ސަރުކާރުގެ ކާމިޔާބު މަސަތްކަތެއް! 2 މަސްތެރޭ އެއާ އެމްބިއުލާންސްގެ 124 ދަތުރު

Thu, 09 May 2024 11:06 AM

View on this article on Huvadhoo News

ސަރުކާރުގެ ކާމިޔާބު މަސަތްކަތެއް! 2 މަސްތެރޭ އެއާ އެމްބިއުލާންސްގެ 124 ދަތުރު

އެއާ އެމްބިއުލާންސް ޚިދުމަތް ފޯރުކޮށްދޭން ފެށިފަހުން މިހާތަނަށް 124 ދަތުރުކޮށްފައިވާ ކަމަށް ގައުމީ އެއާލައިން “މޯލްޑިވިއަނުން” ބުނެފިއެވެ. ދިވެހި ސަރުކާރުން މި ޚިދުމަތް ދެނީ މޯލްޑިވިއަން މެދުވެރިކޮށެވެ.



ވައިގެ މަގުން ބަލިމީހުން އުފުލުމަށް ޚާއްސަ މަތިންދާބޯޓު “އެއާ އެމްބިއުލާންސް”ގެ ޚިދުމަތް ރާއްޖޭގައި ފެށީ މަރިޗް މަހުގެ 1 ވަނަ ދުވަހުއެވެ. މި ޚިދުމަތުގައި ފުރަތަމަ ބޭނުން ކުރަން ފަށާފައިވަނީ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. އަދި އޭޕްރިލް 15 އިން ފެށިގެން މި ޚިދުމަތުގައި ސީ ޕްލޭންވެސް ވަނީ ބޭނުން ކުރަން ފަށައިފައެވެ. އެއީ ޑީއެވްސީ-6 ޓްވިން އޮޓަރ އެކެވެ.

މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުން ކުރުމަށް އިތުރު އޭޓީއާރު ބޯޓެއް ގެނައުން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހަފްލާގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ އެއާ އެމްބިއުލެންސްގެ ޚިދުމަތަކީ ރައްޔިތުންނަށް ވަރަށް މުހިއްމު ޚިދުމަތެއް ކަމަށެވެ. އަދި މިވީ 2 މަސް ދުވަސްތެރޭ 124 ދަތުރު ކުރެވިފައިވާއިރު، މިއީ އެވެރެޖްކޮށް ދުވާލަކަށް 2 ދަތުރު ކަމަށް އިޔާސް ވިދާޅުވިއެވެ.

“މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް މުހިއްމު ޚިދުމަތެއް، އަސާސީ، އަދި މީހުންގެ ފުރާނަ ރައްކާތެރިކުރުމުގައި ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއް، މި ޚިދުމަތް ފޯރުކޮށްދެނީ ވަރަށް އަސާސީ އިންސާނީ ޚިދުމަތެއްގެ ގޮތުގައި.” އިޔާސް ވިދާޅުވިއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތަކީ ވައިގެ މަގުން ބަލިމީހުން އުފުލުމަށް ޚާއްސަކޮށް ރާއްޖޭގައި ފެށި ފުރަތަމަ ޚިދުމަތެވެ. މި މަސައްކަތް ފެށީ ސަރުކަރުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އެގޮތުން ބޭނުންކުރަމުންދާ 2 ބޯޓަކީ، ބަލިމީހުން ފަސޭހައިން އުފުލޭ ގޮތަށް އެތެރެ ފަރުމާކޮށްފައިވާ ބޯޓުތަކެވެ. އަދި ޚިދުމަތް ދިނުމުގައި އުޅަނދުތައް އަބަދުވެސް އޮންނާނީ ތައްޔާރީ ޙާލަތުގައެވެ. އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށްޓަކާ ޚާއްސަކޮށް 15 މީހުންގެ ޓީމެއް ވަނީ ތަމްރީނު ކޮށްފައެވެ. އޭގެތެރޭގައި ޑޮކްޓަރުން، ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.

ދިވެހިންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. އަދި އެ މަނިކުފާނުގެ ވައުދެވެ.

ރައީސް ކުރިން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ސަރަހައްދީ ގައުމުތަކުގެ އިތުރުން ޔޫއޭއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހިންނަށް ބޭސްފަރުވާގެ އިންތިޒާމު ވެސް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެ ގައުމުތަކަށް ވެސް އެއާ އެމްބިއުލާންސްގައި ބަލި މީހުން އުފުލުމުގެ އަަވަސް އިންތިޒާމުތަކެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.



More from Huvadhoo News