ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑު ކުރުމުގެ ބިލު ކޮމިޓީއަށް

Tue, 22 Oct 2024 01:23 PM

View on this article on Huvadhoo News

ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑު ކުރުމުގެ ބިލު ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު ދިރާސާކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.



މި ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދިނުމުގައި، ޖަލްސާއަށް ހާޟިރުވެ ތިއްބެވި 71 މެންބަރުންގެ ތެރެއިން 65 މެންބަރުން ވޯޓު ދެއްވާފައިވާއިރު، އެމްޑީޕީގެ 3 މެންބަރުން ވަނީ ބިލު ބަލައި ނުގަތުމަށް ވޯޓު ދެއްވާފައެވެ.

މި ބިލު ދިރާސާކުރުމަށް ނިންމާފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ. ބިލުގައި ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމާއި، ވޭޕް އެތެރެކުރުން މަނާކުރާ ތާރީޚާ ހަމައަށް އެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.

ބިލުގައި ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި:

  • – ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކުން ނަގާ ޑިއުޓީގެ މިންވަރު 200 އިންސައްތަ ބޮޑުކުރުން
  • – ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 50 އިންސައްތަ ބޮޑުކުރުން
  • – ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތަކުގެ ޑިއުޓީ 50 އިންސައްތަ ބޮޑުކުރުން

ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވަނީ ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާކުރުމަށްވެސް ނިންމަވާފައިވެއެވެ.

މީގެ އިތުރުން، ދުންފަތުގެ އުފެއްދުންތަކުގެ ވިޔަފާރީގެ މުއާމަލާތްކުރެވޭ އެންމެ ހަގު އުމުރު 21 އަހަރަށް ބަދަލުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށްވެސް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރެވެއެވެ.



More from Huvadhoo News