700 ފޭކް ޑޮމެއިން ނަމްބަރު ހުރީ ވިއްކާފައި، ގާނޫނުގެ ތެރެއަށް ފައްތަނީ!

Tue, 30 Apr 2024 10:43 AM

View on this article on Mihaaru

700 ފޭކް ޑޮމެއިން ނަމްބަރު ހުރީ ވިއްކާފައި، ގާނޫނުގެ ތެރެއަށް ފައްތަނީ!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ވިއްކާފައިވާ ޑޮމެއިން ނަމްބަރުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ނަމްބަރުތައް ފޭކް ނުވަތަ ސައްހަ ނޫން ކަމަށާއި އެ ނަމްބަރުތައް ގާނޫނީ ނިޒާމުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ކުރިއަށް އޮތް ވިއްސަކަށް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މިނިސްޓަރުންނަށް ސުވާލުކުރުމަށް ފުރުސަތުދޭ "އަހާ" ފޯރަމްގައި ޒުވާނަކު ކުރި ސުވާލެެއްގެ ޖަވާބުގަ އެވެ. އެ ޒުވާނާ ސުވާލުކުރީ ޑޮމެއިން ނަމްބަރުތައް ގަނެފައި ހުންނަނީ ވަރަށް އަގު ބޮޑުކޮށް ކަމަށް ވާއިރު، އެ ނަމްބަރުތައް މިހާރު ނުވިއްކާ ކަމަށް ބުނެ އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ތަފާތު އެކި މައްސަލަތަކާ ހުރެ ޑޮމެއިން ނަމްބަރުތައް ވިއްކުން ކުރީގެ ސަރުކާރުން ހުއްޓާލީ ރައީސް އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް އެންގުމުން ކަމަށެވެ.

ޑޮމެއިން ނަމްބަރުތައް ވިއްކުން ހުއްޓާލީ ކުރީގެ ސަރުކާރުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

އެގޮތަށް އޭރުގެ ސަރުކާރުން އަންގާފައިވަނީ ޑޮމެއިން ނަމްބަރުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ގާނޫނާއި އިމުގެ ތެރެއިން ޑޮމެއިން ނަމްބަރުތައް ނަގައިގެން ހިދުމަތް ދޭ މީހުން ތިބި އިރު، ބަޔަކު ގޯސް ހެދުމުން އޭގެ ގެއްލުން ރަނގަޅު ގޮތުގައި އެކަން ކުރާ މީހުންނަށް ލިބެންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންވެ، މި ސަރުކާރުން އަންނަނީ ސައްހަ ގޮތުގައި އެކަން ކުރާ މީހުންނަށް ޑޮމެއިން ނަމްބަރުތައް ވިއްކަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުންނަށް ސުވާލުކުރުމަށް ފުރުސަތުދޭ "އަހާ" ފޯރަމުގައި ޓްރާންސްޕޯޓު މިނިސްޓަރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މުޅި ރާއްޖޭގައި 1،400 ޑޮމެއިން ނަމްބަރު ބޭނުން ކުރަމުން އަންނައިރު އޭގެ 50 ޕަސެންޓަކީ ސައްހަ ޑޮމެއިން ނަމްބަރު ކަމަށެވެ. އެކަމަކު ބާކީ 50 ޕަސެންޓަކީ ރަނގަޅު ނޫން ޑޮމެއިން ނަމްބަރުތައް ކަމަށް ވިދާޅުވި އެވެ. އެއީ 700 ޑޮމެއިންނެވެ.

"ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން އޮތް ގޯސްތަކެއްގެ ސަބަބުން މި ކަންތައް މިހާ ހިސާބަށް ދިޔައީމާ މިދިޔަ ސަރުކާރުން ޑޮމެއިންގެ ހިދުމަތް ހުއްޓާލީ. އެކަމަކު އަޅުގަނޑުމެން ސަރުކާރު އައިސް ގަބޫލުކުރި އުސޫލަކީ ވަކި ބަޔަކު ގޯސްތަކެއް ހަދާފައި ހުއްޓަސް ރަނގަޅު ގަވައިދުތަކާއި އުސޫލުތަކުން ގާނޫނުގެ ތެރެއިން އޮޕަރޭޓް ކުރަމުން ދިޔަ މީހުންނަށް ދޭންޖެހޭ ހިދުމަތެއް ހުއްޓާލެވިފައި އޮވެގެން ނުވާނެއޭ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސައްހަ ނޫން ޑޮމެއިން ނަމްބަރުތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުވައްޒަފުންނާ ގުޅިގެން ވެސް ގަނެފައި އެބަހުއްޓެވެ. ސައްހަ ނޫން ގޮތުގައި ނަގާފައިވާ "ފޭކް" ޑޮމެއިން ނަމްބަރުތައް ދެ ވަނަ މީހަކަށް ނުވަތަ ތިން ވަނަ މީހަކަށް ބޮޑު އަގުގައި ދޫކޮށްފައި އެބަހުރި ކަމަށާއި މިއީ އެ މީހުންނަށް ވެސް އޮޅުވާލައިގެން ކޮށްފައިވާ ކަމަކަށް ވާތީ އެ ނަމްބަރުތައް ސައްހަ ކުރުމަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވަކި ބަޔަކު ހަދާފައި ހުރި ގޯސްތަކެއްގެ ސަބަަބުން ދައުލަތުގެ ޑޮކިއުމަންޓްތަކެއް ކްރިއޭޓް ކުރީމާ ކޮންމެ ދިވެހި ރައްޔިތަކީ އެހާ ބޮޑު ވެރިފިކޭޝަނަކަށް ވަގުތު އޮންނާނެ ބޭފުޅުންނެއް ނޫން. އެހެންވީމާ އަޅުގަނޑުމެން އެ ބޭފުޅުންނަށް ގެއްލުން ނުވާ ގޮތަށް ނިޒާމުގެ ތެރެއަށް ވައްދާނީ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޑޮމެއިން ނަމްބަރުތަކުގެ ތެރެއިން އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ނުވަތަ އަމިއްލަ އަށް ޑޮމެއިން ނަމްބަރު ހަދައިގެން އުޅޭ މީހުންގެ ނަމްބަރު ކެންސަލް ކުރާނެ އެވެ. އެކަން ރެގިއުލޭޓް ކުރުމަށް ރަނގަޅު ގޮތުގައި އެކަން ކުރާ މީހުންގެ ލިސްޓެއް ނެރޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ހަތް މަހުގެ ތެރޭގައި ޑޮމެއިން ނަމްބަރުތަކުގެ މައްސަލަ އެއްކޮށް ހައްލު ކުރާނެ އެވެ.





More from Mihaaru