ފިއްލަދޫ އާއި ކުރިނބީގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި

Tue, 13 Feb 2024 05:51 PM

View on this article on Feshun.mv

ފިއްލަދޫ އާއި ކުރިނބީގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި

ތިލަދުންމަތީގެ ދެ ރަށަށް ކަމުގައިވާ ހއ. ފިއްލަދޫ އާއި ހދ. ކުރިނބީގައި ޕޮލިސް ޕޯސްޓެއް މިއަދު ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

މި ދެރަށުގައި ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް އެ ދެ ރަށުގައި ބާއްވައިފައެވެ.

މި ދެ ރަށުގެ ތެރެއިން ކުރިނބީގެ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ކުރިނބީ ކައުންސިލު ރައީސް ޢަބްދުﷲ އަސްލަމްއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަަކަ ފުޅުގައި، ރަށުގައި އަލަށް ތައާރަފުވެގެންދާ ކުށްތަކާއި ސައިބަރ ސްކޭމްގެ މައްސަލަތަކާއި ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް އިހުމާލުވުމުން ފަދަ ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެތީގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވައި ހޭލުންތެރިކުރުމަށް ފުލުހުން ގާއިމުވެތިބުމުން އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ފިއްލަދޫ ކައުންސިލު ރައީސް ފަތުހުﷲ ހަސަންއެވެ.

ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަ ފުޅުގައި، ފިއްލަދޫއަކީ އަހުވަންތަ ކުށްމަދު އަމާން މުޖުތަމައެއްގެ ވެރި ބައެއް ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި މިރަށުގައި ފުލުހުން ގާއިމުވެ ތިބޭ ހިނދު މިރަށަކީ ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުށްމަދު އަމާން ވެއްޓެއް ގާއިމުވެފައިވާ ރަށެއްގެ ގޮތުގައި ބާއްވައިދިނުމަށް އެދިލެއްވިއެވެ. އަދި ރައްޔިތުން ކުރާ ކަންކަމުގައި ބައިވެރިވެ ރައްޔިތުންގެ ކަންބޮޑުވުމަކީ ފުލުހުންގެ ވެސް ކަނބޮޑުވުމެއް ކަމުގައި ދެކިގެން ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.

ކުރިނބި އަދި ފިއްލަދޫގައި ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަގާފައިވެއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

The post ފިއްލަދޫ އާއި ކުރިނބީގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި first appeared on Feshun.mv.



More from Feshun.mv