އުފާވެރި ހަބަރެއް، ބޯންމެރޯއަށް ސަރުކާރުން ފޮނުވި ދެކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބު!

Wed, 08 May 2024 10:45 PM

View on this article on Huvadhoo News

އުފާވެރި ހަބަރެއް، ބޯންމެރޯއަށް ސަރުކާރުން ފޮނުވި ދެކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބު!

ބޯންމެރޯ ހެދުމަށް ސަރުކާރުން ރާއްޖޭން ބޭރަށް ފޮނުވި ފަސް ކުދީންގެ ތެރެއިން ދެ ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިރޭ ވިދާޅުވެއްޖެއެވެ.



މިނިސްޓަރު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަހާ ގުޅިގެން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިލޭ ބޯންމެރޯ ހެދުމަށް ސަރުކާރުން ފަސް ކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، މިނިސްޓަރު ވިދާޅުވީ އޮޕަރޭޝަން ހަދާފައިވާ ދެ ކުދީންގެ ވެސް ޞިއްހަތު ވަރަށް ރަނގަޅު ކަމަށެވެ. އަދި އެ ދެ ކުދީން ވެސް ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، އިތުރު އޮބްޒަވޭޝަންއަށް ތިބީ އެކޮމޮޑޭޝަންގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބާކީ ތިން ކުދީންގެ އޮޕަރޭޝަންގެ ކަންކަން ވަރަށް ކައިރި މުސްތަގުބަލެއްގައި ހަމަޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ތެރޭގައި 10 ކުދީން ބޯންމެރޯ ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވާނެ ކަމަށެވެ. އެ ގޮތުން ފުރަތަމަ ފަސް ކުދީން މި އަހަރުގެ މެދުތެރޭގައި އަދި ބާކީ ފަސް ކުދީން އަހަރުގެ ފަހުކޮޅުގައި ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން ބޯންމެރޯ ކްރޮސްމެޗް ޓެސްޓަކީ ވަރަށް ދަތި ހާލުން ހެދޭ އެއްޗެކެޗެވެ. އެ ގޮތުން ބޯންމެރޯ މެޗްކުރުމަށް ހަދާ ޓެސްޓު ވެސް ޑޯނާއާއި ބަލިމީހާ ރާއްޖޭން ބޭރަށް ގޮސްގެން ނޫނީ ނުހެދެއެވެ. އެހެން ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތީން މިހާރު ރާއްޖޭގައި ތިބެގެން އެ ޓެސްޓް ހެދޭނެ އިންތިޒާމް ވަނީ ސަރުކާރުން ހަމަޖައްސާފައެވެ.

“މީގެ ކުރިން ބޯންމެރޯ ޓެސްޓް ހެދުމަށްޓަކައި މެޗްކުރުމަށް ޑޯނާއާ، އަދި އޭގެ އިތުރުން ބަލިމީހާގެ ބޯންމެރޯ ހެދުމަށް މެޗްކުރުމަށް ކުރަން ޖެހޭ ޓެސްޓްތަކަކީ ވަރަށް ދަތިހާލުގައި ކުރާ ކަމެއް. ރާއްޖޭން ބޭރަށް ޕޭޝަންޓާ އަދި އޭގެ އިތުރުން ޑޯނާ، ހަމަ އެއާއެކު ޕޭރެންޓުން ރާއްޖޭޏް ބޭރަށް ގޮސްގެން ނޫނީ ނުކުރެވޭ ޓެސްޓްތަކެއް މީ. އެހެންމާ ފައިސާގެ ގޮތުންނާއި ވަގުތުގެ ގޮތުންނާ ވަރަށް ބޮޑު ގުރުބާނީއެއް ހަގީގަތުގައި ބެލެނިވެރިން ވަމުންދަނީ،” މިނިސްޓަރު ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މިދިޔަ މާޗު މަހުގެ ހަތެއްގައި އެންމެ ފުރަތަމަ ކުރެވުނު ބޯންމެރޯ ޓެސްޓް 13 ފަރާތެއް ހަދާފައިވާ ކަމަށެވެ. އަދި އެއީ ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.



More from Huvadhoo News