ބަންކަރިންއަށް ޖަހަންވީ ޖޯކެއްނޫން، ސިޔާސީ ރުޅިވެރިކަން އެއްފަރާތްކޮށްލައްވާ!

Wed, 16 Oct 2024 02:57 PM

View on this article on Huvadhoo News

ބަންކަރިންއަށް ޖަހަންވީ ޖޯކެއްނޫން، ސިޔާސީ ރުޅިވެރިކަން އެއްފަރާތްކޮށްލައްވާ!

ދަންނަވަން ހެއްޔެވެ. ދިވެހިރާއްޖޭގައި ބައިނަލްއަގުވާމީ ޙިދުމަތެއް، ދިނުމަށް މި ސަރުކާރުން ފެށި ހިސާބުން ބަޔަކު ލޮލަށް ނިދިނައިސް އުޅޭތަން ފެނުމުން ހަމަ ހައިރާންވިއެވެ.



އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތަކީ އިއްޔެއަކު މިއަދު ރާއްޖޭގައި ފެށުމަށް މަސައްކަތް ކުރިކަމެއް ނޫނެވެ. މެރިޓައިމް ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރުން މި މަސައްކަތް ފަށައިގެން އުޅުއްވާތާ 20 ވަރަކަށް އަހަރުވަނީއެވެ. އެހެން ނަމަވެސް މިކަމުގެ އަމަލީ މަސައްކަތް އެއްވެސް ވެރިކަމެއްގައި ފެށޭގޮތް ނުވުުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކުށެއްނޫނެވެ. އެއީ އެބައެއްގެ ނާގާބިލު ކަމުންނޭ ދެންނެވިދާނެއެވެ.

ދިވެހިރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި 2023 ވަނަ އަހަރު އޮގަސްޓު މަހުގައި ފުރަތަމަ ފަހަރަށް ސޮައި ކުރެވުނެވެ. ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް އެސްޓީއޯ އިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރު އޮގަސްޓް މަހު އެވެ. އެ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ ޕޯޓް ސިޓީގައި ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހަދަން ނިންމާފައިވެ އެވެ.

އިގުތިސާދަށް އިންގިލާބެއް ގެނެސްދޭނެ ބަންކަރިންގ ޚިދުމަތަށް ބޭނުންކުރާ އުޅަނދެއް. ފޮޓޯ: ހުވަދޫ މީޑިއާ

އެހެންނަމަވެސް އެ އެއްބަސްވުން ރިވިއު ކުރުމަށްފަހު ސަރުކާރުން ނިންމީ ވީހާވެސް އަވަހަށް ބަންކަރިންގެ އަމަލީ މަސައްކަތް ފެށުމަށް ބަންކަރިން މަޝްރޫއު ހިންގުމަށް ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކުއެއްބަސް ވުމަކަށްދާށެވެ. އެއީ މިމަސައްކަތް އެންމެ އަވަހަށް ފެށޭނެ އަވަސްމަގަކީ އެއީކަމަށް ވާތީއެވެ. މިއާއި އެކު ދިވެހިރާއްޖޭގެ ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމުގެ ރަސްމީ މަސައްކަތް ފަށައިގަތެވެ.

ފާހަގަކޮށްލަން ޖެހޭކަމަކީ ބަންކަރިންގެ ހިދުމަތާއިއެކު މެރިޓައިމް ދާއިރާއަށް އަންނާނެ ބަދަލުތަކާއި ލިބޭ ކުރިއެރުން ނުހަނު ބޮޑުކަމެވެ. އެއާއިއެކު ގެންނަންޖެހޭ ބަދަލުތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ( އެމްޕީއެލް ) ފަށައިގަތެވެ. ބަންކަރިންގެ ހިދުމަތް ދިނުމަށް އެސްޓީއޯއިން ސޮއި ކުރިކަމަށް ވިޔަސް މިއީ ދުނިޔޭގެ ވިޔަފާރީގެ ވަކި ގާނޫނެއްގެ ދަށުން ވަކި މިންގަނޑަކަަށް ފެތިގެން ނޫނީ ހުއްދަ ލިބޭކަމެއް ނޫނެވެ. މިކަމަށް ޙާއްސަ ވަކި ގޭޓެއް ހުންނަން ވެއެވެ. ވަކި ޙާއްސަ ޕޯޓެއްމިކަމަށް ޙާއްސަކުރެވިފައި އޮންނަންޖެހެއެވެ. މިމަސައްކަތް ސަރުކާރުގެ އަވަސް ސްޕީޑުގައި ނިންމުމަށް އެމްޕީއެލް ވި ތައްޔާރީތައް އަޅުގަނޑު ހަމަލޮލަށް ދުށީމެވެ.

ހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ޓޫރިޒަމްގެ އިތުރުން ރާއްޖޭގެ އާމްދަނީ އިތުރު ކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތެއް ކަމުން މި ހިދުމަތް ފެށުމަށް އެމްޕީއެލުން ނިންމަންޖެހޭ އޮފީހާއި، ކުރަންޖޭހެ ހުރިހާ މަސައްކަތެއް ވީހާވެސް އަވަހަށް ނިންމުމަކީ އެމްޕީއެލްގެ އެންމެ އިސްކަންދިން މަސައްކަތެވެ. އިހަވަންދިއްޕޮޅުގައި ހިންގާ އުތުުރު ގޭޓްވޭ ޕްރޮޖެކްޓްގެ މަސައްކަތް 2 މަސްދުވަސް ނުވަނީސް ނިންމައި ވަނީ ހިދުމަތް ދިނުމަށް ފަށާފައެވެ.

ބަންކަރިންގ ޚިދުމަތް ދިނުމަށް ގެނެސްފައިވާ ޕައިލެޓް ބޯޓު. ފޮޓޯ: އެމްޕީއެލް

މިދެންނެވި އޮފީހުން ބަންކަރިންގެ ހިދުމަތުގެ ތެރެއިން ޖުމްލަ 14 ހިދުމަތެއް ދިނުމަށްނިންމައި އިއުލާން ކުރިއެވެ. މިއީ ހަމައެކަނި އެމްޕީއެލްގެ ތިޖޫރީއަށް  ވަންނަ ފައިސާއެއް ކަމަށް ދެކިގެން ބަޔަކު މީހުން ހީ ސަމާސާ ކުރިކަމުގައި ވީނަމަވެސް މިއީ ޖުމްލަކޮށް މުޅިރާއްޖޭގެ އިގްތިސާދާއި އަދި އެތައް ރައްޔިތުންގެ ވަޒީފާއާއި ގުޅުންހުރި ބިޔަބޮޑު މަޝްރޫއުއެކެވެ.

10 މަސް ދުވަހުގެ ތެރޭގައި ރައީސްގެ ވިސްނުމާއި އެއްގޮތަށް ބައިނަލްއަގުވާމީ ހިދުމަތެއް ރާއްޖޭގައި ފެށުމަކީ ކުޑަކަމެއް ނޫން. އެއީ ކާމިޔާބު މަސައްކަތެއް”

މިއީ ހޯރަފުށީ ކައުންސިލްގެ ރައީސް އެންމެ ފުރަތަމަވެސް ދެންނެވި ވާހަކަ ކޮޅެވެ. މިއީ އެރައްޔިތުންގެ އިހުސާސްތައް ހުރި ގޮތެވެ. އިހަވަންދިއްޕޮޅުގެ ހުރިހާ ރަށްތަކުގެ ރައްޔިތުންތިބީ މި އުފާވެރިކަމުގެ މަންފާ އެރަށްތަކުގެ ރައްޔިތުންނަށް ލިބޭނެ ކަމުގެ ފޮނި އުއްމީދުގައެވެ. އެހެންކަމުން ސިޔާސީ ރުޅިވެރިކަމުން މިފަދަކަންކަން ރައްޔިތުންނަށް އޮޅުންއަރާގޮތަށް ސިޔާސީ ލީޑަރުން ވާހަކަ ދެއްކެވުމަކީ ދެރަކަމެކެވެ.

ހަމައެކަނި ތެލުގެ ވިޔަފާރިއެއްނޫން!

ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށިގެން ކުރިއަށްދާއިރު މިއީ ހަމައެކަނި ތެލުގެ ވިޔަފާރިއަކަށް ހެދުމަކީވެސް އެންމެ ބޮޑު އެއްގޯހެވެ. ޖިއޮގްރަފީ ގޮތުން ރާއްޖެ ހިމެނޭ ސަރަހައްދަކީ ކަނޑުމަގުން ޔޫރަޕަށް ދަތުރުކުރާ އާގުބޯޓު ފަހަރުތަކަށް އެންމެ ކުރު މަގެވެ. އެހެންކަމުން މިހާރުވެސް އާގު ބޯޓު ފަހަރުތައް ދަތުރުކުރުމުގައި މިސަރަހައްދުން ވަކިން ހާއްސަކޮށް އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރުމަކީ އާ ކަމެއްނޫނެވެ.

މިހާރުވެސް ދުވާލެއްގެ މައްޗަށް 200 އާއި 300 އާއި ގާތްކުރާ އަދަދަކަށް ބޯޓު ފަހަރު ދަތުރު އެބަކުރެއެވެ. މި ސަރަހައްދުން ބަންކަރިންގެ ހިދުމަތް ދެމުންދަނީ އަވަށްޓެރި ސްރީލަންކާގައެެވެ. ބަންކަރިންގެ ހިދުމަތަށް ރާއްޖެ ތައްޔާރުވީ ހަމައެކަނި ތެލުގެ ވިޔަފާރިއަކަށް ނޫނެވެ. އެބޯޓުތަކަށް ދިމާވާ ހުރިހާ ހިދުމަތެއް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ( އެމްޕީއެލް ) އެއޮތީ ތައްޔާރުވެގެންނެވެ.

ކްރޫ ޗޭންޖުން ފެށިގެން ފެނުގެ ހިދުމަތާއި އަދި ބޯޓުފަހަރުގައި އުފެދޭ ކުނި ނެގުމަށްވެސް އެމްޕީއެލް އޮތީ ފިސާރި ތައްޔާރުވެގެންނެވެ. ދައްކަމުންދަނީ ތޯތޯ ވާހަކައެއް ނޫނެވެ. ފެން ބަންކަރިންގ ބޭނުންވެގެން މި ސަރަހައްދުން ދަތުރުކުރާ ބޯޓު ފަހަރުގެ މައި ކުންފުނިން އެއޮތީ އެދިފައެވެ. ބޯޓުގެ ފަޅުވެރިން ބަދަލުކުރުމާއި ޕައިލެޓުން ބަދަލުކުރުމަކީ މިހާރުވެސް ތަޖުރިބާ ކުރެވި ނިމިފައިވާ ކަމެކެވެ. ބަންކަރިންގެ ހިދުމަތާއި ގުޅިގެން އެމްޕީއެލުން ވަނީ ބައިނަލްއަގުވާމީ މެރިޓައިމް ދާއިރާގެ 14 ހިދުމަތެއް ދިނުމަށް ތައްޔާރުވެފައެވެ.

އެހެންކަމުން މިފަދަ އިގްތިސާދީ ބޮޑެތި ކަންކަން ހެޔޮނިޔަތުގައި ކުރަމުންދާއިރު، އަދި އެކަމަކުން މުޅިރާއްޖޭގެ ރައްޔިތުންނަށް ފައިދާ ކުރާއިރު ސިޔާސީ ރުޅިވެރިކަމެއްގެ ތެރެއިން އެކަންކަމުގެ ހަގީގަތް އޮޅުވާލުން ދޫކޮއްލަން އެބަޖެހެއެވެ. ކޮންމެ ބަޔަކު ކުރިޔަސް ހެޔޮނިޔަތުގައި ކަމެއް ކުރާބަޔަކަށް ޖޯކު ޖަހައި ހީސާމާސާ ކުރުމަކީ ވަރަށް ހުތުރުއަމަލެކެވެ. މިއީ ވަކި މީހެއްގެ ރާއްޖެއެއް ނޫނެވެ. މިފަދަ ބޮޑެތި ކަންކަމުން ފައިދާ ވާނީ ހަމަ ދިވެހިރައްޔިތުންނަށެވެ. އަދި އިންޓެނޭޝަނަލް ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފަށައި ކުރިއަށްދާއިރު މިކަމުގައި އެމްޕީއެލުން އިތުރު ވިޔަފާރިއަށް ނިކުތުމުގެ ވިސްނުން ގެންގުޅެ އެކަންކަން ހަގީތަކަށް ހަދަމުން ދިއުމަކީ ޝުކުރު ހައްގު މަސައްކަތެވެ.



More from Huvadhoo News