ތަހުގީގު އަވަސްކޮށް މިދިޔަ މަހުގެ ނިޔަލަށް ވަނީ 48 ފުލުހަކަށް ފިޔަވަޅު އަޅާފައި: ސީޕީ އަލީ ޝުޖާއު

Tue, 22 Oct 2024 06:45 PM

View on this article on Huvadhoo News

ތަހުގީގު އަވަސްކޮށް މިދިޔަ މަހުގެ ނިޔަލަށް ވަނީ 48 ފުލުހަކަށް ފިޔަވަޅު އަޅާފައި: ސީޕީ އަލީ ޝުޖާއު

ފުލުހުންނާ ގުޅިގެން ހުށައެޅޭ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް، މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް 48 ފުލުހަކަށް ފިޔަވަޅު އަޅާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.



ރައީސް އޮފީހުގައި އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ސީޕީ ޝުޖާއު ވިދާޅުވީ، ފުލުހުންނާ ގުޅިގެން ހުށައެޅޭ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ގިނަ ފަހަރަށް ޢާންމު ނުކުރެވޭ ކަމަށެވެ. ނަމަވެސް މިފަދަ މަޢުލޫމާތު ހާމަކުރުމަށް އިސްކަންދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް 48 ފުލުހަކަށް ފިޔަވަޅު އަޅާފައިވޭ. މީގެ ތެރެއިން 17 ފުލުހަކު ފުލުހުންގެ ޚިދުމަތުން ވަކި ކޮށްފައިވޭ،” ސީޕީ ޝުޖާއު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށްވެސް ސީޕީ ޝުޖާއު އަލި އަޅުވާލެއްވިއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 177 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މުއްދަތުގައި ރާއާއި ބަނގުރާ ފުޅި ހިމެނޭހެން 8،300 އަށްވުރެ ގިނަ ތަކެތި އަތުލައިގަނެފައިވާއިރު، އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ މަގުމަތީ އަގު 328 މިލިޔަން ރޔަން ރުފިޔާއަށް އަރާކަމަށް ސީށް ސީޕީ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ގުޅިގެން 900 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ 145 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށްވެސް ސީޕީ ޝުޖާއު ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތް ހަރުދަނާކުރުމުގެ ގޮތުން އަލަަށް ފުލުހުން ޚިދުމަތަށް ނެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ސީޕީ އަލިއަޅުއްވާލެއްވިއެވެ. މިގޮތުން މިހާރުވެސް 360 އަށްވުރެ ގިނަ ފުލުހުން ތަމްރީން ހަދަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ޓްރެއިނިން ހަދައިގެން ހިދުމަތަށް އަންނަ ކުދިން، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މާ ރަނގަޅުވާނެ. އެހެންކަމުން މިހާރު ފުލުހުންގެ ޚިދުމަތުގައި ޓްރެއިނިން ނުހަދައި ތިބި ފުލުހުންނަށް ތަމްރީން ދެވޭތޯ މިދަނީ މަސައްކަތް ކުރަމުން،” ސީޕީ ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތްތައް ހަރުދަނާކުރުމަށް އެ ޚިދުމަތުން މިހާރު ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ މުއައްސަސާއަށް ބޭނުންވާ ވަސީލަތްތައް ހޯދައި، ފުލުހުންނަށް ދެވޭ ތަމްރީންތައް ދަނީ އިތުރުކުރަމުންނެވެ. އަދި ކުށްތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ އަދަދުވެސް މިހާރު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

ސީޕީ ޝުޖާއު ދެއްވި މައުލޫމާތުގައި، މަަސްތުވާތަކެއްޗާގުޅޭ 355 މައްސަލައިގެ ތަޙުޤީޤު ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މާލެއާއި އަތޮޅު ތެރޭގައި މަސްތުވާތަކެއްޗާގުޅޭ 155 އޮޕަރޭޝަނެއް ހިންގާފައިވާކަމަށާއި، މަސްތުވާތަކެތީގެ ތަހުގީގު ތަކަށް 12،000 އަށްވުރެ ގިނަ ތަން ބަލާ ފާސްކޮށްފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



More from Huvadhoo News