ގިނަދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، މޯލްޑިވިއަން އިން ލަންކާއަށް ދަތުރުތައް ފަށައިފި

Fri, 26 Apr 2024 04:15 PM

View on this article on Huvadhoo News

ގިނަދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، މޯލްޑިވިއަން އިން ލަންކާއަށް ދަތުރުތައް ފަށައިފި

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން މާލެއާއި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ބަންޑާރަ ނައިކް އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތައް އަލުން ފަށައިފިއެވެ.

މި ދަތުރުތައް ފެށުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ.

މޯލްޑިވިއަނުން ލަންކާއަށް ރޭ ބޭއްވި ފުރަތަމަ ފްލައިޓުގައި 150 ޕަސެންޖަރުން ދަތުރުކުރި ކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަން އިން ލަންކާއަށް ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ފްލައިޓް ބާއްވާނެއެވެ. މި ދަތުރުތައް ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓުންނެވެ.

މި ދަތުރުތައް ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި އޮންނައިރު، އެ ފްލައިޓްތަކުގައި ދަތުރުކުރާ ފަރާތްތަކުގެ ބެޖެޓް އެލަވެންސްގެ ގޮތުގައި 30 ކިލޯ އަދި މީލް ފެކޭޖެއްވެސް ލިބިގެން ދާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަން އިން ކޮލްމްބޯއަށް ކުރާ ދަތުރުތަކަށް ދެކޮޅު ޓިކެޓް ފެށޭ އަގަކީ 165 ޑޮލަރެވެ.

މިދަތުރުތައް ފެށުމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ދަތުރުތައް ފަށަނީ ގިނަ ލުއިތަކާއެކު ކަމަށެވެ. އެގޮތުން ދަތުރުތައް ރޭވިފައިވާ ގޮތުން ހަފްތާ ބަންދަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ދަތުރު ކުރެވޭނެކަމަށެވެ. އަދި ބޭސްފަރުވާއަށް ލަންކާއަށް ދާ ދިވެހިންނަށް ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުން ފަނަރަ އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް އަލީސަލީމް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް ވިދާޅުވީ ރާއްޖެއާއި ލަންކާއާ ދެމެދު ސީދާ ދަތުރުތައް ބޭއްވުމަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު ކަމަށެވެ.

ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ވިދާޅުވީ މޯލްޑިވިއަން އިން ލަންކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިވެގެންދާނެ ކަމަށާއި މިއީ ރާއްޖެއަށާއި ލަންކާއަށްވެސް މުހިންމު ރޫޓެއް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މޯލްޑިވިއަން އިން، ލަންކާއާ ދެމެދު ދަތުރުތައް ފެށުމުގެ ސަބަބުން އެކަމުގެ ފައިދާ ލަންކާ މީހުންނަށާއި ދިވެހިންނަށްވެސް ކުރާނެ ކަމަށާއި  މޯލްޑިވިއަނަށް ގިނަ ދަތިތަކެއް ދިމާވެފައިވީ ނަމަވެސް އެ ހުރިހާ ކަމަކުން އަރައިގަންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.





More from Huvadhoo News