ހަރުގެ ހިސޯރުކޮށް މުދަލަށް ގެއްލުން ދިނީ: އެމްޑީޕީ

Mon, 29 May 2023 09:00 PM

View on this article on Mihaaru

ހަރުގެ ހިސޯރުކޮށް މުދަލަށް ގެއްލުން ދިނީ: އެމްޑީޕީ

މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދު ކުރިމަތީގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ބަޔަކު ހިސޯރުކޮށް، އެތަނަށް ގެއްލުން ދީފައިވާ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.

އެމްޑީޕީން އެހެން ބުނީ ހަރުގެ ހުންނަ ތަން ހުސްކޮށް ތަން ހަވާލުކުރަން އެ ތަނުގެ ވެރިފަރާތުން އެންގުމުން އެކަން ހުއްޓުވަން އެމްޑީޕީން ކޯޓަށް މައްސަލަ ހުށަހަޅާފައި އޮއްވައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންގެ "ދަ ޑިމޮކްރެޓްސް"ގެ މަސައްކަތް ހަރުގޭގައި މިއަދު ފެށުމުންނެވެ. އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި އެކަން ވަނީ ކުށްވެރިކޮށްފަ އެވެ.

އެމްޑީޕީގެ މައި ހަރުގެ "ޑިމޮކްރެޓްސް" އިން ބޭނުންކުރަން ފެށުން: ހަރުގޭގައި އެތެެރޭގައި ހުރި ގޮނޑިތަކާއި އެހެން ސާމާނު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މާލޭގައި ހިންގަމުން އަންނަ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ މި ޕާޓީގެ މުދާތަކަށް ގެއްލުންދީ ހަރުގެ ހިސޯރުކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާ އެކުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ ތަނެކެވެ. އަދި ހަރުގޭގެ ވެރިފަރާތާއެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް މި އަހަރުގެ ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެ ކަމަށް އެއްބަސްވެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

ނަމަވެސް, އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައި ނުވާތީ،އެ ޕާޓީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި، އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, އެ ޕާޓީގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ހަރުގެ ހުންނަ ބިމުގެ ވެރިފަރާތް ކަމަށްވާ ޝަފިއްޔާ ޒުބައިރު މިއަދު ނޫސްވެރިންނާ ވާހަކަދައްކަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޑީޕީން ސިވިލް ކޯޓުގައި އެދުނީ ޕާޓީން ސިޔާސީ ހަރަކާތްތައް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށް އަންނަ ޖުލައި މަހުގެ 31 ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައިދިނުމަށް ކަމަށް އެ ޕާޓީން ބުންޏެވެ.

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީގެ ސަޕޯޓަރުން އެއްވެ ސިޔާސީ ހަރަކާތްތައް ހިންގާ މައި ހަރުގެއަކީ އެ ހަރަކާތްތަކުގެ ކުރީ ސަފުގައި އުޅުނު ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ. އެކަމަކު، އެމްޑީޕީގެ އެތެރޭގެ ކޯޅުމުގައި ޝަފިއްޔާ މިހާރު ހުންނެވީ ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ އިސް މެމްބަރުން އުފައްދަން އުޅުއްވާ "ދަ ޑިމޮކްރެޓްސް"އާ އެކު އެވެ.

ހަރުގެ ހުރި ބިން މިހާރު ވަނީ އެހެން މީހަކަށް ކުއްޔަށް ދީފަ އެވެ.

ހަރުގެ ހުރި ބިން ކުއްޔަށް ދިނީ، އެމްޑީޕީގެ އެތޭރެގައި އުފެދުނު ކޯޅުންގަނޑުގައި ނަޝީދުގެ ފަޅީގައި ހުންނެވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އަށެވެ. ޝަފިއްޔާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، އަމްރުއާ ހަރުގޭގެ ތަޅުދަނޑި ހަވާލުކުރުމުން އޭނާ ވަނީ އެތަން ހުޅުވައި ޑިމޮކްރެޓްސްގެ ހަރަކާތްތަކަށް ބޭނުންކުރަން ފަށައިފަ އެވެ.



More from Mihaaru