ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބާރަށުގައި އިކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއު ފަށަނީ

Mon, 21 Oct 2024 09:07 PM

View on this article on Huvadhoo News

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބާރަށުގައި އިކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއު ފަށަނީ

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ބާރަށު އިކޯ ޓޫރިޒަމް މަޝްރޫއު އިންޓަރނޭޝަނަލް ބިޑަށް މިއަދު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކުރި އިއުލާނެއްގައި ވަނީ ބާރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 71,832 އަކަފޫޓުގެ ބިމުގައި 75 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 28 އޮކްޓޯބަރު ވާ ހޯމަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 05 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެ މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ބާރަށު ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފަންނީ ހުރިހާ މަސައްކަތްތަކެއް ކުރާނީ ޓޫރިޒަމް މިނިސްޓްރީންނެވެ.

މި މަޝްރޫއުއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ބާރަށު ޓޫރިޒަމް ޒޯން އިންޓަރނޭޝަނަލް ބިޑަށް މިއަދު ހުޅުވާލެވިގެން ދިއުމަކީ ބާރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް ލިބިގެން ދިޔަ ތާރީޚީ ބޮޑު އުފަލެއް ކަމަށެވެ.

މި މަޝްރޫއު ކާމިޔާބު މަޝްރޫއުއަކަށް ހެއްދެވުމަށް ރައީސް ކޮށްދެއްވަމުންގެންދަވާ މިންނެތް މަސައްކަތްޕުޅަށް ނުހަނު އިޚްލާސްތެރިކަމާއެކު ރަށުގެ ލޮބުވެތި ރައްޔިތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރުދަންނަވަން. ‏އަދި ހަމައެހެންމެ މި މަޝްރޫއު ކާމިޔާބު ކުރުމަށް ރައީސްގެ ލަފާފުޅާ އިރުޝާދުގެ ދަށުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް އާއި އެމަނިކުފާމުގެ ޓީމް ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.

ޝުޖާއު ވިދާޅުވީ މި މަޝްރޫއުއަކީ ބާރަށު ރައްޔިތުންގެ އުންމީދު ކަމަށާއި، ‏މިއީ އެ ރައްޔިތުންގެ ހުވަފެންތަކާއި ގުޅިފައިވާ މަޝްރޫއުއެއް ކަމަށެވެ.





More from Huvadhoo News