ނަތަންޔާހޫގެ ދޮގުތަކުން ޖަރީކޮށްފައިވާ ތަޤްރީރު

Thu, 25 Jul 2024 12:48 PM

View on this article on Kaafu Online

ނަތަންޔާހޫގެ ދޮގުތަކުން ޖަރީކޮށްފައިވާ ތަޤްރީރު

ކޮންގްރެސްގެ ދެގޭގެ މެމްބަރުންނަށް އެއްކޮށް ބާއްވާފައިވާ ޖަލްސާގައި ވާހަކަ ދައްކަމުން ޒަޔަނިސްޓް ބޮޑު ވަޒީރު ނަތަންޔާހޫ ބުނެފައި ވަނީ އޭނާ ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި އެންމެ މަދަނީއަކު ވެސް ޝަހީދުވެފައި ނުވާނެ ކަމަށެވެ. ހަނގުރާމައިގެ މުޖުރިމެއް ކަމުގައި ދުނިޔެއިން ދެކޭ ނަތަންޔާހޫ ކޮންގްރެސްގައި ވާހަކަ ދައްކަމުން ދިޔައިރު ކޮއްޅަށް ތެދުވެ މެމްބަރުން އޭނާއަށް  އަދަބު ތަޢުޒީމު އަދާކުރަމުން ދިޔައެވެ. އަދި އޭނާގެ ބުހުތާން ދޮގުތަކަށް ބާރަތް އަތް ޖަހަމުން ދިޔައެވެ.



މި ޖަލްސާގައި ފަލަސްޠީނު ދަރިކޮޅުގެ މަންދޫބު ރަޝީދާ ޠުލައިބު އިންނެވީ ފަލަސްތީނުގެ ދިދައަކާއެކު ކޫފިޔާއެއް ތުރުކުރައްވައިގެންނެވެ. އަދި ނަތަންޔާހޫއަކީ ހަނގުރާމައިގެ މުޖުރިމެއްކަމަށް ބުނާ ބޯޑެއްވެސް އޭނާ ގެންގުއްވިއެވެ.

ނަތަންޔާހޫގެ ތަޤްރީރުގައި ބޮޑު ތިން ދޮގެއް ހެއްޖެވެ.

އޭނާ ވަނީ އިޒްރޭލުން ފަލަސްޠީނު މީހުން ބަނޑަށް ޖައްސާފައި ނުވާނެ ކަމަށް ބުނެ، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރަށް ބަހުގެ ހަމަލަ ދީފައެވެ. އެހީ ދޭ ފަރާތްތަކާއި އދން އަބަދުވެސް ސާބިތުކޮށްދީފައި ވަނީ އިޒްރޭލުން ފަލަސްޠީނުގެ އާބާދީ ބަނޑަށް ޖައްސާފައިވާ ކަމަށެވެ.

އަދި އެމެރިކާގައި އިޒްރޭލާ ދެކޮޅަށް ކުރާ މުޒާހަރާތަކަކީ އީރާނުން ފައިސާ ދީގެން ކުރިއަށް ގެންދާ މުޒާހަރާތަކެއްކަމަށް ބުނެ އެމެރިކާގެ ސަލާމަތީ އިދާރާގެ ވެރިންނާ ޙަވާލާދީ ދެވަނަ ދޮގެއްވެސް އޭނާ ހެއްޖެވެ.

އިޒްރޭލަށް ސަޕޯޓު ކުރާ ނިއުޔޯކް ޓައިމްސްއިން ބުނެފައި ވަނީ ސާފުބަހުން އީރާނާ ގުޅުވައިގެން އެމެރިކާގެ ސަލާމަތީ މަސްއޫލުވެރިން އެފަދަ ބަޔާނެއް ދީފައި ނުވާނެ ކަމަށެވެ.

ތިންވަނަ ދޮގަކަށް ނަޔަތްޔާހޫ ބުނެފައި ވަނީ، ނަސްލުތައް ނައްތާލުމަށް ޒަޔަނިސްޓުން ހިންގާ ހަނގުރާމައިގައި މަރުވާ މީހުންގެ އަދަދު ނިސްބަތުން މަދު ކަމަށެވެ. ބައިނަލްއަޤްވާމީ އިދާރާތަކުން ބުނެފައިވާ ގޮތުގައި ޝަހީދުކޮށްފައިވާ 40 ހާހާ ކައިރިކުރާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށެވެ. އަދި މިއީ ނިސްބަތުން އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނައިން މަދަނީން މަރާލި ހަމަލަތައް ކަމަށް ސާބިތުވާ ކަމަށްވެސް ބުނެފައި ވެއެވެ.

ނަތަންޔާހޫގެ ތަޤްރީރަކީ އޭނާގެ ކިލަބަނބު ވެފައިވާ ފަސްބައި ދޮވެލުމަށް ދޮގުތަކުން ޖަރީކޮށް ދިން ތަޤްރީރެކެވެ.

“އިޒްރޭލު ސިފައިންގެ ތެރޭގައި ހިމެނޭ، މުސްލިމު ސިފައިން ވަނީ އެމީހުންގެ ޔަހޫދީ އަދި ނަޞާރާ ބައިވެރިންނާ ގުޅިގެން ހިތްވަރުގަދަ ކަން ދައްކާފަ.” ނަތަންޔާހޫ އޭނާގެ ތަޤްރީރުގައި ބުންޏެވެ.

The post ނަތަންޔާހޫގެ ދޮގުތަކުން ޖަރީކޮށްފައިވާ ތަޤްރީރު first appeared on Kaafu News.


More from Kaafu Online