ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހައްޔަރުކުރަން އެ ޤައުމުގެ ކޯޓަކުން އަމުރުކޮށްފި

Thu, 17 Oct 2024 11:19 PM

View on this article on Furathama

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހައްޔަރުކުރަން އެ ޤައުމުގެ ކޯޓަކުން އަމުރުކޮށްފި

ބަންގްލަދޭޝްގެ ކޮލެޖް ދަރިވަރުން އިސްވެ ހިންގި ސިލްސިލާ މުޒާހަރާތަކާއެކު ވެރިކަން ވައްޓާލުމާ ގުޅިގެން މީގެ ދެ މަހެއްހާ ދުވަސް ކުރިން އިންޑިއާއަށް ފިލައިގެން ދިޔަ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ހައްޔަރު ކުރުމަށް ބަންގްލަދޭޝްގެ ކޯޓަކުން އަމުރުކޮށްފިއެވެ.



ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)ގެ ޗީފް ޕްރޮސެކިއުޓަރު މުހައްމަދު ތާޖުލް އިސްލާމް ބުރާސްފަތި ދުވަހު ވިދާޅުވީ ހަސީނާ އާއި އިތުރު 45 މީހަކު ހައްޔަރު ކުރުމުގެ އަމުރު ނެރެ، ނޮވެމްބަރު 18 ގެ ކުރިން ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

“ޖުލައި މަހުން އޮގަސްޓް މަހުގެ ނިޔަލަށް ގަތުލުއާންމުތަކާއި މަރާއި އިންސާނިއްޔަތާ ދެކޮޅަށް ޖަރީމާތައް ހިންގި މީހުންގެ ވެރިކަމުގައި ޝެއިޚް ހަސީނާ ހުންނެވި،” ވަގުތީ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ދަރިވަރުންގެ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި މުހައްމަދު ތާޖުލް އިސްލާމް ވިދާޅުވިއެވެ.

ދަރިވަރުން އިސްވެ ކުރިއަށް ގެންދިޔަ މި ހަރަކާތް ފެށިގެން އައީ ހަނގުރާމައިގެ ދުވަސްވަރު ތިބި މީހުންގެ ގާތްތިމާގެ މީހުންނަށް ސިވިލް ސާވިސްގެ ވަޒީފާތަކުގެ ތިންބައިކުޅަ އެއްބައި ރިޒާވް ކުރުމުގެ އުސޫލު އުވާލުމަށް ގޮވާލަމުންނެވެ.

އިންސާނީ ޙައްޤުތަކާބެހޭ ޖަމާއަތްތަކުން، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހަސީނާ މާބޮޑަށް ބާރުގެ ބޭނުން ކުރި ކަމަށް ތުހުމަތު ކުރިއިރު، އެ ދައުވާ އެކަމަނާ ދޮގު ކުރެއްވިއެވެ.

މުޅި ޤައުމުގައި ހަފުތާތަކެއް ވަންދެން ހަމަނުޖެހުން ހިންގި ފަހުން ހަސީނާ އިސްތިއުފާ ދެއްވައި އިންޑިއާ އަށް ފިލައިގެން ދިޔައީ އޮގަސްޓް މަހުގެ ކުރީކޮޅުގައެވެ. އެކަމަނާގެ ބަދަލުގައި އެ ޤައުމުގެ ވަގުތީ ސަރުކާރުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ އިގްތިސާދީ މާހިރު މުޙައްމަދު ޔޫނުސް އެވެ.

ބަންގްލަދޭޝް ދޫކޮށް ވަޑައިގެން ފަހުން ހަސީނާ އާއްމުކޮށް ފެނިފައެއް ނުވެއެވެ. އުމުރުން 77 އަހަރުގެ ހަސީނާ އެންމެ ފަހުން ރަސްމީކޮށް އުޅުއްވި ތަނަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ކައިރީގައި ހުންނަ އަސްކަރީ އެއާބޭސްއެކެވެ.

The post ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހައްޔަރުކުރަން އެ ޤައުމުގެ ކޯޓަކުން އަމުރުކޮށްފި appeared first on Furathama.



More from Furathama