ގޭތެރޭގެ މަސައްކަތުގައި ފިރިހެން ކުދިންވެސް ބައިވެރި ކުރާށެވެ.

Wed, 08 May 2024 08:24 PM

View on this article on Huvadhoo News

ގޭތެރޭގެ މަސައްކަތުގައި ފިރިހެން ކުދިންވެސް ބައިވެރި ކުރާށެވެ.

ދިވެހިން ތެރޭ ޒަމާނުއްސުރެ އޮތް ޘަޤާފަތަކީ އަންހެނުން ގޭތެރޭ މަސައްކަތްކުރުމާއި ފިރިހެނުން ބޭރުތެރޭ، ވަކިން ޚާއްޞަކޮށް ރަށުން ބޭރުގައި ވެސް މަސައްކަތްކުރުމުގެ އާދައެކެވެ. ގޭތެރޭ މަސައްކަތުގައި ފިރިހެނުންގެ ބައިވެރިވުން މާ ބޮޑެކޭ ނުބުނެވޭނެއެވެ. މާޒީއަށް ބަލާއިރު އެއީ ޢައިބުކަމެއް ވެސް ނުމެނޫންމެއެވެ. ފިރިހެނުން ގެތަކުގައި ތިބެނީއެއް ނޫނެވެ. ފުރާވަރަށް އަރާއިރު ބޭރަށް ނުކުމެ އާމްދަނީ ހޯދުމުގައި ބައްޕަޔާ އެކު އުޅެންފަށައެވެ.

އެހެނަސް މިއަދު އަންހެން ކުދިންނެކޭ އެއްގޮތަށް ފިރިހެން ކުދިން ވެސް ގެތަކުގައި ތިބެނީއެވެ. އެއް ޙާލެއްގައި ދެ ޖިންސުގެ ކުދިން ތިބޭއިރު، މާޒީގެ އާދަޔާ އެއްގޮތަށް ގޭތެރޭގެ މަސައްކަތް ހަމައެކަނި އަންހެން ދަރީން ލައްވައި ކުރުވުމަކީ ޢާއިލީ މަޞްލަޙަތު ފުށުއަރާނޭ ކަމެކެވެ. އޭގެ ބަދަލުގައި އަންހެން ކުދިންނަށް ޙަވާލުކުރެވޭ މަސައްކަތުގައި އެހީތެރިވުމަށް ފިރިހެން ކުދިންގާތު ވެސް ބުނަން ވާނެއެވެ. އެއީ ނަބަވީ އިރުޝާދުން ވެސް އެކަން އެނގެން އޮތް މަގެވެ. ފިރިހެން ކުދިން ގެތަކުގައި ތިބޭ ނަމަ އެ ކުދިންގެ މަންމަ، ދައްތަ، އަދި ކޮއްކޮމެންނަށް އެހީވާން ވާނެއެވެ. އެ ނާޒުކު އަންހެނުންގެ މަދަދުގާރުންނަކީ ފިރިހެން ކުދިންކަން ދަސްވެ އެ ކަމުގެ މައްޗަށް ފިރިހެން ކުދިން ފަރިތަވާނީ އޭރުންނެވެ. ކޭތަށި ދޮވެދިނުމާއި ގޭތެރެ ކުނިކަހައިދިނުމާއި ފޮތްކަބަޑު އަތުރައި ސާފުކުރުމާއި ފަންކާ ފުހުމާއި ފަޚާނާ އުނގުޅާ ދޮވެދިނުމަކީ ކުރެވިދާނެ ބައެއްކަންކަމެވެ.

މި އުންމަތަށް ކައުކުރެއްވި ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّم އިތުރު އެކަލޭގެފާނުގެ ގަނޑުވަރުކޮޅުގައި އަހުލުންނާ އެކު ގެންގުޅުއްވާ މަތިވެރި އަޚްލާޤުފުޅުތަކުގެ ތެރެއިން ކަމެއް ބަޔާން ކުރައްވަމުން މި އުންމަތުގެ މައިކަމަނާ ޢާއިޝާ رضي الله عنها ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ. سَأَلْتُ عَائِشَةَ رَضِيَ اللهُ عَنْهَا: “مَا كَانَ يَصْنَعُ النَّبِيُّ فِي أَهْلِهِ؟ فَقَالَتْ: كَانَ يَكُوْنُ فِي مِهْنَةِ أَهْلِهِ، فَإِذَا حَضَرَتِ الصَّلَاةُ خَرَجَ” (البخاري) މާނައީ: “ޢާއިޝަތުގެފާނާ ސުވާލު ވެވުނެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އެކަލޭގެފާނުގެ އަހުލުންނާ އެކު އުޅުއްވަނީ ކޮންފަދައަކުންތޯއެވެ؟ އެ ކަމަނާ ވިދާޅުވިއެވެ. އެކަލޭގެފާނު އުޅުއްވަނީ ގޭތެރޭގެ ކަންކަމުގައި އަހުލުންނަށް އެހީތެރިވެވަޑައިގަތުމުގައެވެ. އެގޮތަށް އުޅުއްވަނިކޮށް ނަމާދު ވަގުތު ޖެހިއްޖެއްޔާ ގަނޑުވަރުކޮޅުން ނިކުމެވަޑައިގަންނަވައެވެ.”

ބަޔާންވެ ދިޔައީ ވަރަށް މަތިވެރި އަޚްލާޤެކެވެ. ފުރިހަމަ ނަމޫނާއަކުން ދެއްވި އަގުބޮޑު ދަރުހެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢަށް ވަރަށް ބޭނުންތެރި ފިލާވަޅެކެވެ. ކޮންމެ މީހަކު ވެސް ގޭތެރޭގެ މަސައްކަތުގައި އެ މީހެއްގެ އަހުލުންނަށް އެހީވެ އުޅެން ވާނެއެވެ. އެއީ ސަވާބާއި ދަރުމައިގެ ގޮތުން ދަރަޖަ އުފުލޭނެ ކަމެކެވެ. މާތް ﷲގެ ރުއްސެވުން ލިބޭނޭ ކަމެކެވެ. އަނބިދަރީންގެ މެދުގައި އޮންނަ ލޯބި އިތުރުވާނޭ ކަމެކެވެ. ޢާއިލީ ހަމަޖެހުން ގެނެސްދޭ ކަމެކެވެ. އެފަދަ ޢާއިލާތަކުން އުފެދި ބޮޑުވާނީ ޒިންމާދާރު ކުދިންނެވެ. އެކުދިންގެ ފައިދާ މުޖުތަމަޢަށް ހެޔޮގޮތުގައި ކުރާނެއެވެ.

މައުލޫމާތު:الشَّيْخ مُحَمَّدُ أَفْضَل / ދީނުގެމަގު

                                       





More from Huvadhoo News