އެންޑީއޭ ގައި މަސައްކަތް ކުރުމުގެ އިންޓާންޝިޕް ފުރުސަތު އަންނަ ހަފުތާ ތެރޭގައި ހުޅުވާލަނީ

Mon, 21 Oct 2024 06:58 PM

View on this article on Huvadhoo News

އެންޑީއޭ ގައި މަސައްކަތް ކުރުމުގެ އިންޓާންޝިޕް ފުރުސަތު އަންނަ ހަފުތާ ތެރޭގައި ހުޅުވާލަނީ

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި މަސައްކަތް ކުރުމުގެ އިންޓާންޝިޕް ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް އެންޑީއޭގެ ޗެއާޕާސަން ލުބްނާ މުހައްމަދު ޒާހިރު ހާމަކުރައްވައިފިއެވެ. ލުބުނާ މިހެން ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.



ލުބްނާ ވިދާޅުވި ގޮތުގައި މި ފުރުސަތު ހުޅުވާލެވޭނީ އޯލެވެލް އަދި އޭލެވެލް ނިންމާފައިވާ ދަރިވަރުންނަށާއި، ސައިކޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ލީގަލް އެސިސްޓަންޓުންނާއި ކައުންސެލަރުންގެ އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ވެސް ހުޅުވާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ޕިއާ ތެރަޕިސްޓުންނާއި ޕިއާ ރިކަވަރީ މެންޓަރުންނަކީ އެންޑީއޭއަށް ވަރަށް މުހިންމު ދާއިރާތަކެއް. އަޅުގަނޑު އުންމީދުކުރަނީ ޒުވާނުން މި ފުރުސަތުގައި ބައިވެރިވެ، ވަޒީފާގެ ތަޖުރިބާ ހޯދައި، މުސްތަޤުބަލުގައި ވަޒީފާގެ އިތުރު މަރުހަލާތަކަށް ދާއިރު ބޭނުންތެރި ތަމްރީނުތަކެއް ލިބިގަންނާނެ ކަމަށް،” ލުބްނާ ވިދާޅުވިއެވެ.

މި ސަރުކާރުން އެންޑީއޭގެ މަސައްކަތްތަކާ ހަވާލުވިއިރު އެތަނުގައި މަސައްކަތްކުރާނެ ސައިކެޓްރިސްޓެއް ވެސް ނެތްކަމަށް ލުބްނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު އިތުރު މުވައްޒަފުންނާއި ދެ ސައިކެޓްރިސްޓުން ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންޑީއޭއިން މި ފުރުސަތު ހުޅުވާލުމަކީ ޒުވާނުންނަށް މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމާ ގުޅޭ ތަޖުރިބާ ހޯދުމުގެ މުހިންމު ފުރުސަތެއް ކަމަށް ބެލެވެއެވެ.



More from Huvadhoo News