ލ. މެރިޓައިމް ހަބްގެ މަސައްކަތް ހަވާލުކޮށްފި

Fri, 12 Apr 2024 09:58 PM

View on this article on Kaafu Online

ލ. މެރިޓައިމް ހަބްގެ މަސައްކަތް ހަވާލުކޮށްފި

ލ. އަތޮޅު ގާދޫގައި ތަރައްޤީކުރާ "މެރިޓައިމް ހަބް" ރަސްމީކޮށް އިފްތިތާޙްކޮށް، އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކާ ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.



މެރިޓައިމްގެ ތަފާތު ގިނަ ޚިދުމަތްތައް ފޯރުކޮށްދޭގޮތަށް ލ. ގާދޫގައި ތަރައްޤީކުރާ "މެރިޓައިމް ހަބް" ރަސްމީކޮށް އިފްތިތާހްކުރީ ލާމު އަތޮޅުގައި ސަރުކާރުން ކުރިއަށް ގެންދާ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް އިފްތިތާޙްކުރުމަށް ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

ގާދޫ މެރިޓައިމް ހަބްގެ މަޝްރޫއުގައި ސޮއިކުރެއްވީ އެމްޕީއެލްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް އެވެ. މި މަޝްރޫއު އެމްޕީއެލް އިން ހިންގަނީ މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ހިމެނޭ "އިންޓަގްރޭޓާޑް ކޮންސެޕްޓް" އެއްގެ މައްޗަށެވެ.

މި ހަފްލާގައި ލ. "މެރިޓައިމް ހަބް" ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަވާލުކުރެވުނު ޗައިނާގެ ކެމް.ސީ އިންޖިނިއަރިންގ ކޯ ލިމިޓަޑާއެކު އެމް.ޕީ.އެލް އިން ވަނީ ފަހުމުނާމާގައި ސޮއިކޮށްފައެވެ.

ގާދޫގައި ތަރައްޤީކުރާ މެރިޓައިމް ހަބަކީ ޝިޕިން ޓްރޭޑް ލޮޖިސްޓިކްސް އަދި ފަތުރުވެރިކަން ފަދަ މެރިޓައިމް އެކި ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ ޙާއްސަ ސަރަހައްދެކެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް މަގުފަހިވެ ވަޒީފާގެ ފުރުސަތުތަކާއި އުމްރާނީ ތަރައްޤީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ލ. އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރާ ކްރޫޒް ޓަރމިނަލްއެއް ޤާއިމްކުރެވިގެންދާނެއެވެ. އަދި މީގެއިތުރުން ގާދޫއާއި ފޮނަދޫއާއި އިންވެގެން އޮތް ފަޅުތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ އީކޯ ރިސޯޓު ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު އެ ސަރަހައްދުގައި ސުޕަރ ޔޮޓް މެރީނާއެއްވެސް ޤާއިމްކުރެވޭނެއެވެ.

ސުޕަރ ޔޮޓް މެރީނާއަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ ޔޮޓްތައް ޕާރކްކުރެވޭގޮތަށް ފަރުމާކުރެވޭނެ ޚާއްސަ ސަރަހައްދެކެވެ.

އޮފްޝޯރ ބަންކަރިންގްގެ ޚިދުމަތުގެ އިތުރުން ގާދޫގައި ވެލާ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމަށްވެސް ވަނީ މި މަޝްރޫއުގެ ތެރެއިން ނިންމާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ ލާމު "މެރިޓައިމް ހަބް" އަކީ ލާމު އަތޮޅުގެ އިޤްތިސާދަށް "އާދަޔާ ހިލާފު ފައިދާއެއް" ކުރާނެ މަޝްރޫއެއް ކަމަށެވެ.

"އަޅުގަނޑު (ލ. އަތޮޅު) ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ މި ފެށިގެންދާ މަޝްރޫޢޫތަކުން މަދުވެގެން ސީދާކޮށް 2000 މުވައްޒަފުން ބޭނުންވާނެކަން. އަދި އިންޑައިރެކްޓްކޮށް އާދަޔާ ހިލާފަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެ. މިކަންތައްތައް ފުރިހަމަވުމުން މި އަތޮޅާއި އަދި ކައިރީގައި އޮތް އަތޮޅުތަކުގެ ރައްޔިތުންނަށްވެސް އާދަޔާ ހިލާފު އިޤްތިސާދީ މަންފާތަކެއް ކުރާނެ،" ވަޖީހް ވިދާޅުވިއެވެ.

ވަޖީހް ވިދާޅުވީ އެމް.ޕީ.އެލްގެ ވިސްނުމަކީ ތަފާތު އެކި ދާއިރާތަކަށް ވިޔަފާރި ފުޅާކޮށް، އާމްދަނީ އިތުރުކޮށް ޤައުމުގެ އިޤްތިސާދީ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކުރުން ކަމަށެވެ.

މަޝްރޫއުގައި ހިމެނޭ މުހިންމު ބައިތައް:

* އޮފްޝޯ ބަންކަރިންގެ ހިދުމަތް

* ކްރޫޒް ޓާމިނަލްގެ މަސައްކަތް

* ކޯލްޑް ސްޓޯރޭޖު ހިދުމަތް

* އިކޯ ޓޫރިޒަމްގެ ރިސޯޓް

* ސުޕަ ޔޮޓް މެރީނާއެއް

* ޓްރާންޝިޕްމަންޓް ޕޯޓް

"އެމް.ޕީ.އެލް މިސްރާބު ޖަހާފައި މިވަނީ ހަމަ އެކަނި ކޮންޓޭނަރ ކޮޅެއް އޮޕަރޭޓްކޮށްގެން ލިބޭ އާމްދަނީއަށްވުރެ ދިވެހިރާއްޖެ ތަރައްޤީކުރުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެއްބާރުލުން ދީ އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމަށްޓަކައި. މިސްރާބު ބަދަލުކޮށް ވިޔަފާރި ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކެއް މިއީ،" ވަޖީހް ވިދާޅުވިއެވެ.

ޒަމާނީ ތަރައްގީއާއެކު ލ. އަތޮޅު އަންނަ މެރިޓައިމް ހަބްގެ ޚިދުމަތާއެކު މި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީގެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ.  މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އީކޯ-ފްރެންޑްލީ ޑިވަލޮޕްމަންޓް މެތޮޑްސް ތެރެއިންނެވެ.

The post ލ. މެރިޓައިމް ހަބްގެ މަސައްކަތް ހަވާލުކޮށްފި first appeared on ކާފު އޮންލައިން.



More from Kaafu Online