ހުޅުމާލޭގައި ހިނގި ސްޕޯޓްސް ކާރު އެކްސިޑެންޓް: ވިސާމްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

Tue, 22 Oct 2024 12:30 PM

View on this article on Huvadhoo News

ހުޅުމާލޭގައި ހިނގި ސްޕޯޓްސް ކާރު އެކްސިޑެންޓް: ވިސާމްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ހުޅުމާލޭގައި މިދިޔަ ސެޕްޓެމްބަރު މަހު ހިނގި އެކްސިޑެންޓެއްގައި ސްޕޯޓްސް ކާރު ދުއްވި ފަރާތުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.



ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީ ހިތަދޫ ވައިލެޓްފެހި، މުހައްމަދު ވިސާމް ސިއްދީގު (26 އަހަރު) ގެ މައްޗަށް ދައުވާކުރުމަށް އެދި މިދިޔަ ހޮނިހިރު ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ރޭ މެންދަމު 2:48 ހާއިރު ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައެވެ. ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހުމުން ހިނގި މި އެކްސިޑެންޓުގައި މަރުވެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ލ. އިސްދޫ ބީޗްހައުސް، ހަސަން ސަމާހް (23 އަހަރު) އެވެ.

ފުލުހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ސަމާހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ވިސާމް މިހާރު ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. ހުޅުމާލޭ ކޯޓުން ނެރުނު ބަންދު އަމުރު ވިސާމްގެ ފަރާތުން އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ވެސް ވަނީ އެ އަމުރަށް ތާއީދުކޮށްފައެވެ.

ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ވިސާމަކީ ކާރު ދުއްވުމުގެ ލައިސަންސް ވެސް ނެތް މީހެކެވެ.



More from Huvadhoo News