ޔާމީންގެ ޝަރީއަތަަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީން: ޝިޔާޒް

Wed, 17 Apr 2024 03:34 PM

View on this article on Mihaaru

ޔާމީންގެ ޝަރީއަތަަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީން: ޝިޔާޒް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީން ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަބްދުﷲ ޝިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ނުނިމި ލަސްވަމުންދާތީ އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ގެންދަވަނީ މި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

ނަމަވެސް އެ ޓީމުގައި ހިމެނޭ ވަކީލް ޝިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ސަރުކާރުން ދޮގު އިންޓެލިޖެންސް ރިޕޯޓްތައް އުފައްދައިގެން ޔާމީންގެ މައްޗަށް ދައުވާތައް އުފުލައި، ނުހައްގުން ޖަލަށްލީ ޔާމީނާއި ޕީޕީއެމް ބަލިކޮށްލުމަށް ކަމަށެވެ.

ޝިޔާޒް ވިދާޅުވި ގޮތުގައި އޭރު ވެސް މިހާރު ވެސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަނީ އެމްޑީޕީންނެވެ. އެ މީހުންގެ ބޭނުމަކީ ޔާމީންގެ މައްޗަށް އިތުރު ތުހުމަތުތައް ކުރުމުގެ އިތުރުން ސިޔާސީ ފައިދާ ނެގުން ކަމަށް ވެސް ޝިޔާޒްގެ ޓްވީޓްގައިވެ އެވެ.

ވަކީލް ޝިޔާޒްގެ ޓްވީޓް

ޔާމީން ވެސް ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގެން، އެ މަނިކުފާނު އިސްވެ ހުންނަވައިގެން އާ ޕާޓީއެއް އުފައްދަވައިފަ އެވެ. އަދި އެ މަނިކުފާނުގެ އިސްތިއުނާފް ލަސް ކުރަނީ މި ސަރުކާރުން ކަމަށް ވެސް ޔާމީން ތުހުމަތު ކުރައްވަ އެވެ. އެކަމަކު މި ސަރުކާރުގެ އިސްވެރިން ވިދާޅުވަނީ މިއީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާނެ ސަރުކާރެއް ނޫން ކަމަށާއި ޝަރުއީ ނިންމުންތަކަށް އަބަދުވެސް އިހުތިރާމް ކުރާނެ ކަމަށެވެ.





More from Mihaaru