ސިއްޙީ ޚިދުމަތްތެރިންގެ އަގުވައްޓާތީ މެޑިކަލް އެސޯސިއޭޝަނުން ކަންބޮޑުވެއްޖެ

Thu, 09 May 2024 12:13 PM

View on this article on Huvadhoo News

ސިއްޙީ ޚިދުމަތްތެރިންގެ އަގުވައްޓާތީ މެޑިކަލް އެސޯސިއޭޝަނުން ކަންބޮޑުވެއްޖެ

ޑޮކްޓަރުންނަށް އަމާޒުކޮށް، ސިއްހީ ޚިދުމަތްތެރިންގެ އަގު ވެއްޓޭހެން އެ މީހުންގެ ފޮޓޯލުމާއި، ސިއްހީ ޚިދުމަތުގެ އިތުބާރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ބައެއް ރައްޔިތުން ދައްކާ ވާހަކަތައް، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން މިއަދު ކުށްވެރިކޮށްފިއެވެ.



އައިޖީއެމްއެޗުން ދިން ފަރުވާއަކާމެދު ހިތްހަމަ ނުޖެހިގެން މި ފަހުން ވެސް މީހަކު ވަނީ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ލިޔެ ޕޯސްޓުކޮށްފައެވެ.

އެ ކަމާ ގުޅިގެން މައްސަލަ ބޮޑުވެ، އައިޖީއެމްއެޗުން ވެސްވަނީ ޑޮކްޓަރުންނާއި އެ މީހުން ދޭ ޚިދުމަތް ދިފާއުކޮށް ބަޔާނެއް ނެރެފައެވެ. މި ދަނޑިވަޅުގައި މެޑިކަލް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވަނީ ކަމުގެ ހަގީގަތެއް ނޭނގި އެކި ވާހަކަތައް ފެތުރުމުން އެ ކަމުގެ ނޭދެވޭ އަސަރުކުރާނީ މުޖުތަމައުގައި ސިއްހީ ޚިދުމަތް އެންމެ ބޭނުންވާ އާންމު ރައްޔިތުންނަށް ކަމަށެވެ.

އަދި އެއީ ސިއްހީ ޚިދުމަތާމެދު އޮންނަ އިތުބާރު ގެއްލި، ރާއްޖެއިން ލިބޭ ފަރުވާ ހޯދަން ވެސް ބޮޑު ޚަރަދުކޮށް ރާއްޖެއިން ބޭރަށް ދިއުމުގެ ސަގާފަތް ދިރުވޭ ކަމެއް ކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު، މިހާރު ވެސް ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތަށް އެތައް ގޮންޖެހުމެއް ހުރިކަން ފާހަގަކޮށް އެ އެސޯސިއޭޝަނުން ބުނީ އޭގެ ސަބަބުން އެ ޚިދުމަތްތެރިންގެ ހިތުގައި އިތުރު މާޔޫސްކަމެއް އުފެދި ރަނގަޅު ޚިދުމަތްތެރިން ޚިދުމަތުގައި ދަމަހައްޓަން ދަތިވާނެ ކަމަށެވެ.

“ވީމާ ސިއްހީ ފަރުވާއާ ގުޅުންހުރި ކަންކަމުގައި ރަނގަޅު މައުލޫމާތު އެނގިހުރެ، ހަގީގަތް ރަނގަޅަށް ބެލުމަށްފަހު މެނުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ނުފެތުރުމަށާއި ސިއްހީ ޚިދުމަތް ދޭ ފަރާތްތަކުން އެ މީހުންގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް މުޖުތަމައުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދެއްވުމަށް ވެސް މި ފުރުސަތުގައި ގޮވައިލަމެވެ،” އެ ބަޔާނުގައިވެއެވެ.

ޑޮކްޓަރުންނަށާއި ނަރުހުންނަށް ބިރު ދައްކައި، އަގު ވައްޓައިލުމުގެ ގޮތުން ސޯޝަލް މީޑިއާގައި މީގެ ކުރިން ވެސް ބައެއް އާންމުން ޕޯސްޓުތައް ޖަހައިފައިވެއެވެ. އާންމުކޮށް އެ ފަދަ ޕޯސްޓުތައް ޖަހަނީ ހޮސްޕިޓަލުން ދޭ ޚިދުމަތަކާމެދު ނުރުހުންވުމުންނެވެ.

ނަމަވެސް އެ ފަދަ އެއްވެސް މައްސަލައެއް ހުށަހަޅަން ޖެހޭ ގޮތަށް ރަސްމީކޮށް ހުށަހެޅުމުން ބަލާނެކަމަށް މި ފަހުން ފެންމަތިވި މައްސަލައާ ގުޅިގެން އައިޖީއެމްއެޗުން ބުންޏެވެ.



More from Huvadhoo News