އަމްރުގެ އިންޓަވިއު ކެންސަލެއް ނުކުރޭ، ރީޝެޑިއުލްކުރީ: ޕީއެސްއެމް

Sat, 25 Mar 2023 11:42 PM

View on this article on Mihaaru

އަމްރުގެ އިންޓަވިއު ކެންސަލެއް ނުކުރޭ، ރީޝެޑިއުލްކުރީ: ޕީއެސްއެމް

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސެއިން އަމްރާ އެކު ގެނެސްދޭން ހަމަޖެއްސި ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޝޯ ރައީސް އޮފީހުގެ އެންގުމަކަށް ކެންސަލްކުރީ ކަމަށް ދައްކާ ވާހަކަ އަކީ ދޮގެއް ކަމަށާއި އެ އިންޓަވިއު ރިޝެޑިއުލްކުރީ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިރޭ ބުނެފި އެވެ.

އެމްޑީޕީގެ ތެރޭގައި އޮތް ދެބައިވުމުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ހުންނެވި އަމްރުގެ އިންޓަވިއު މިރޭ 9:00 އަށް ޝެޑިއުލްކުރުމަށް ފަހު ރައީސް އޮފީހުގެ އެންގުމަކަށް ކެންސަލްކުރީ ކަމަށް ނަޝީދު ފެކްޝަންގެ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު "މިހާރު" އަށް ވިދާޅުވީ އެއްވެސް ޕްރޮގްރާމެއް ގެނެސްދިނުން މަނާ ކުރުމުގެ އެއްވެސް އިންސްޓްރަކްޝަނެއް ރައީސް އޮފީހުން ލިބިފައި ނެތް ކަމަށެވެ.

އަބަދުވެސް މަސައްކަތްކުރަނީ އެވަގުތަކު ރައްޔިތުންނަށް އެންމެ މުހިންމު ކަމަށް ފެންނަ މައުލޫމާތަށް އިސްކަން ދީގެން ގެނެސްދޭން ކަމަށާއި އަމްރުގެ އިންޓަވިއުގެ ރެކޯޑިން ނިންމުމަށް ފަހު އެހެން ދުވަހަކަށް ޝެޑިއުލްކުރީ ކަމަށެވެ.

ޕީއެސްއެމްގެ ސްޕޯކްސްޕާސަން ވިދާޅުވީ އަމްރުގެ އިންޓަވިއު ފަސްކުރީ ރޯދަ މަހު ބޮޑުވެފައިވާ ކުނީގެ މައްސަލައަށް ހާއްސަކޮށް ގެނެސްދޭ "ރާއްޖެ މިއަދު" ގެ ޝޯއެއް ދެއްކުމަށް ކަމަށެވެ.

"އަމްރުގެ ޕްރޮގްރާމް ވަނީ ރީޝެޑިއުލް ކުރެވިފައި. މިރޭ ރާއްޖެ މިއަދު ޕްރޮގްރާމްގައި ގެނެސްދިނުމަށް ހަމަޖެހިފައިވާ ނަމަވެސް މި ރޯދަ މަހަށް ކުނީގެ ކަންކަން ރައްޔިތުންނަށް މުހިންމުވާނެތީ އަމްރުގެ ޕްރޮގްރާމް ރީޝެޑިއުލް ކުރީ. ފަހުން ދައްކާނެ،" ސްޕޯކްސްޕާސަން ވިދާޅުވި އެވެ.

އެކަމަކު އެސްޓީއޯ އިން ޓްވީޓްކޮށްފައި އޮތީ އަމްރުގެ އިންޓަވިއު ލައިވްކޮށް ދައްކާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ގުޅުން އިތުރަށް ގޯސްވި ވަގުތު އަމްރު ނުކުންނެވީ ނަޝީދަށް ކެމްޕެއިން ކޮށްދެއްވުމަށެވެ. އެކަމާ ގުޅިގެން ރައީސް ވަނީ ކެމްޕޭން ތެރޭގައި ވާހަކަ ދައްކަވައިފަ އެވެ. އަދި މި ހަފްތާގައި ޖުމްހޫރީ ޕާޓީއާ އެކު ރިޔާސީ އިންތިހާބަށް ނުކުތުމާ ބެހޭ ގޮތުން ނަޝީދުގެ ފަރާތްޕުޅުން އަމްރު ވަނީ ޖުމްހޫރީ ޕާޓީއާ ބައްދަލު ވެސް ކުރައްވައިފަ އެވެ.

ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި، ރައީސާ ދެކޮޅަށް ކެމްޕޭނު ކުރައްވާ ބޭފުޅުން މަގާމުން ވަކިކުރަން ޖެހޭނެ ކަމަށް ރައީސަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވާއިރު އެކަން އެހެން ނުކުރެވޭނެ ކަމަށް ބުނެ އެއްބަޔަކު އަނެއް ބަޔަކަށް ރައްދު ދިނުން ވެސް މިހާރު ވަނީ އިތުރުވެފަ އެވެ.



More from Mihaaru