ކޮރަޕްޝަނަށް އަރައިގަންނަ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރަނީ

Tue, 16 Apr 2024 08:50 PM

View on this article on Mihaaru

ކޮރަޕްޝަނަށް އަރައިގަންނަ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރަނީ

ކޮރަޕްޝަނަށް އަރައިގަންނަ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފި އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ދިރާސާއެއް ކުރުމުގެ މަގްސަދަކީ ރާއްޖޭގައި ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ގޮތުގެ ތަފުސީލު ހޯދައި އެފަދަ ކުށްތައް ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުން ކަމަށެވެ.

ކޮރަޕްޝަން ހިންގާ މީހުން އެ ކުށްތަކަށް އަރައިގަންނަން ވިސްނާ ސަބަބުތަކާއި އަރައިގަންނަ ގޮތްތަކާއި އަރައިގަންނަން ދައުލަތުގެ މަގާމާއި ނުފޫޒާއި ބާރު ބޭނުންކުރާ ގޮތާއި އެކަމުގައި އެހެނިހެން މުވައްޒަފުން ބައިވެރިކުރާ ގޮތާއި އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރާއި ހަރަދު ބަލައްޓާ ގޮތް ފަދަ (ކްރިމިނަލް މައިންޑްސެޓް) އާއި އެފަދަ އެހެނިހެން ކަންކަން ތަފުސީލުކޮށް ދިރާސާކުރެވޭނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ވަނީ މީގެ ކުރިން ވެސް ކޮރަޕްޝަނާ މެދު އާންމުން ދެކޭގޮތާއި އާންމު ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށް ދިރާސާއެއް ކޮށްފަ އެވެ. ދެ ދިރާސާގެ ހޯދުންތައް އެއްކޮށްލައިގެން ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ފަންނީ މިންގަނޑުތަކުން ބާރުދެވޭ އޮނިގަނޑެއް ގާއިމު ކުރެވޭނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.

"މި ދިރާސާގެ ހޯދުންތަކުން، ނަޒާހަތްތެރިކަން ކުރިއެރުވުމަށް ދިވެހިރާއްޖޭގައި ސުކޫލުތަކުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ތަޢުލީމުގެ ތެރެއިން ނަޒާހަތްތެރިކަން ކުދީންގެ ކިބައިގައި އަށަގެންނެވުމަށް އަމަލުކުރަންޖެހޭ ގޮތްތަކާއި ވަޒީފާތަކުގައި ކޮރަޕްޝަން ހުއްޓުވުމަށް ވިސްނުން ގެންގުޅެންޖެހޭ ގޮތްތައް ދެނެގަނެ އެކަންކަން ތަންފީޒުކުރުމަށް ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލާންޖެހޭ ގޮތްތައް ކަނޑައެޅޭނެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

މިއީ ރާއްޖޭގައި ޖިނާއީ ކުށަށް އަރައިގަތުމުގެ ފަހަތުގައި ހުންނަ ސަބަބުތައް ދެނެގަތުމަށް ކުރިއަށް ގެންދާ މިފަދަ ފުރަތަމަ ދިރާސާ އެވެ.





More from Mihaaru