އާރްއެސްޑަބްލިޔުގެ މައުލޫމާތު ދިނުމަށް ޓީމްތައް އަތޮޅުތަކުގައި ހަރަކާތްތެރިވަނީ

Fri, 18 Oct 2024 08:29 PM

View on this article on Huvadhoo News

އާރްއެސްޑަބްލިޔުގެ މައުލޫމާތު ދިނުމަށް ޓީމްތައް އަތޮޅުތަކުގައި ހަރަކާތްތެރިވަނީ

މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރްއެސްޑަބްލިޔު) ނިޒާމު ގާއިމުކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޓީމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.



މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ މީޑިއާ ކޯޑިނޭޓަރު އަޙްމަދު ޝާފިޢު މިރޭ ”ހުވަދޫ” އަށް ވިދާޅުވީ އާރްއެސްޑަބްލިޔު ނިޒާމު ގާއިމުކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން މަސްވެރިންނާއި ކައުންސިލްތަކަށް މައުލޫމާތު ދިނުމަށާއި، އެ ފެސިލިޓީއަށް ހުށަހެޅުމަށް ބޭނުންވާ އޮޑިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޓީމުތައް އަތޮޅުތަކަށް ފުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

އެގޮތުން އަންނަ އަންގާރަ ދުވަހާ ހަމައަށް ޓީމުތަކުން ހަރަކާތްތެރިވަމުންދާނެ ކަމަށް ޝާފިޢު ވިދާޅުވިއެވެ.

މި ޓީމުތައް ހަރަކާތްތެރިވާނީ ތ. ހިރިލަންދޫ، ވޭމަންޑޫ، ޅ.ނައިފަރު, ށ. ކޮމަންޑޫ އަދި ހއ. އިހަވަންދޫގައެވެ.

ވުޒާރާއިން މިއަދު ބުނީ ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅުގައި މަސްވެރިކަންކުރާ 100 ވަރަކަށް ދޯނި ހަރަކާތްތެރިވާއިރު، އޭގެ ތެރެއިން 70 ދޯނީގައި އާރްއެސްޑަބްލިޔު ސިސްޓަމް ހަރުކޮށްފައިވާ ކަމަށެވެ. އެ ސިސްޓަމް ހަރުނުކުރަނީ 30 ވަރަކަށް ދޯނީގައިކަމަަށް ވުޒާރާއިން ބުންޏެވެ.

ދެކުނުގެ ހަތަރު އަތޮޅުގައި ދުވާލަކަށް 450 ޓަނުގެ އައިސް އުފެއްދޭ 12 ޕްލާންޓެއް އެބަ ހުރިއެވެ. ނަމަވެސް މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ދޯނިތަކަށް އެކަށީގެންވާ އައިސް ފޯރުކޮށެއް ނުދެވޭ ކަމަށާއި، ހުވަދޫގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ 160 ދޯނި އޮތްއިރު، އެ އަތޮޅަށް މަސްވެރިކަަން ރަނގަޅު ދުވަސްވަރެއްގައި އައިސް ލިބުމުގެ ދަތިކަން ކުރިމަތިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

އާރުއެސްޑަބްލިޔު ސިސްޓަމް ގާއިމުކުރުމަށް ހުޅުވާފައިވާ ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވަނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.

މަސްވެރިކަމާބެހޭ ވުޒާރާއާއި އެސްޑީއެފްސީ ގުޅިގެން ދޫކުރާ މި ލޯނަކީ އިސްލާމީ ޝަރީއާ ހަމަތަކާ އެއްގޮތަށް ދޫކުރެވޭ ލޯނެކެވެ. އެގޮތުން ފައިނޭންސިންގ ހަމަޖެހިފައިވަނީ އެސްޑީއެފްސީ އިން “އާރްއެސްޑަބްލިޔު ފައިނޭންސިންގ” ނަމުގައި ހުޅުވާފައިވާ އިސްލާމިކް ފައިނޭންސިންގ ސްކީމް މެދުވެރިކޮށެވެ.

މި ލޯނަށް އެދި ހުށަހަޅާނީ، އެސްޑީއެފްސީގެ ޕޯޓަލް (https://portal.sdfc.mv) މެދުވެރިކޮށެވެ. އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހެވެ.

އާރްއެސްޑަބްލިއު ފެސިލިޓީގެ ޚާއްސަ ކަންކަން:

• މި ޕްރަޑަކުޓުގެ ދަށުން 2 މިލިއަނާ ހަމައަށް ފައިނޭންސް ހަމަޖެހޭނެ.

• 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ.

• އާރްއެސްޑަބްލިއު ސިސްޓަމާއެކު ޖަނެރޭޓަރާއި ސޯލާ ޕީވީ ގަނެވޭނެ.

• 10 އަހަރު ދުވަހަށް ބަހާލައިގެން ލޯނު ދެއްކޭނެ.

• ގަންނަ ތަކެތީގެ އަގުގެ 35 އިންސައްތަ ދައްކަން ނުޖެހޭނެ.

• އަމިއްލައަށް ނުވަތަ އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނެންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި ރަޖިސްޓަރީކޮށްފައިވާ ވެންޑަރ އެއް މެދުވެރިކޮށް ވެސް މި ފެސިލިޓީ ބޭނުން ކުރެވޭނެ.



More from Huvadhoo News