އިގްތިސާދީ ދަތިތަކާ ހެދި ޕާކިސްތާންގެ 8 ލައްކަ ޕްރޮފެޝަނަލުން ގައުމުން ބޭރަށް

Sat, 06 Apr 2024 03:48 PM

View on this article on Kaafu Online

އިގްތިސާދީ ދަތިތަކާ ހެދި ޕާކިސްތާންގެ 8 ލައްކަ ޕްރޮފެޝަނަލުން ގައުމުން ބޭރަށް

ޕާކިސްތާނަށް ދިމާވެފެއިވާ އިގްތިސާދީ ދަތިތަކާ ހެދި ޕާކިސްތާނުން ހިޖުރަ ކުރާ މީހުންގެ އަދަދު އިތުރު ވެފައި ވެއވެ. ތަފާސްހިސާބުން ދައްކާ ގޮތުގައި ނިމިދިޔަ އަހަރު ޕާކިސްތާނުން އަށް ލައްކަ 60 ހާސް މީހުން ބޭރަށް ހިޖުރަ ކޮށްފައި ވެއެވެ. ލަފާ ކުރެވޭ ގޮތުގައި މިހިނގާ އަހަރުވެސް ހަމަ އެވަރަށް މީހުން ގައުމުން ބޭރުވެގެން ދާނެއެވެ.



މިއީ މިދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަކަށް މީހުން ބޭރަށް ހިޖުރަ ކުރި އަހަރެވެ. މި މީހުންނަކީ ޕާކިސްތާންގައި އެކިއެކި ޕްރޮފެޝަނަލް މަގާމުތަކުގައި މަސައްކަތް ކުރަމުން ދިޔަ މީހުންނެވެ.

ޕާކިސްތާނުގެ ބިއުރޯ އޮފް އެމިގްރޭޝަން އެންޑް އޯވަސީސް އެމްޕްލޯއިމަންޓް (ބީއީއޯއީ) ގެ ރިޕޯޓުން ހާމަވާ ގޮތުގައި ފުރައިގެން ދިޔަ މީހުންގެ ތެރެއިން 22،760 މީހުންނަކީ އެންމެ މަތީ ފެންވަރުގެ ކޮލިފިކޭޝަންތަކެއް ހުރި މީހުންނެވެ. އަދި 45،687 މީހުންނަކީ މަތީ ހުނަރުވެރިންގެ ގޮތުގައި ބެލެވިފައިވާ މީހުންނެވެ. މި 8،60،000 މީހުންގެ ތެރޭގައި ހިމެނެނީ 8،741 އިންޖިނިއަރުންނާއި، 7،390 އެކައުންޓެންޓުންނާއި، 3،486 ޑޮކްޓަރުންނާއި، 1،533 ޓީޗަރުންނެވެ.

މި ރެކޯޑްކުރެވިފައިވާ އަދަދަކީ ބިއުރޯ އޮފް އެމިގްރޭޝަން އެންޑް އޯވަސީސް އެމްޕްލޯއިމަންޓްގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދެވެ. އެހެންކަމުން އާންމުކުރި އަދަދަކީ ދަށް އަންދާޒާއަކަށް ވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް އެފަރާތުން ބުނެއެވެ.

ޕާކިސްތާންގައި އެވަރެޖުކޮށް، ދިހަހާސް މީހުން ކޮންމެ އަހަރަކު ވެސް ގަވާއިދާ ހިލާފަށް ގައުމުން ބޭރަށް ބަދަލުވާން މަސައްކަތް ކުރެ އެވެ. އެގޮތުން  ސީދާ ވަޒީފާތަކަށް ދިއުމަށް ނުކުންނަ މީހުންނާއި ބޭރުގައި ކިޔެވުމުގެ ފުރުސަތުތައް ހޯދައިގެން ނިކުންނަ މީހުން މި ޑޭޓާގެ ތެރޭގައި ހިމަނާފައެއް ނުވެއެވެ.

ޕާކިސްތާނުގެ ޕާސްޕޯޓަކީ ދުނިޔޭގެ އެންމެ ދަށް ރޭންކުގައި ހިމެނޭ ޕާސްޕޯޓެވެ. އެހެންވެ ވިސާ ހޯދުމުގައިވެސް ޕާކިސްތާނަށް ދަތިތަކެއް ކުރިމަތި ވެއެވެ.

ޕާކިސްތާނުން ހިޖުރަ ކުރާ މީހުންގެ ގިނަ ބަޔަކު ފުރައިގެން ދަނީ، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު، އޮމާން އަދި މެލޭޝިއާއަށެވެ. އާދައިގެ ވަޒީފާތަކަށް ދާމީހުންނަކީ، އާންމުކޮށް ލޭބަރުންނާއި ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ދާމީހުންނެވެ.

The post އިގްތިސާދީ ދަތިތަކާ ހެދި ޕާކިސްތާންގެ 8 ލައްކަ ޕްރޮފެޝަނަލުން ގައުމުން ބޭރަށް first appeared on ކާފު އޮންލައިން.



More from Kaafu Online