މަޝްއަރު ޓުއާސްގެ މައްސަލަ މިނިސްޓްރީން ފުލުހުންނަށް ރިޕޯޓްކުރަނީ

Wed, 17 Apr 2024 11:34 AM

View on this article on Mihaaru

މަޝްއަރު ޓުއާސްގެ މައްސަލަ މިނިސްޓްރީން ފުލުހުންނަށް ރިޕޯޓްކުރަނީ

މިދިޔަ ރޯދަމަހު ބައެއް މީހުން އުމްރާ އަށް ގެންދިޔަ މަޝްއަރު ޓުއާސްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް މިއަދު ރިޕޯޓްކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމްރާ އަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުސޫލުތަކާއި ހިލާފަށް މީހުން އަތުން ލާރި ނަގައި އެ އަށް އިހުމާލުވަމުން ދާ ޖަމާއަތެއްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް މިއަދު ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށެވެ.

މަޝްއަރު ޓުއާސްގެ މައްސަލަ ފުލުހަށް ރިޕޯޓްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އިރު، އެ ޓްރެވަލް އެޖެންސީގެ ހަވާލުގައި މިދިޔަ ރޯދަމަހު އުމްރާ އަށް ދިޔަ 50 އެއްހާ މީހުން ވަނީ ނުފުރި މައްކާގައި ތާށިވެފަ އެވެ.

އެ އެޖެންސީގެ ވެރިޔާ އަލީ ފާރިޝް މިދިޔަ އަހަރު މީހުން އުމްރާ އަށް ގެންދިޔައީ އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ނަމުގަ އެވެ. އެ ގްރޫޕްގެ ހަވާލުގައި މިދިޔަ އަހަރުގެ ރޯދަމަހު އުމްރާ އަށް ދިޔަ 138 މީހުންގެ ޓިކެޓަށް ވާ ފައިސާ ނުދައްކައި ލަސްކޮށް، އެންމެ ފަހުން ޗެކް ބައުންސްވި އެވެ. އެ މައްސަލާގައި އެ ގްރޫޕްގެ ހުއްދަ މިނިސްޓްރީން ބާތިލްކުރީ އެވެ.

އެހެންވެ، މި އަހަރު އެ ގްރޫޕްގެ ވެރިޔާ އަލީ ފާރިޝް މީހުން އުމްރާ އަށް ގެންދިޔައީ ޓްރެވަލް އެޖެންސީއެއް ހަދައި "މަޝްއަރު ޓުއާސް"ގެ ނަމުގަ އެވެ. ނަމަވެސް އެއީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ޓްރެވަލް އެޖެންސީއެއް ނޫން ކަން ވަނީ އެނގިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ފައިސާ ހުރި ނަމަ އަމިއްލަ ހަރަދުގައި ރިޓާން ޓިކެޓު ނަގައިގެން ފުރުމަށް އެ އެޖެންސީގެ ވެރިޔާ ފާރިޝް ވަނީ އުމްރާވެރިންނަށް އަންގައިފަ އެވެ. ރިޓާން ޓިކެޓު އަމިއްލަ ހަރަދުގައި ނަގާ މީހުންނަށް 30 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދޭނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އެކަމަކު، އެ އެޖެންސީގެ ހަވާލުގައި ދިޔަ އުމްރާވެރިން ވަނީ އުމްރާ އަށް ފުރުމުގެ ކުރިން ދެކޮޅު ޓިކެޓަށް ވާ ފައިސާ ދައްކައިފަ އެވެ.

މަޝްއަރު ޓުއާސް އަށް މިފަހަރު ޓިކެޓް ވިއްކި އޭޖެންޓް "އޭސް ޓްރެވަލްސް" އިން ވަނީ ކަނޑައެޅި މުއްދަތުގައި އެ އެޖެންސީން ފައިސާ ނުދެއްކުމުން ރިޓާން ޓިކެޓުތައް މިދިޔަ މަހު ފަހުކޮޅުގައި ކެންސަލްކޮށްފަ އެވެ.





More from Mihaaru