ޔާމީންގެ އިސްތިއުނާފް މައްސަލާގެ ހުކުމް ހައި ކޯޓުން މާދަމާ އިއްވަނީ

Wed, 17 Apr 2024 06:19 PM

View on this article on Mihaaru

ޔާމީންގެ އިސްތިއުނާފް މައްސަލާގެ ހުކުމް ހައި ކޯޓުން މާދަމާ އިއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލާގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން އޮތީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އަދި ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވެސް އޮތީ އިއްވައިފަ އެވެ. އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ކުރިން އޮތީ ނިންމާލައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލާގެ ހުކުމް ހައި ކޯޓުން އިއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ޔާމީން ޖަލަށްލާން ހުކުމް ކުރި ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އަދި އިސްތިއުނާފް މައްސަލަ ނުނިމި ލަސްވާތީ އެމަނިކުފާނާއި ވަކީލުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން ފަސް އަހަރަށް ޖަލަށްލާން 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފަ އެވެ.





More from Mihaaru