލާ އިން ބުންޏެވެ.

"އެ މީހުން [މުސާފިރީން ގުރޫޕް] ބުނީ އެއާލައިނަށް މިހެން ދިމާވީމާ އެ އެންމެންގެ ޒިންމާ ނަގާނީ ކިހިނެއްހޭ،" ގުރޫޕުގެ ޖަވާބާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކި އާއިލާ އިން ބުންޏެވެ.

އެ އާއިލާ އިން ބުނީ، ގުރޫޕުގެ މީހުންނަށް އިތުރަށް ފައިސާ ދީގެން ނަމަވެސް ކެއުމާއި ބުއިމުގެ ކަންކަން ހަމަޖައްސަން ތައްޔާރަށް ތިބި ކަމަށެވެ.

"އެ މީހުންގެ ހަވާލުގައި ދިޔަ ބަޔަކު އެހާ ހާލުގައި ޖެހުނީމާ އެއާލައިނުން ކުރަންޖެހޭ ކަމެކޭ ކިޔާފައި ދޫކޮށްލުމުގެ ބަދަލުގައި، އެވަރުވީމާ އަޅާލަން ވާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އުމްރާގެ އަޅުކަމަށް ގެންދިއުމަށް ހަވާލުވުމަށް ފަހު މައްސަލަތައް ދިމާވުމުން އެ މީހުން ޒިންމާ ނުނަގާތީ އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރި އެވެ.

އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އުމްރާއަށް ދިޔަ އާއިލާތައް އެ ހާލުގައި ތިބިއިރު އެ މީހުންނަށް ރާއްޖެ އަށް އާދެވޭނެ ވަކި ދުވަހެއް ވެސް އެ ގްރޫޕުން އަންގާފައި ނުވާތީ އެވެ.

އެ މައްސަލާގައި "މިހާރު" އިން ސުވާލު ކުރުމުން މިހާތަނަށް އެ ގުރޫޕުން ވަކި ޖަވާބެއް ނުދެ އެވެ.





More from Mihaaru