ބޯޑަރު ހުރަސްކޮށް ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 51 ބިދޭސީއަކު ވަނީ އަނބުރާ ފޮނުވާލާފައި: ޝަމްއާން

Tue, 22 Oct 2024 06:15 PM

View on this article on Huvadhoo News

ބޯޑަރު ހުރަސްކޮށް ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 51 ބިދޭސީއަކު ވަނީ އަނބުރާ ފޮނުވާލާފައި: ޝަމްއާން

ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 51 ބިދޭސީއަކު އަނބުރާ ފޮނުވާލާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ. މި މައުލޫމާތު ހާމަކުރެއްވީ ދާހިލީ ވުޒާރާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.



ޝަމްއާން ވަހީދު ވިދާޅުވިގޮތުގައި، ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ރާއްޖެއަށް އެތެރެވުމަށްޓަކައި ކައުންޓަރފީޓް ނުވަތަ ފޯޖް ޕާސްޕޯޓް ބޭނުންކޮށްގެން އެތެރެވުމަށް ގިނަ ބަޔަކު މަސައްކަތްކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މީގެ ތެރޭގައި ކައުންޓަރފީޓް އަދި ފޯޖް ޕާސްޕޯޓުގެ އިތުރުން، ޝަޚްސު އޮޅުވާލުމަށް ބޭނުންކުރާ ޑޮކިއުމަންޓްތަކާއި އޭގައި ޖަހާފައިވާ ވިސާތަކަކީވެސް ފޯޖްކޮށްފައިވާ ތަކެތިކަން ފާހަގަކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މި އަހަރު 51 ބިދޭސީއެއް ވަނީ އަޅުގަނޑުމެންގެ ބޯޑަރުން ހިފަހައްޓާފައި. މީގެ ތެރޭގައި ކައުންޓަރފީޓް ޕާސްޕޯޓާއި ޝަޚްސު އޮޅުވާލަން މަސައްކަތްކުރާ ޑޮކިއުމަންޓާއި އޭގައި ޖަހާފައި ހުރި ވިސާތަކަކީ ފޯޖްކޮށްފައި ހުރި ވިސާތަކެއްކަން ވަނީ ފާހަގަކުރެވިފައި. އެގޮތުން 51 ބިދޭސީއެއް ވަނީ އަނބުރާ ފޮނުވާލެވިފަ,” ޝަމްއާން ވަހީދު ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން މި އަހަރު އަމާޒު ހިފާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވިއެވެ. މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅޭ 4361 ބިދޭސީއެއް އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާފައިވާކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މި ފޮނުވާލެވުނު ފަރާތްތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު ފަރާތްތަކާއި، އަމިއްލައަށް ފުރަން ބޭނުންވެގެން އެކަމަށް އެދިގެން ފުރުވާލެވުނު ފަރާތްތަކުގެ އިތުރުން، އިމިގްރޭޝަނުން ނޯޓިސް ދިނުމަށްފަހު ފުރުވާލެވުނު ފަރާތްތައް ހިމެނެއެވެ.



More from Huvadhoo News