ޙަޤީޤީ ވާހަކަ - އޮސްޓްރޭލިޔާ އުޚްތު ސާރާގެ ޙަޔާތުގެ ފަހު ވަގުތުކޮޅު

Sun, 19 Feb 2023 02:28 PM

View on this article on DhiIslam

ޙަޤީޤީ ވާހަކަ - އޮސްޓްރޭލިޔާ އުޚްތު ސާރާގެ ޙަޔާތުގެ ފަހު ވަގުތުކޮޅު

މިވާހަކައަކީ މިޞްރުގެ އިސްލާމްދީނަށް ދައުވަތުދޭ ދާޢީއެއްކަމުގައިވާ ޢަމްރު ޚާލިދަށް ކުރިމަތިވި ޙަޤީޤީ ޙާދީޘާއެކެވެ.



އޭނާ ކިޔައިދިނެވެ. މީގެ ދުވަސްތަކެއްކުރިން އަހަރެންނަށް އޮސްޓްރޭލިޔާގެ ޒުވާން އަންހެން ކުއްޖެއްގެ އީ-މެއިލެއް ލިބުނެވެ. އޭގައިވިއެވެ. 'އަހަރެންނަކީ ލުބުނާނަށް އުފަން ޒުވާން އަންހެންކުއްޖަކީމެވެ. އަހަރެންގެ ބައްޕައަކީ މުސްލިމެކެވެ. މަންމައަކީ ނަޞާރާދީނުގެ މީހެކެވެ. އަހަރެންގެ ޅަފަތުގެ 10 އަހަރު ހޭދަކޮށްފައިވަނީ ލުބުނާނުގައެވެ. އެއަށްފަހު އަހަރެންގެ ޢާއިލާ ޢަރަބި އިސްލާމީ ވަޒަންދޫކޮށް ކުފުރުގެ ބިމަކަށް ( އޮސްޓްރޭލިޔާ )އަށް ހިޖުރަކުރީމެވެ.

އަހަރެމެންގެ މި ހިޖުރައަށްފަހު މެދުއިރުމައްޗާއި އަހަރެމެންނާއި އޮތް ގުޅުން މުޅީން ކެނޑިގެންދިޔައެވެ. އަހަރެންނާއި އަހަރެން އެދީނެއްގެ މަތީގައި އުފަންވި އިސްލާމްދީނާއި އޮތް ގުޅުން މުޅީން ކެނޑިގެންދިޔައެވެ. އެނގޭހާވެސް އެއްޗަކީ އަހަރެންނަކީ މުސްލިމެއްކަމެވެ. އެއީވެސް ވާރުތައިން އަހަންނަށް ލިބުނު ލަޤަބެކެވެ. އަހަރެންނަކަށް ނަމާދުކުރާކަށް ނޭންގެއެވެ. ރޯދައެއް ނުދަންނަމެވެ. ކީރިތި ޤުރްއާނެއް ނޭންގެއެވެ. ދީނަކީ އަހަރެންގެ ޙަޔާތުގައި މާ މުހިއްމު ރޯލެއް އަދާކުރާ އެއްޗެއްކަމުގައެއްނުވިއެވެ.

އޭނާގެ ވަހަކަ ކުރިއަށް ގެންދަމުން އީ-މެއިލުގައި އިތުރަށް ލިޔެފައިވެއެވެ. 'ޝެއިޚްއެވެ. އަހަރެންނަކީ މިހާރު ޢުމުރުން 22 އަހަރުގެ ޒުވާން އެކަނިވެރިއެކެވެ. އަހަރެންގެ ފުރާވަރުގެ ނާޒުކު ދުވަސްވަރުގައި މައިންބަފައިން ވަކިވެ ދެމީހުންވެސް ކައިވެނީގޮތުން އެހެންމީހުނާއި ގުޅި އޮސްޓްރޭލިއާ ދޫކޮށް ދިޔައެވެ. އާއެކެވެ. އެދެމީހުންގެ ލޯތްބައް އިންތިހާއަށް ބޭނުންވެފައިވާ އަހަރެން އެކަނިމާއެކަނި ދޫކޮށްލާފައެވެ. ހިތުގައި ރަޙުމުގެ ކަންފުޅެއްވެސް ހުރިނަމަ ޒުވާން އަންހެންކުއްޖަކު އެކަނިމާއެކަނި ދޫކޮށްފައިދާންކެރިދާނެހެއްޔެވެ. ކޮންމެއަކަސް އަހަރެންވެސް ޔުނިވަރސިޓީއަކުން ޖާގަ ހޯދައި ތަޢުލީމުގެ ދަތުރު ފެށީމެވެ. ހެނދުނު ޔުނިވަރސިޓީގެ ކުލާސްތަކަށް ހާޟިރުވުމަށްފަހު ހަވީރު ބަރއެއްގައި މަސައްކަތްކުރަމުން ދިޔައީމެވެ. އަހަރެންވެސް އެހެން މިޒަމާނުގެ ގިނަ އަންހެން ކުދީން ފަދައިން އަހަރެންގެ އެކަނިވެރި މި ދުވަސްވަރުގައި ޚިޔާލުތަކަށް ޣަރަޤުވެ އޮތުމުގެ ބަދަލުގައި އެކަނިވެރިކަން ފިލުވާލައި ވާހަކަދައްކާލާނެ 'ބޯއީ ފްރެންޑެއް' ހޯދީމެވެ. އޭނާއަކީ ޙަޔާތުގެ ވަގުތީ ލައްޛަތައްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެކެވެ.

