ދަރިއަކު ހޯދާނަމަ ބައްޕަ ވެސް ކެއުމަށް ބަލައި ކަސްރަތު ކުރަން ޖެހޭ

Thu, 09 May 2024 10:27 AM

View on this article on Huvadhoo News

ދަރިއަކު ހޯދާނަމަ ބައްޕަ ވެސް ކެއުމަށް ބަލައި ކަސްރަތު ކުރަން ޖެހޭ

ދަރިއަކު ހޯދުމަށް މަސައްކަތްކުރާ ފިރިހެނުން ވެސް ސަމާލުކަން ދޭންޖެހޭ ކަންކަން ހުންނަކަން އިނގޭ ހެއްޔެވެ؟ ބައްޕަގެ ކެއުން ބަހައްޓާ ގޮތުން ފެށިގެން ގޮސް ހަށިގަނޑުގެ އޯވަރޯލް ފިޒިކަލް މެއިންޓެނެންސް ބަހައްޓާ ގޮތަކީ ދަރިފުޅުގެ ސިއްޙަތާ ސީދާ ގުޅިލާމެހިފައިވާ ކަންކަމެވެ. މީގެ ތަފުސީލުތަކަށް ބަލާލަމާ ހިނގާށެވެ.



ސިއްޙަތު ރަނގަޅު ދަރިއަކު ބޭނުންނަމަ މަންމަގެ ކެއުން ވަކި މިންވަރެއްގައި ހިފަހައްޓަން ޖެހޭކަމީ އެންމެނަށް ވެސް އެނގި އެކަމަކަށް އަހުލުވެރިވެފައިވާ ކަމެކެވެ. ނަމަވެސް، ދަރިންގެ ސިއްޙަތާ ބައްޕަގެ ޑައިޓް ހުންނަ ގޮތާ ސީދާ ގޮތުން ގުޅިފައިވާކަމާއި، މިކަމަށް މުޖުތަމައު ހޭލުންތެރިވެފައިވާ މިންވަރު އެހާ ބޮޑެއް ނޫނެވެ.

ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުން ދަރިއަކު ހޯދަން ގަސްތުކުރާ ނަމަ، ކުއްޖާ ގަރުބަގަތުމުގެ ކުރިން، ބައްޕަ ވެސް ކާނާއަށް ފަރުވާތެރިވާން ޖެހޭނެ އެވެ. ސަބަބަކީ އެކަމުގެ ސީދާ އަސަރު ދަރިފުޅަށް ކުރާތީ އެވެ. މި ދިރާސާތަކުގައި ލަފާ ދީފައިވަނީ ދަރިން ހޯދަން މަސައްކަތްކުރާ ފިރިހެނުން ކޮންމެ ދުވަހެއްގެ ކެއުމުގައި ކަނޑުމަހާއި އެއްގަމު މަސް އަދި ތަރުކާރީ އާއި މޭވާ ގިނައިން ބޭނުން ކުރުމަށެވެ.

ސައިންްސްވެރިން ބުނާގޮތުން، ކުއްޖާ ގަރުބަގަތުުމުގެ ކުރިން، ބައްޕަގެ ކެއުމާއި ފިޒިކަލް މެއިންޓެނެންސް ހުންނަ ގޮތުން ކުއްޖާގެ ސިއްޙަތުގެ އިތުރުން އެމޯޝަނަލް ވެލް ބީންގަށް ވެސް އަސަރު ކުރެ އެވެ. ސިއްޙަތަށް ސީދާ ގޮތުން ކުރާ އަސަރުތަކަށް ބަލާއިރު ޑައިޓުގައި ފެޓްސްގެ މިންވަރު ހަައިކޮށް ހުންނަ ބައްޕައިންގެ އަންހެން ދަރީންގެ ހަށިގަނޑުގައިވެސް ބޮޑީ ފެޓްސް އިތުރު ވުމުގެ ފުރުސަތު ބޮޑެވެ. މިކަން މިހެން ވަނީ ކުއްޖާގެ މެޓަބޮލިޒަމް ރޭޓަށް ބައްޕަގެ ޑައިޓު ހުންނަ ގޮތުން އަސަރު ކުރާތީ އެވެ.

