ޅ. އަތޮޅު ބަޔޮސްފިއާ ރިޒާވްއަކަށް ހަދަނީ

Fri, 18 Oct 2024 11:51 AM

View on this article on Khabaru Online

ޅ. އަތޮޅު ބަޔޮސްފިއާ ރިޒާވްއަކަށް ހަދަނީ

ބަޔޮސްފިއާ ރިޒާވްއަކަށް ޅ. އަތޮޅު ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިކަން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ހާމަކުރައްވައިފިއެވެ.



ބުރާސްފަތި ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މި މަޝްރޫޢުއަށް ބޭނުންވާ މާލީ އެހީތެރިކަން ޔޫއެންޑީޕީން ހިންގާ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީއިން ހަމަޖައްސައިދީފައިވާ ކަމަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅަކާ އެއްގޮތަށް ކުރިއަށްދާ މަޝްރޫޢުއެއް ކަމަށާއި، މިއާއެކު ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު ދެ ސަރަހައްދެއް ބަޔޮސްފިއާ ރިޒާވްއަކަށް ހެދުމަށް ވަނީ ރޭވިފައެވެ.

ޔުނެސްކޯއިން ކަނޑައަޅާ ބަޔޮސްފިއާ ރިޒާވްތަކަކީ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށާއި، ބަޔޯޑައިވަރސިޓީ ދެމެހެއްޓުމަށް ޚާއްޞަކުރެވޭ ސަރަހައްދުތަކެކެވެ. މި ސަރަހައްދުތައް ކަނޑައެޅެނީ 10 އަހަރުގެ މުއްދަތަކަށް ކަމަށާއި، އޭގެ ފަހުން އެ ސަރަހައްދެއް ބެލެހެއްޓިފައިވާ ގޮތް ވަޒަންކުރުމަށްފަހު، ހާލަތު ރަނގަޅުނަމަ އެ ނަން ދެމެހެއްޓޭނެއެވެ. ބަޔޮސްފިއާ ރިޒާވްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއެކު، ދިރޭތަކެތީގެ ނަސްލާއި މާޙައުލު ރައްކާތެރިކޮށް، އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަގުފަހިކުރާ ނިޒާމެކެވެ.

ދިވެހިރާއްޖެ ބަޔޮސްފިއާ ރިޒާވްއަކަށް ހެދުމުގެ މަސައްކަތް ފެށިފައިވަނީ 2012 ވަނަ އަހަރުގައެވެ.

The post ޅ. އަތޮޅު ބަޔޮސްފިއާ ރިޒާވްއަކަށް ހަދަނީ first appeared on Khabaru Online.



More from Khabaru Online