ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ފަސްނުޖެހި އިންވެސްޓުކުރަން ސައީދު ގޮވާލައްވައިފި

Tue, 30 Apr 2024 10:11 AM

View on this article on Mihaaru

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ފަސްނުޖެހި އިންވެސްޓުކުރަން ސައީދު ގޮވާލައްވައިފި

ރާއްޖެ ފަދަ ގުދުރަތީ ގޮތުން ނާޒުކު ގައުމަކަށް ދެމެހެއްޓެނެވި ތަރައްގީއަކީ، ޒަމާނީ ފިކުރާއި ޓެކްނޮލޮޖީ އަދި ފައިސާ ކަމަށާއި އެހެންވެ ފަސްނުޖެހި ރާއްޖޭގައި އިންވެސްޓުކުރަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދުނިޔެއަށް ގޮވާލައްވައިފި އެވެ.

މިހާރު ސައުދީ އަރައްބިއްޔާގައި ކުރިއަށްދާ ވާލްޑް އިކޮނޮމިކް ފޯރަމްގައި ސައީދު އިއްޔެ ވަނީ ރާއްޖޭގެ ތަރައްގީއަށް ޓެކްނޮލޮޖީ އާއި އިންވެސްޓުމަންޓުތަކުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.

"ދެމެހެއްޓެނިވި ތަރައްގީއަކީ ރާއްޖެ ފަދަ ގުދުރަތީ ނާޒުކު ގައުމުތަކުގެ ޕޯސްޓުކާޑު ފަހަށް ރައްކާކުރުމުގެ ބަދަލުގައި، ތަރައްގީކުރާނެ ފިކުރާއި ފައިސާ އަދި ޓެކްނޮލޮޖީ ގެނެސް، އެކަން ކުރެވޭނެ ފަރާތްތަކުން ފަސްނުޖެހި އިންވެސްޓުކުރުން،" ސައީދު ވިދާޅުވި އެވެ.

އެ ބައްދަލުވުމަށްފަހު ސައީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭރު ގައުމުތަކުގެ ބައިވެރިވުމަށް ހުޅުވާލައްވާފައިވާ ތަރައްގީގެ އެޖެންޑާއަށް ބޭރުގެ އެކި ފަރާތްތަކުގެ ތަރުހީބު ބޮޑުވަމުން އަންނަ ކަން ވަރަށް ބޮޑަށް ފާހަގަވި އެވެ.

އަދި ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ވަރަށް ތަނަވަސް ތާއީދެއް ސަރުކާރަށް ލިބުމުން، ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކާއި ބޭންކުތަކަށް ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވާލްޑް އިކޮނޮމިކް ފޯރަމްގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ސައީދުގެ އިތުރުން އެ ފޯރަމްގެ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ހުންނެވީ ރިޔާދުގަ އެވެ.

ހަކަތައާ ގުޅޭ ކަންކަމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ބާއްވާ އެ ބައްދަލުވުމުގައި އެކި ގައުމުތަކުން 700 އަށް ވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ ދެ ވަޒީރުންގެ އިތުރުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ގެންދަވަނީ ސައުދީގައި ކުރިއަށްދާ މުހިންމު ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މިނިސްޓަރު ޝަހީމް ސައޫދީ އަަށް ވަޑައިގަތީ މުސްލިމް ވޯލްޑް ލީގުގެ ސްޕްރީމް ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ފިނޭންސް މިނިސްޓަރު ޝަފީގު ސައޫދީ އަށް ކުރައްވާ ދަތުރުގައި ވަނީ ވަނީ ބައިނަލްއަގްވާމީ އެކި މާލީ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވައިފަ އެވެ. އޭގެ ތެރޭގައި އޯޕެކް ފަންޑާއި ސައޫދީ ޑިވެލޮޕްމަންޓް ފަންޑާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްވެރިން ހިމެނެ އެވެ.





More from Mihaaru