ހައްޖު ކޯޓާ އިތުރުވުމުގެ ފުރުސަތު އެބައޮތް: ޝަހީމް

Wed, 08 May 2024 09:33 PM

View on this article on Huvadhoo News

ހައްޖު ކޯޓާ އިތުރުވުމުގެ ފުރުސަތު އެބައޮތް: ޝަހީމް

ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް ދީފައިވާ ކޯޓާ އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.



އެ މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޓާ އިތުރުކޮށްދެއްވުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ ސަރުކާރަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން މިނިސްޓްރީން ވެސް ހައްޖު މިނިސްޓްރީގެ އިސްވެރިންނާ މަޝްވަރާކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ދިވެހިން ހައްޖަށް ގެންދަން ސައޫދީ ސަރުކާރުން އަހަރަކު ދޫކުރަނީ 1،000 ކޯޓާ އެވެ. މި ސަރުކާރުން އެދިފައިވަނީ އިތުރު 1،000 ކޯޓާ އެކު، ޖުމްލަ 2،000 ޖާގަ ހަމަޖައްސައިދިނުމަށެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ރާއްޖެއިން އެދުމުން ކޯޓާ އިތުރުކޮށްދިނަސް، މިހާރު އެކަން ކުރަނީ ވަރަށް ރޭވުންތެރިކަމާ އެކު ކަމަށެވެ. އެގޮތުން، ކޯޓާ ދިނުމުގައި މިނާ، އަރަފާތު އަދި މައްކާގެ ހޮޓެލްތަކުން ޖާގަ ހުރި މިންވަރަށް ސައުދީ ސަރުކާރުން ބަލާ ކަމަށް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ހައްޖު މިނިސްޓަރާ ބައްދަލުކުރެއްވިއިރު، ގިނަ ކޯޓާ ލިބޭ ގައުމުތަކުން ބާކީވާ ޖާގަތައް ބަހާލާއިރު ރާއްޖެއަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

“މިސާލަކަށް ދީފައި އޮވެދާނެ ގައުމަކަށް 500،000 އެއްހާ މީހުން. އެ ގައުމެއްގެ އާބާދީއާ އަޅާބަލާފައި މި އޮންނަނީ ދީފައި. ނޫނީ 300،000 މީހުން ނޫނީ އެއް ލައްކަ މީހުންގެ ކޯޓާ ދީފައި އޮންނަ ގައުމަކުން ސީދާ ބޭނުންކުރަނީ އެ އަދަދެއް ނޫން. އިގުތިސޯދީ އެކިި ސަބަބުތަކާ ހުރެ މީހުންނަށް ހައްޖަށް ނުދެވި ޖާގަ ހުސްވަނީ. މިސާލަކަށް 50،000 މީހުން ބޭނުންކުރި ކޯޓާއެއް. އެއް ލައްކައިގައި [ކޯޓާ] އޮތް ގައުމެއްގައި. ބާކީ އަދަދެއް ބޭނުމެއް ނުކުރޭ. އެހެންވީމަ، ބާކީ އެ އޮންނަ އަދަދު އެ މީހުން ރިކުއެސްޓް ކޮށްފައި އޮންނަ އަދަދުތަކަށް މި ބަހާލަނީ.” މިނިސްޓަރު ވިދާޅުވި އެވެ.

ހައްޖު މިނިސްޓްރީއާ ހަވާލަދެއްވައި ޝަހީމް ވިދާޅުވީ ބާކީވާ ހައްޖު ކޯޓާގެ އަދަދު ޔަގީންވާނީ ހައްޖު ކައިރިވުމުން ކަމަށެވެ.

“..އެ ހާލަތު އަންނައިރު އިރާދަކުރެއްވިއްޔާ ޕްރިއޮރިޓީ ތިމަންނަމެން ދޭނަމޭ ދިވެހިރާއްޖެއަށް ވެސް… އަޅުގަނޑު އުއްމީދުކުރަނީ ކޮންމެ ވެސް ވަރެއްގެ އިތުރުވުމެއް އަންނާނެއޭ. އެ އިތުރުވުން އަންނާނީ ވަރަށް ގާތްކޮށްފައޭ. ކޮންމެ ވެސް ވަރެއްގެ އިތުރުވުމެއް އައުމުގެ ޕޮސިބިލިޓީ އެބައޮތް، އުއްމީދުކުރަނީ އެގޮތަށް.” ޝަހީމް ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައިސް ވަނީ ހައްޖު ކޯޓާ އެއްކޮށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ބަދަލުކޮށްފަ އެވެ. އެއީ އަމިއްލަ ޖަމާއަތްތަކުގެ ހަރަދުގައި މީހުން ހައްޖަށް ގެންދިއުމަށްޓަކައި ބޮޑު އަގު ނަގާތީ އެކަން ހުއްޓުވުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.



More from Huvadhoo News