ކާރިސާތަކުގައި ލިބޭ ގެއްލުންތަކުގައި ދޭ އެހީ ބޮޑުކޮށްފި

Wed, 17 Apr 2024 12:34 PM

View on this article on Mihaaru

ކާރިސާތަކުގައި ލިބޭ ގެއްލުންތަކުގައި ދޭ އެހީ ބޮޑުކޮށްފި

ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީ ދިނުމުގެ ގަވައިދެއް އާންމުކޮށް، އެފަދަ ހާދިސާތަކުގައި އާއިލާތަކަށް ލިބޭ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ދޭ ފައިސާގެ އެހީ އިތުރުކޮށްފި އެވެ.

ކާރިސާތަކާ ގުޅިގެން ކުރިން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން އަމަލުކުރަމުން އައީ ގައިޑްލައިނެއްގެ ދަށުންނެވެ.

އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، އަމަލުކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލައި އާންމުކުރާއިރު އޭގައި ވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ރިލީފް އެހީ ދިނުމުގައި މަދުވެގެން ހުންނަން ޖެހޭ މިންގަނޑުތަކާއި ގޯތި ގެދޮރާއި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުމަށް ދެވޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މިންގަނޑު ވެސް ހިމަނައިފަ އެވެ.

އެ ގަވާއިދުގައި ވަނީ ގޭގެ ފުރާޅައި، ފަންގިފިލަޔާއި، ބިންގަލާއި ފާރު ތަޅުމަށް ލިބޭ ގެއްލުމާއި ފަރުނީޗަރާއި ގޭގައި ހިފައިގެންގުޅޭ ތަކެއްޗަށް [ކައްކާއި ކެއިންބުއިމަށް ބޭނުންވާ ތަކެއްޗައި ޒަރޫރީ ބޭނުންތައް ފުއްދުމަށް ކަރަންޓު ބޭނުންކުރެވޭ ތަކެއްޗައި އެހެނިހެން ސާމާނު] އަށް ލިބުނު ގެއްލުން ދެނެގަތުމަށް އެސެސްމަންޓު ހަދާނެ ކަމަށެވެ.

އެސެސްމަންޓު ހަދާނެ އިތުރު ދާއިރާތަކުގެ ތެރޭގައި ގޭގެ ފާހާނާކުރުމުގެ ނިޒާމާއި ފެންވެރުމުގެ ނިޒާމަށް ލިބޭ ގެއްލުމާއި ގޭގެ ކަރަންޓު ވިޔުގަ އާއި ބޯފެން ނިޒާމަށް ލިބޭ ގެއްލުން ހިމެނެ އެވެ.

އާ ގަވައިދުގެ ދަށުން އެހީދޭނެ ގޮތް:

- ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގު 79،999.99 ރުފިޔާއަށް ވުރެ ދަށް ނަމަ، އެހީގެ ގޮތުގައި 75 ޕަސެންޓް ދޭނެ.

- ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން 80،000ރ. އަށް ވުރެ އިތުރު ނަމަ، އެހީގެ ގޮތުގައި 60،000ރ. ދޫކުރާނެ.

- ގޯތި ގެދޮރަށް ލިބުނު ގެއްލުމުގެ ތެރެއިން 149،999.99ރ. އަށް ވުރެ ތަނަށް ލިބުނު ގެއްލުން ކުޑަނަމަ، އެހީގެ ގޮތުގައި 75 ޕަސެންޓް ދޭނެ.

- ގޯތި ގެދޮރަށް ލިބުނު ގެއްލުމުގެ އަގުގެ 150،000ރ. އަށް ވުރެ އިތުރު ނަމަ، 150،000ރ. ލިބޭނެ

ކުރީގެ ގައިޑްލައިނުގެ ދަށުން އެހީ ދޭ މިންވަރު

- ހިފާގެންގުޅޭ ތަކެތީގެ އެސެސްމަންޓުގެ ޖުމްލަ އަގު 79،999.99ރ. އަށް އަރާ ނަމަ، އެހީގެ ގޮތުގައި ދެނީ ޖުމްލަ އަގުގެ 20 ޕަސެންޓް.

- އެސެސްމަންޓުގެ އަގު 80،000ރ. އަށް ވުރެ މަތި ނަމަ، އެހީގެ ގޮތުގައި ދެނީ 16،000ރ.

- އިމާރާތަށް ލިބުނު ގެއްލުމުގެ އަގު 149،000ރ. އަށް ވުރެ ދަށް ނަމަ، ކުރިން އަމަލުކުރި ގައިޑްލައިނުގެ ދަށުން ޖުމްލަ އަގު ދިން.

- އިމާރާތުގެ ގެއްލުން 150،000 އަށް ވުރެ މަތި ނަމަ، 150،000ރ. އެހީގެ ގޮތުގައި ވެސް ދިން.

އާ ގަަވައިދުގައި ބުނީ ހިފަައި ގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުންތަކަށް ފައިސާ ދިނުމުގައި ގެއްލުން ވަޒަންކުރާނީ އެ ގޭގައި ދިރިއުޅޭ މީހުންގެ އަދަދަށް ރިޔާއަތްކޮށާއި ގޭގާގައި ގެންގުޅޭ ޒަރޫރީ ތަކެތީގެ ތެރެއިން ހަލާކުވެފައި ނުވަތަ ނެތިގޮސްފައިވާ ތަކެއްޗަށް ބަލައި ކަމަށެވެ. އަދި އެ ތަކެތި އަގުކުރާނީ ބާޒާރުގައި އެ ތަކެތި ލިބެން ހުންނަ އަގުގެ މެދުމިންގަނޑުހެ މައްޗަށް ބިނާކޮށެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގުރައިދޫގައި ފެންބޮޑުވެ، ގެއަށް ފެން ވަނުން ކޮންޓްރޯލްކުރަން ވެލި ބަސްތާ ޖަހާފައި.

ހާލުގައި ޖެހިފައިވާ ފަރާތްތައް އާންމު ހާލަތަށް ރުޖޫއަވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ އެ ގަވާއިދުގައި ބުނީ އެހީ ފޯރުކޮށްދޭނީ ޒަރޫރީ ބޭނުންތަކަށް ބުރޫއެރުމާއި ހާލަތާ ގުޅިގެން ދިރިނޫޅެވޭ ވަރަށް ގެދޮރު ހަލާކުވުމާއި އެ ވަގުތުގެ ހާލަތާ ގުޅިގެން ދިރިއުޅެމުން ދިޔަ ތަނުން ވަގުތީ ގޮތުން ނިކުންނަން ޖެހިއްޖެ ނަމަ އެވެ.

އެ ހާލަތު ކުރިމަތިވެއްޖެ ނަމަ، ގަވާއިދުގައިވާ ގޮތުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހެ އެވެ. ނޫން ނަމަ، އެކަމަށް ހިނގާނެ ހަރަދު ދެވިދާނެ ކަމަށް ގަވައިދުގައިވެ އެވެ. އެކަމަކު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވޭނީ ގިނަ ވެގެން 15 ދުވަހަށެވެ. އެއަށް ވުރެ ގިނަ ދުވަހު ވަގުތީ ހިޔާގައި ތިބޭ ނަމަ، މަގުބޫލު އުޒުރަކާ އެކު އެންގުމުން އެ މުއްދަތު އިތުރުކޮށްދެވޭނީ ގިނަވެގެން 30 ދުވަހަށް ކަމަށް މި ގަވާއިދުގައި ބަޔާންކުރެ އެވެ.





More from Mihaaru