މެއި 21 ގެ ކުރިން ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށައަޅަންޖެހޭނެ: އިސްމާއިލް ހަބީބު

Sat, 27 Apr 2024 09:50 AM

View on this article on Huvadhoo News

މެއި 21 ގެ ކުރިން ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށައަޅަންޖެހޭނެ: އިސްމާއިލް ހަބީބު

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން އަންނަ މެއި މަހުގެ 21 ގެ ކުރިން މާލީ ބަޔާން ހުށައަޅަންޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.



ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހަށް ކުރިމަތިލެއްވި ކެންޑިޑޭޓުން،​ ހޮވިވަޑައިގަތަސް ނުވަތަ ހޮވިވަޑައި ނުގަތަސް، އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭ މައުލޫމާތު އިލެކްޝަންސް ކޮމިޝަނަށް މެއި 21 ވަނަ ދުވަހުގެ ކުރިން ހުށައަޅަންޖެހޭނެކަން ވަނީ މި ޕޯސްޓް ހަނދާންކޮށްދެއްވާފަ އެވެ.

ހަބީބް ވިދާޅުވީ، ޤާނޫނު ހަދާ މަޖިލީހަށް ކުރިމަތިލައްވާ ބޭފުޅުން ޤާނޫނަށް ތަބާވުމުގައި، ރައްޔިތުންނަށް ނަމޫނާއަކަށް ވާންޖެހޭކަމަށެވެ.

މާލީ ބަޔާނުގައި ހިމަނުއްވަންޖެހޭ މަޢުލޫމާތު ތަކަކީ:

1 ފައިސާއާއި މުދާ ހިމެނޭގޮތުން، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލު

2 އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 68 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭ ގޮތަށް، އިންތިޚާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭގޮތަށް އެ ޚަރަދުތަކުގެ ތަފްޞީލު

3 އިންތިޚާބަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދިގޮތުގެ ތަފްޞީލު

4 އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެފަރާތްތަކުން ދިން މިންވަރުގެ ތަފްޞީލު

5 ޤާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ހުޅުވާފައިވާ ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް

މާލީ ބަޔާން ހުށަނާޅުއްވައިފިނަމަ، ނުވަތަ ދޮގު މައުލޫމާތެއްވާނަމަ އެ ކެންޑިޑޭޓެއްގެ އަދަބަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 72،000.00 ( ހަތްދިހަ ދެހާސް ) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

ކެންޑިޑޭޓުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗަކީ ސައްހަ މައުލޫމާތާއި ތަކެތި ކަން އަންގައިދިނުމަށްޓަކައި އެ މައުލޫމާތަކާގުޅޭ ފައިސާގެ ރަސީދު، އަދި އިންވޮއިސް، ބިލް ފަދަ އެންމެހައި ލިޔެކިޔުމާއި ތަކެތި ހުށަހަޅާ މައުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަންޖެހޭނެ އެވެ.

މީގެއިތުރުން ކެންޑިޑޭޓުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗަކީ ސައްހަ މައުލޫމާތާއި ތަކެތިކަން އެނގޭގޮތަށް ތައްޔާރުކޮށްފައިވާ އިގުރާރުގައި ކެންޑިޑޭޓާއި އެ ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އޭޖެންޓް ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ މައުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަންޖެހެ އެވެ.

ކެންޑިޑޭޓުން ހުށަހަޅާ މަޢުލޫމާތާއި ތަކެތި ޢާންމުކޮށް ބެލޭނެހެން އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢު ކުރާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.



More from Huvadhoo News