މަސްވެރިންގެ ގައުމީ ދަފުތަރުގެ މަސައްކަތް ނިމުމަކަށް، 70 އިންސައްތަ އޮޑި ރަޖިސްޓްރީކޮށްފި

Fri, 18 Oct 2024 08:54 PM

View on this article on Huvadhoo News

މަސްވެރިންގެ ގައުމީ ދަފުތަރުގެ މަސައްކަތް ނިމުމަކަށް، 70 އިންސައްތަ އޮޑި ރަޖިސްޓްރީކޮށްފި

މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގު މަގުސަދުގައި އެކުލަވައިލާ މަސްވެރިންގެ ގައުމީ ދަފުތަރުގައި ރާއްޖޭގައި މަސްވެރިކަން ކުރާ އޮޑިފަހަރުގެ ތެރެއިން %70 އޮޑި ރަޖިސްޓްރީކޮށްފިއެވެ.



މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ މީޑިއާ ކޯޑިނޭޓަރު އަޙްމަދު ޝާފިޢު މިރޭ ”ހުވަދޫ” އަށް ވިދާޅުވީ މިދިޔަ ހަފުތާއާ ހަމައަށް %70 އޮޑި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު އެއް ބޭނުމަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީ ވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތް ދަންނަ، އާމްދަނީ ލިބޭ މަސައްކަތެއް ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ. އަދި މިފަދަ ދަފުތަރެއް އޮތުމަކީ މަސްވެރިން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި، މަސްވެރިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަމާއި، ސަބްސިޑީފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޮންމެހެން މުހިންމު ކަމެކެވެ.

މި ދަފުތަރުގައި މަސްވެރިންގެ ގޮތުގައި ކަނޑައަޅާ ފަރާތަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމުގައި ހިމެނޭ ނުވަތަ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ މަސްވެރިކަމުން ލިބޭ އާމްދަނީން ކަމުގައި ހިމެނޭ ފަރާތަކަށް ވާންޖެހެއެވެ.

މަސްވެރިކަމާބެހޭ ގާނޫނުގެ ދަށުން މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް ކަނޑައަޅާފައި އޮތް ނަމަވެސް، މިހާތަނަށް އެފަދަ ދަފުތަރެއް އެކުލަވައިލާފައެއް ނުވެއެވެ.

މަސްވެރިންގެ ގައުމީ ދަފުތަރު ވީހާވެސް އަވަހަކަށް ފުރިހަމަކުރުމަށްޓަކައި ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވުޒާރާގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ ހުރިހާ އޮޑިފަހަރަކާއި، އެ އޮޑިފަހަރުގެ ފަޅުވެރިން ދަފުތަރުގައި ރަޖިސްޓްރީކޮށް ނިންމުމެވެ.

މި ދަފްތަރު ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމަށް މި މަހުގެ 01 އިން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އައުކުރުމުގެ މަރުހަލާގައި އުޅަނދުގެ އެންމެހައި ފަޅުވެރިން ދަފުތަރުގައި ރަޖިސްޓަރީ ކުރެވިފައިވާކަން ވުޒާރާއިން ދަނީ ކަށަވަރުކުރަމުންނެވެ.



More from Huvadhoo News