ދުންޔަވީ ކާރިޘާތަކަކީ ދިރިތިބީންނަށް ކުރިމަތިވާ ވަރުގަދަ އިމްތިޙާނެއް - ހުކުރު ޚުޠުބާ

Fri, 17 Feb 2023 02:01 PM

View on this article on DhiIslam

ދުންޔަވީ ކާރިޘާތަކަކީ ދިރިތިބީންނަށް ކުރިމަތިވާ ވަރުގަދަ އިމްތިޙާނެއް - ހުކުރު ޚުޠުބާ

ޤުދުރަތީގޮތުން ކުރިމަތިވާ އެންމެހާ ކާރިޘާތަކަކީވެސް މާތް ﷲ ދިރިތިބީންނަށް ކުރިމަތިކުރުވާ ބޮޑުވެގެންވާ އިމްތިޙާނެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.



'ދުނިޔަވީ ކާރިޘާތަކުން ޢިބްރަތް ޙާޞިލްކުރުން' މި މަޢުޟޫޢަށް ޚާއްޞަކޮށް މިއަދު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދެވުނު ޚުޠުބާގައިވަނީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ތުރުކީވިލާތާއި ސޫރިޔާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުމަށް އަލިއަޅުވާލާފައެވެ. އެގޮތުން އެސަރަހައްދަށް އައި މިބިންހެލުމަކީ ފާއިތުވެދިޔަ ޤަރުނެއްހާ ދުވަހުގެ ތެރޭގައިވެސް އަތުވެފައިނުވާފަދަ ވަރުގަދަ ބިންހެލުމެއްކަމަށާއި، މިފަދަ ބިންހެލުންތަކާއި ޠޫފާނުތަކާއި ކޭތައާއި ރެއާއި ދުވާލާއި އިރާ ހަނދާއި ފިންޏާއި ހޫނަކީވެސް ﷲ ތަޢާލާގެ ކުޅަދުންވަންތަކުގެ ހެކިތަކުގެ ތެރެއިންވާ ހެކިތަކެއްކަމާއި، އެކަންކަމުން ﷲ ތަޢާލާގެ ތަދުބީރުކުރެއްވުމުގެ ފުރިހަމަކަން ބަޔާންކޮށްދޭކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

އަދި ދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެއްކަމާއި، ބިންހެލުންފަދަ ކާރިޘާތަކުގައި ގެތައް ފުނޑުފުނޑުވެ ގެތަކުގެ އަހުލުވެރީންގެ ތެރެއިން ގިނަ ބަޔަކު މަރުވެ އެތައް ބަޔަކަށް އަނިޔާވެ މުދާތައް ހަލާކުވެގެންދާކަމަށާއި، އެއީ ދުނިޔަވީ ޙަޔާތުގެ އިމްތިޙާނުތަކުގެ ތެރެއިންވާ ކަންކަންކަމަށްވެސް ޚުޠުބާގައިވަނީ ބުނެފައެވެ.

މީގެ އިތުރުން ދުންޔަވީ ކާރިޘާތަކަކީ ކަނޑައެޅިގެން މާތް ﷲގެ ކޯފާއެއްކަމަށް ބުނެ ބައެއް ފަހަރު މީހުން ވާހަކަދެއްކިނަމަވެސް  އެފަދަ ކޮންމެ ކާރިޘާއަކީ ކޯފާއެއްކަމުގައި ކަނޑަނޭޅޭކަމަށާއި، އެފަދަ ކާރިޘާތަކީ ރަޙްމަތެއްކަމުގައި ވެދާނެކަމަށް ޢިލްމުވެރިން ބަޔާންކުރައްވާކަމަށް ޚުޠުބާގައިވަނީ ބުނެފައެވެ.

"ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އެފަދަ އިމްތިޙާނުތަކަކީ ރަޙްމަތެއްކަމުގައިވެދާނެއެވެ. ދުންޔަވީ ޙަޔާތުގެ އެތައް މުޞީބާތެއްގެ ތެރެއިން މިންޖުކުރައްވައި ޝަހީދެއްގެ ދަރަޖަ ލިބޭ މީހެއްގެ ގޮތުގައި މުސްލިމް އަޅާވެގެންދާ ސަބަބަކަށްވެސް އެފަދަ ޙާދިޘާތައްވެދާނެއެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

އަދިހަމައެހެންމެ އަނެއްބަޔަކަށް އެބައިމީހުންގެ ފާފަތަކުގެ ކައްފާރާއެއްކަމުގައިވެސް އެމުޞީބާތްވާވެދާނެކަމާއި، މުއުމިނު އަޅާއަށް ދުނިޔެމަތީގައި ކުރިމަތިވާ ކުޑަ ގެއްލުމެއްވިޔަސް އެކަމުގެ ސަބަބުން އޭނާގެ ދަރަޖަ މަތިވެރިކުރައްވައި ފާފަތައް ފުއްސަވާނެކަމަށްވެސް ޚުޠުބާގައިވަނީ ބުނެފައެވެ. އެހެންކަމުން މުޞީބާތްތަކަށް ކެތްތެރިވެ ދުނިޔޭގެ ދުވަސްތައް ވޭތިކުރުމަށް ޚުޠުބާގައިވަނީ އިރުޝާދުދެއްވާފައެވެ.



More from DhiIslam