ކުށުގެ ދޮރުތައް ބަންދުކުރަން ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރާނެ: ސީޕީ

Wed, 16 Oct 2024 02:08 PM

View on this article on Huvadhoo News

ކުށުގެ ދޮރުތައް ބަންދުކުރަން ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރާނެ: ސީޕީ

ކުށްކުރާ މީހުން ހުއްޓުވައި، ކުށުގެ ދޮރުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ދެއްވައިފިއެވެ.



ސީޕީ ޝުޖާއު މި ޔަގީންކަން ދެއްވީ ބ.ދޮންފަނު ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސީޕީ ވިދާޅުވީ މިއަދު ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓާއެކު، ދޮންފަނުގައި ދިރިއުޅޭ ރައްޔިތުންނާއި، އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާންކަމާއި، ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއާއެކު ސައިބަރ ސްޕޭސްގައި ފެތުރެމުންދާ ކުށްތަކާއި، ސްކޭމް މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފަސޭހަވެގެންދާނެކަން ވެސް ސީޕީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތް ގާއިމުވެގެންދިއުމާއެކު ފުލުހުންނާއި، ރައްޔިތުން ގުޅިގެން، ކުށްތައް ހުއްޓުވުމަށް މަސައްކަތްކޮށް، އެފަދަ ދޮރުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ދޮންފަނު ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ސީޕީ ޝުޖާއުގެ އިތުރުން ދޮންފަނު ކައުންސިލުގެ ރައީސް އަޙްމަދު އިރުޝާދެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ސީޕީ ޝުޖާއުއެވެ. އަދި ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލުގެ ރައީސް އިރުޝާދެވެ.

މި ރަސްމިއްޔާތުގައި، ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި، ބ.އަތޮޅު ކައުންސިލުގެ ރައީސް އަޙްމަދު އަފްރާޙާއި، ދޮންފަނު މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



More from Huvadhoo News