ނެޝަނަލް ޖޮބް ސެންޓަރުގެ ނަމުގައި އިދާރާއެއް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އުފައްދަވައިފިއެވެ.
މިއީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސްއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. މި އިދާރާ ހިންގެވުމަށް ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ.
ޖޮބް ސެންޓަރ ގާއިމުކުރެއްވީ، ރާއްޖޭގައި ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދިނުމަށެވެ. އަދި މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެންހުރި މަސައްކަތްތަކާއި، އަދާކުރެވިދާނެ ވަޒީފާތައް ޚިޔާރުކުރުމަށް ލަފަޔާއި އިރުޝާދު ދިނުމަށެވެ.
މީގެ އިތުރުން ވަޒީފާގެ ބާޒާރާ ގުޅުންހުރި ދިރާސާކޮށް އެ ދިރާސާތަކުން ހޯދޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި، ވަޒީފާއާ ގުޅުންހުރި ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރެއްވުމަކީވެސް މި ސެންޓަރު އުފެއްދުމުގެ މަގުސަދެކެވެ.
ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް ޖޮބްސެންޓަރަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 490 ކަމުގައި ވެސް ވަނީ ހަމަޖައްސަވާފައެވެ.
ނޭޝަނަލް ޖޮބްސެންޓަރު އުފެއްދެވިކަން އިޢުލާންކުރައްވާ ނެރުއްވި ދެންނެވުމުގައި މި އިދާރާގެ ބޭނުމާއި މަސައްކަތްތައް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ.
The post ނެޝަނަލް ޖޮބް ސެންޓަރުގެ ނަމުގައި އިދާރާއެއް first appeared on Dhiislam.