އެސްއޯއީތައް އިސްލާހުކުރަން މުހިންމު، ބާރުތައް ޕީސީބީއަށް ދޭނަން: ޝަފީގު

Wed, 17 Apr 2024 10:58 AM

View on this article on Mihaaru

އެސްއޯއީތައް އިސްލާހުކުރަން މުހިންމު، ބާރުތައް ޕީސީބީއަށް ދޭނަން: ޝަފީގު

ސަރުކާރުގެ ކުންފުނިތަކަށް ފިޔަވަޅު އަޅައި އިސްލާހުތައް ގެންނަން، އެ ކަމަށް ކަނޑައަޅާފައިވާ އިދާރާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ފުރިހަމަ މިނިވަންކަން ދޭނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ޝަފީގު މިދިޔަ ހަފުތާގައި ވިދާޅުވީ، ޕީސީބީގެ ޒިންމާ ފުރިހަމަ އަށް އަދާކޮށްފި ނަމަ ކުންފުނިތަކަށް ހެޔޮ ބަދަލުތައް ގެނެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ކުންފުނިތަކުން ނިންމާ ނިންމުންތަކާއި މާލީ މައުލޫމާތުތައް ހާމަކުރުމުން ފެންނަން ހުންނަ މައްސަލަތަކަށް ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް ވަގުތުން ވަގުތަށް އެޅުމުގެ އިހުތިޔާރާއި ބާރު ޕީސީބީ އަށް އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ކުންފުނިތަކުގެ އޮޕަރޭޝަން ހިންގާ ގޮތް ޕީސީބީ އިން ބެލުމުގެ އިތުރަށް ފިނޭންސް މިނިސްޓްރީގެ ވެސް ވަކި ސެކްޝަނެއް ގާއިމް ކުރެވިގެން ކުންފުނިތަކުގެ ކަންތައް މި ދަނީ ބަލަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ޝަފީގު "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން. އޭނާ ވިދާޅުވީ، ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަސް ނުޖެހޭނެ ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސަރުކާރުގެ ހަރަދުތައް ހަމަޔަކަށް އަޅަން ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް އަންނަ މަހުން ފެށިގެން ގެންނާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ. އޭގެ ތެރޭގައި އެސްއޯއީތައް ރީފޯމު ކުރުން ވެސް ހިމެނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެސްއޯއީތައް ރީފޯމު ކުރުމަށް ބޭރުގެ ހާއްސަ ކޮންސަލްޓެންޓެއް ގެނެސްގެން އޭނާގެ އެހީތެރިކަމާ އެކު އަމަލުކުރާނެ ގޮތްތައް އަންނަނީ އެކުލަވައިލަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ކުންފުނިތައް ހަރުދަނާ ކުރަން އަޅާ ފިޔަވަޅުތަކުގެ ތަފްސީލު އާންމު ކުރާނެ ކަމަށެވެ. އަދި ބައެއް ކުންފުނިތައް މަދު ކުރަންޖެހޭ އިރު އަދިވެސް އާ ކުންފުނިތައް އުފައްދަން ޖެހޭ ދާއިރާތައް ވެސް ހުރެދާނެ ކަމަށް ވިދާޅުވި އެވެ. އެކަންކަން ނިންމާ ވަރަކުން އަމަލުކުރަމުން އަންނާނެ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ދެ ކުންފުންޏެއް އެއް ކުންފުންޏަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތް. މި ކުރިއަށްދާ ވަރަކުން މޮނިޓާ ކުރަމުންދާނަން ރަނގަޅަށްތޯ މި ގެންދެވެނީ،" އޭނާ ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ، އެ ކަންކަމުގައި ފިޔަވަޅު އަޅުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށާއި މުހިއްމު ކަންކަމަށް އަމަލު ކުރައްވަން ފަސް ނުކުރައްވާނެ ކަމަށެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފުން ވެސް އާންމުކުރާ ރިޕޯޓުތަކުގައި އެންމެ ގިނައިން ފާހަގަކުރާ އެއް ކަމަކީ އެސްއޯއީތަކުގެ ހަރަދު ކުޑަކޮށް ރީފޯމު ކުރުމަކީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަމަށެވެ.





More from Mihaaru