ވީޓް، މެސްޕާ އަދި ވައިޓަލް ކެއަރ- ހުވަދޫ ގުޅިގެން ތިނަދޫ ސިޓީގައި ސްޕީޗް ތެރަޕީ ސެޝަންތަކެއް ހިނގައިފި

Fri, 18 Oct 2024 07:57 PM

View on this article on Huvadhoo News

ވީޓް، މެސްޕާ އަދި ވައިޓަލް ކެއަރ- ހުވަދޫ ގުޅިގެން ތިނަދޫ ސިޓީގައި ސްޕީޗް ތެރަޕީ ސެޝަންތަކެއް ހިނގައިފި

ވިމެން އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ (ވީޓް) ޖަމްޢިއްޔާއިން އިސްނަގައިގެން މޯލްޑިވިއަން އެސޯސިއޭޝަން އޮފް ސްޕީޗް ލެންގުއޭޖް ޕެތޮލޮޖީ އެންޑް އޯޑިއޮލޮޖީ (މެސްޕާ) އަދި ވައިޓަލް ކެއަރ ހުވަދޫ ގެ އެހީތެރިކަމާއެކު ސްޕީޗް ތެރަޕީ ސްކްރީނިންގ ސެޝަންތަކެއް ތިނަދޫ ސިޓީގައި ކުރިޔަށް ގެންގޮސްފިއެވެ.



18 އޮކްޓޯބަރ 2024 ވަނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ވައިޓަލް ކެއަރ ހުވަދޫ ކުލިނިކްގައި ކުރިއަށް ގެންދިޔަ މި ސެޝަން ތަހަކުގައި ސްޕީޗް -ލޭންގުއޭޖް ޕެތޮލޮޖިސްޓުން ވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރައްވާފައެވެ.

ބޮޑު ތަރުހީބެއް ލިބިފައިވާ މި ސެޝަންތައް ނަންގަވައިދެއްވީ ސްޕީޗް ޕެތޮލޮޖިސްޓުންގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ހުއްދަ ލިބިފައިވާ ތަޖުރިބާކާރު ތެރަޕިސްޓުންކަމުގައިވާ ޝުވޭކާރު ޞާލިޙް އަދި އާމިނަތު ސަމާހަތު ޝަރީފެވެ. ޝުވޭކާރަކީ މަސްޕާގެ ރައީސް ވެސްމެއެވެ.
“ހުވަދޫ މީޑިއާ” އަށް މައުލޫމާތު ދެއްވަމުން ވީޓް ޖަމްޢިއްޔާގެ ރައީސާ މައުސޫމާ އަލީ ވިދާޅުވީ އެ ޖަމިއްޔާ އިން މި ހަރަކާތް ކުރިއަށްގެންދިއުމަށް ބޭނުންވީ ސްޕީޗް ތެރަޕީއަކީ ދިވެހި ރާއްޖެއިން ޚިދުމަތް ލިބުން ދަތި ދާއިރާއަކަށް ވެފައި ހުވަދު އަތޮޅުގައި ނުވަތަ އެ ސަރަޙައްދުގައި މިޚިދުމަތް ބޭނުންވާ ފަރާތްތަކެއް ތިބިތޯ ބެލުމުގެ ގޮތުން ފެށި ހަރަކާތެއް ކަމަށެވެ.

“މީގެ ދުވަސްތަކެއް ކުރިން ވީޓް ޖަމްޢިއްޔާއިންވަނީ މަސްޕާ އާއި އެކު މިކަމާގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ފޭސްބުކްޕޭޖް މެދުވެރިކޮށް މަޢުލޫމާތު ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފަ. ނަތީޖާއެއްގެ ގޮތުން ޢަމަލީގޮތުން ސްޕީޗް ތެރަޕީ ސެޝަން ނެގުމަށް ބޭނުންވާ ވަރަށް ގިނަ ފަރާތްތަކެއް ތިބިކަން ފާހަގަކުރެވިފައިވާތީ މިސެޝަންތައް މިގޮތަށް ކުރިއަށް ގެންދިއުމަށް ނިންމީ. ވީޓް ޖަމްޢިއްޔާގެ އުންމީދަކީ ތިނަދޫ އަކީ މިހާރު ސިޓީއަކަށްވާތީ ސްޕީޗް ތެރެޕީގެ ޚިދުމަތް ސިޓީއިން ރަސްމީކޮށް ލިބެން ހުރުން. ޕްރައިވެޓް ކުލިނިކްތަކުންވެސް މިޚިދުމަތް ފެށުން.” ވީޓް ޖަމިއްޔާ

ވީޓް ޖަމްޢިއްޔާއަކީ ތިނަދޫ ސިޓީގައި އިޖްތިމާޢީ އެކި އެކި ދާއިރާތަކުން  ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މިގޮތުން މިދުވަސްވަރު ތިނަދޫ ސިޓީގައި ވީޓްޖަމްޢިއްޔާއިން އިސްނަގައިގެން ދާރުލް ޤުރުއާން ވަ ސުންނަ އާ ގުޅިގެން އެމްކިއުއޭ ޤަބޫލްކުރާ ސެޓްފިކެޓް ލެވެލްގެ ޖަނާޒާ ކޯސް ލެވެލް 1 ގެ ކުލާސްތައްވެސް ވަނީ ހިންގާފައެވެ.



More from Huvadhoo News