މީގެ އިތުރުން ކާބޯހައިޑްރޭޓްސްގެ މިންވަރު އިތުރު އަދި ޕްރޮޓީންގެ މިންވަރު ދަށްކޮށް ޑައިޓު ނަގާ ބައްޕައިންނަށް ލިބޭ ދަރީންނަށް އެންޒަޔަޓީގެ މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑެވެ. އަދި ބައެއް ފަހަރަށް ޑައުން ސިންޑްރޯމާއި ވާހަކަ ދެއްކުމުގެ ހުނަރަށްވެސް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ބޮޑުކަމަށް ވަނީ ފާހަގަކުރެވިފައެވެ. ހަމަ އެފަދައިން ހޯދުންތަކުން އިނގެނީ ކާބޯހައިޑްރޭޓް މަދު، ޕްރޮޓީން ގިނަ ކާނާ ކެއުމުގެ އިތުރުން ކަސްރަތުކޮށް ފިޓުކޮށް ހަށިގަނޑު ބަހައްޓައިގެން ހޯދާ ދަރިން އުފަންވުމަށް ފަހު އެ ކުދިންގެ ސިއްހަތާއި އޯވަރޯލް ވެލް ބީންގް މާ ރަނގަޅުކަން ފާހަގަ ކުރެވިފައިވާ ކަމެވެ.

ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ދަރިފުޅު އުފަންވުމުގެ މަރުހަލާ ފެށުމުގެ ކުރިން، ބައްޕައިންގެ ހަށިގަނޑުގައި ވިޓަމިން ޑީ ހުރި މިންވަރު އޭނާއަށް ލިބޭ ދަރިއަށް ފަސް އަހަރު ވާއިރު އެ ކުއްޖާގެ އިސްކޮޅާއި ބަރުދަން ހުންނަ މިންވަރާ ވެސް ގުޅުން އެބަހުއްޓެވެ.

ސައިންސްވެރިން ބުނަނީ ދަރިން ހޯދަން ބޭނުން ފިރިހެނުން ތަރުކާރީ އާއި މޭވާ އަދި އެއްގަމު މަހާއި ކަނޑުމަހުގެ ބާވަތްތައް ކޮންމެ ދުވަހަކު ވެސް ކެއުމުގައި ހިމެނުމަށާއި ގޮދަންފުށުން ތައްޔާރުކޮށްފައި ހުރި ރޮއްޓާއި ޕާން، ހަނޑޫ އަދި ޕާސްޓާ ފަދަ ތަކެތި ކެއުމާ ދުރުވުމަށެވެ. ހަކުރު ގިނައިން އެކުލެވޭ އެއްޗިއްސާއި ކޭކު އަދި ބިސްކޯދު ފަދަ ތަކެތި ވެސް އެއްގޮތަކަށް ވެސް ބޭނުން ނުކުރުމަށެވެ. ދަރިފުޅުގެ ސިއްހަތާއި އުފެދުން އަދި ބޮޑެތިވުމުގައި އިސް ދައުރެއް ކުޅެނީ ހަމައެކަނި މައިމީހާ ކާ ފައިދާހުރި ކާނާއެއް ނޫނެވެ. ބައްޕަގެ ކާނާ ވެސް މުހިންމެވެ. ކެއުން އެއް މިންގަނޑެއްގަައި ހިފެހެއްޓުމުގެ އިތުރުން ކަސްރަތުކޮށް ރަނގަޅަށް ނިދި ހޯދުމުގައިވެސް ފަރުވާތެރިވާން ޖެހެއެވެ.



More from Huvadhoo News