ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 4.2 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް ވިއްކަނީ

Fri, 18 Oct 2024 11:53 AM

View on this article on Khabaru Online

ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 4.2 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް ވިއްކަނީ

ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 4.2 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކުމަށް މާލީ ވުޒާރާއިން ނިންމައިފިއެވެ. މި ޓީ-ބިލްތައް ވިއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ވިއްކާ 4 ޓީ-ބިލްގެ ތެރޭގައި ހިމެނެނީ 28 ދުވަހުން އަނބުރާ ދެއްކުމަށް 1.9 ބިލިއަން ރުފިޔާގެ ޓީ-ބިލާއި، 98 ދުވަހުން އަނބުރާ ދެއްކުމަށް 172 މިލިއަން ރުފިޔާގެ ޓީ-ބިލާއި، 182 ދުވަހުން އަނބުރާ ދެއްކުމަށް 830 މިލިއަން ރުފިޔާގެ ޓީ-ބިލާއި، އަދި 364 ދުވަހުން އަނބުރާ ދެއްކުމަށް 1.2 ބިލިއަން ރުފިޔާގެ ޓީ-ބިލެވެ.



ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. މި ބިލްތައް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ކުޑަ އަގެއްގައި، އަދި ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން އޭގެ އަސްލު އަގު އަނބުރާ ދައްކާ ގޮތަށެވެ. މި ނިޒާމުގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ. މިހާރު ރާއްޖޭގައި ޓީ-ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި، ޕަބްލިކް ކުންފުނިތަކާއި، ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.

މި ޓީ-ބިލްތައް ވިއްކަން ނިންމާފައިވާއިރު، ސަރުކާރުން ދަނީ އާމްދަނީ އިތުރުކުރުމަށް އިތުރު ފިޔަވަޅުތަކެއްވެސް އަޅަމުންނެވެ. މިގޮތުން ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވެއެވެ. އެގޮތުން ޓޫރިޒަމްގެ ޚިދުމަތްދޭ ފެސިލިޓީތަކުން ނަގާ ޓީޖީއެސްޓީ ހިމެނޭހެން 3 ޓެކުހެއް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވެއެވެ.

މި އިޞްލާޙުތައް ފާސްވެއްޖެނަމަ، އަހަރަކު 2.6 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި އިތުރުވެ، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ 3 އިންސައްތައާ ހަމައަށް އިތުރުވާނެކަމަށް މާލީ ވުޒާރާއިން ލަފާކުރެއެވެ.

The post ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 4.2 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް ވިއްކަނީ first appeared on Khabaru Online.



More from Khabaru Online