ހުރިހާ ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް ނެގުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

Mon, 29 Apr 2024 09:53 PM

View on this article on Mihaaru

ހުރިހާ ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް ނެގުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާ މަސައްކަތުގައި ހުރިހާ ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް ނަގަން ހަމަޖައްސާފައި ވާއިރު އަންނަ މަހު ރަށްރަށުގައި އެ މަސައްކަތް ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތު ދޭ "އަހާ" ފޯރަމްގައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ސާފުކޮށްދޭން އެދުމުން އިހުސާން ވިދާޅުވީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، އެމީހުންގެ ވޯކް ޕާމިޓާ ދިމާވޭތޯ ބެލުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

އިހުސާން ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ބައެއް މީހުންނަކީ ވޯކް ޕާމިޓް ވެސް އޮތް މީހުންނެއް ނޫނެވެ. އެހެންވެ، ގަވާއިދާ ހިލާފުވެފައި ތިބީ ކޮން ބައެއްތޯ އާއި އެ މީހުން ތިބީ ކޮން ބައެއް ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައިތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވި އެވެ.

"ބައެއް މީހުންނަކީ އައިޑެންޓިފިކޭޝަނެއް ވެސް ނެތް މީހުން. އޭނާގެ ޕާސްޕޯޓެއް ވެސް، އައިޑީ ކުރެވޭނެ އެއްވެސް ޑޮކިއުމަންޓެއް ވެސް ނެތް މީހުން. އެހެންވީމާ މިފަދަ މީހަކު އައިސް ތިމަންނާ އަކީ މިވެނި މީހެކޭ ބުންޏަސް އެކަން ވެރިފައި ކުރެވޭނެ ގޮތެއް ނެތް."

"އަހާ"ޕަބްލިކް ފޯރަމުގައި މިރޭ ބައިވެރިވި ބައެއް މީހުން. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެހެންވެ، މިހާރު ފަށަން ތައްޔާރުވެފައިވާ ޕްރޮގްރާމަކީ ގަވާއިދާއި އިމުގެ ތެރެއިން އުޅޭ މީހުންނާއި ގަވާއިދާ ހިލާފަށް އުޅޭ މީހުންނަށް ވެސް ހާއްސަކޮށްގެން ކުރިއަށް ގެންދާނެ ޕްރޮގްރާމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަސައްކަތް ފަށަން ނިންމާފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ މިިނިސްޓަރު ވިދާޅުވި ގޮތުގައި މި މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލުކުރުމަށެވެ.

"އެއްފަހަރާ ފަށާނަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި. ދާއިރު ކައުންސިލާއި ރަށު އޮފީހާ ގުޅިގެން، އެ ރަށެއްގައި ގަވައިދާ އެއްގޮތަށް ވެސް ގަވާއިދާ ހިލާފަށް ވެސް އުޅޭ މީހުންގެ ވެސް ޕިންގާ ޕްރިންޓް ނަގާފައި ފޮޓޯ ނަގާނެ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ މީހުން އައިޑެންޓިފައިކޮށްފައި ސަރުކާރުން ނިންމާފައި ވަނީ ފަސޭހަ ގޮތަކަށް އެ މީހުން ގަވާއިދުގެ ތެރެއަށް ފެއްތޭނެ ގޮތެއް ހަމަޖައްސަން ކަމަށެވެ. އަދި ބިދޭސީންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ގާނޫނާ ހިލާފުވެފައި ތިބޭ މީހުން ތިބޭ ކަމަށާއި އެކަމަކު ސަރުކާރުން ބޭނުންވަނީ އެ މީހުންނަށް ވެސް ގަވާއިދަށް އުޅުމަށް ފުރުސަތެއް ދޭން ކަމަށް އިހުސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފުރުސަތުގެ ބޭނުން ނުހިފައިފި ނަމަ ޑިޕޯޓްކޮށްލާނީ އެވެ.

"މާނައަކީ ފިލައިގެން އުޅެނީ. އެއްވެސް ވަރަކަށް ރަސްމީ ކުންފުންޏެއްގައި މަސައްކަތެއް ނުކުރޭ. ފައިސާ އެއްޗެހި ގަވާއިދާ ހިލާފަށް ބޭރުކުރަނީ. މިގޮތަށް އުޅޭ މީހުންނަށް ވެސް އަޅުގަނޑުމެން ފުރުސަތު ދޭނަން އޭނާ ގަވާއިދުގެ ތެރެއަަށް ވަންނަން. އެ ފުރުސަތަށް ބޯނުލަނބާ ނަމަ އޭނާ ޑީޕޯޓްކޮށްލާނީ،"

މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ ތެރެއިން އެ މީހުންނަކީ ކާކުކަން ނޭނގޭ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، އެމީހުން ނިސްބަތްވާ ގައުމެއްގެ އެމްބަސީއަކާ ގުޅިގެން ޓްރަވެލް ޑޮކިއުމެންޓެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އެފަދަ މީހުން ގައުމަށް ފޮނުވާލުމަކީ ސަރުކާރުން މިހާރު ގެންގުޅޭ ޕްލޭންކަމަށް ވިދާޅުވި އެވެ.

އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ނަތީޖާ ތިން އަހަރުން ނިކުންނާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ބިދޭސީން ގެނައުމާއި ބެލެހެއްޓުމުގެ މަސައްކަތް، ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރުމަށް މަސައްކަތް ވެސް ކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ.





More from Mihaaru