' އުފަންވަޒަން ދޫކޮށް މި ޤައުމަށް އައިފަހުން އަހަންނަކީ ފުރިހަމަ ވެސްޓަރން ސްޓައިލްގެ މީހެކެވެ. ޢަރަބީންގެ ތެރެއިން ގިނަ އަންހެނުންނަކީ އާދަޔާ ޚިލާފު ރީތިކަމެއް ލިބިފައިވާ ބަޔަކަށް ވީއިރު އަހަންނަކީވެސް އެފަދަ ރީތި ސޫރައެއްގެވެރިއަކީމެވެ. އެކަމުގެ ބޭނުންހިފައި ނިއުޒިލޭންޑްގައި ބޭއްވި ރީތީގެ ރާނީގެ މުބާރާތުގައި ބައިވެރިވެ އެމުބާރާތް ކާމިޔާބުކުރީމެވެ. ދުނިޔޭގެ މަޝްހޫރުކަންވެސް ލިބި އިތުރަށް ކުރިއަށް ދިއުމުގެ ޢަޒުމުގައި އަހަރެން ހުރީމެވެ. އެ ޤައުމުގައި ބާއްވާ އޭގެ އެންމެ ބޮޑު މުބާރާތް ކާމިޔާބުކުރުމުގެ ޢަޒުމުގައެވެ. އަހަރެންނަކީ މޮޑްލިންގެ ދާއިރާއަށްވެސް ފަރިތަ މޫނެކެވެ. ތަފާތު މަޖައްލާތަކަށް ޝޫޓްކޮށްދީގެން ޚިޔާލީ މިދުނިޔޭގައި ދިރިއުޅެމުންދިޔައީމެވެ.'

އުޚްތާގެ ވާހަކަ އިތުރަށް ކިޔައިދެމުންދިޔައެވެ. 'ދުވަސްތައް ފާއިތުވަމުންގޮސް އޮސްޓްރޭލިޔާގައި ދިރިއުޅޭ ލުބުނާން ޢާއިލާއަކާ ބައްދަލުވެ ގާތްގުޅުމެއް އުފެދެން ފަށައި އެގެއަށްވެސް ޒިޔާރަތްކޮށް ހަދަންފެށީމެވެ. އާދައިގެ މަތީން އެގެއަށްދިޔަ ދުވަހެކެވެ. އެއީ ރަަމަޟާން މަސްކަމުން ޓީވީއިން ދީނީ ތަޤްރީރެއް ދައްކަމުންދާތީ ދުށީމެވެ. އޭގައި ކިޔަމުންދިޔައީ 'ޒުވާންކަމާއި ރީތިކަން ޒުވާނުން މިހާރު ބޭނުންކުރަމުންދާގޮތުގެ ވާހަކައެވެ. އާޚިރަތެއް ނެތްކަމަށް ހިތައި ދުނިޔޭގެ މިކުޑަކުޑަ ދުވަސްކޮޅު ފާފަތަކުގެ ތެރޭގައި ހޭދަކުރަމުންދާ ވާހަކައެވެ. ޒުވާން އަންހެންކުދިންނާއި ފިރިހެންކުދިން މަސްތުގެ ވަބާގެ ތެރޭގައި ނަފްސު ޤަތުލުކުރަމުންދާ ވާހަކައެވެ. އެވާހަކައިގެ ތެރެއަށް ވަރަށް ރަނގަޅަށް ވަދެވި ކަނުލައި އަޑުއަހަން އިރުކޮޅަކު އިނދެވުނެވެ. އޭގައި އެބުނާ ކޮންމެ ލަފްޒަކީވެސް ޚުދު އަހަންނަށް އަމާޒުކުރާ ތީރެއްފަދައެވެ. އިސާހިތަކު ޣާފިލްވެފައިވި އަހަރެންގެ ހިތަށް ފުރަތަމަ ފަހަރަށް ދިރިއުޅުމާމެދު ވިސްނަން މަޖުބޫރުވިއެވެ. ކުރެވިފައިވާ ފާފަތައްވެސް ލޯމަތީ ފިލްމެއްގެ ސިފައިގައި ފެންނަމުންދިޔަ ކަހަލައެވެ. އެ އުޚްތާގެ ވާހަކަ ނިންމާލަމުން ބުނެފައިވެއެވެ. ' އަހަރެން މި އީމެއިލް މިލިޔަނީ 22 އަހަރު ވަންދެން އަހަރެން ކުރަމުންއައި ފާފަތައް ﷲ ގެ ޙަޟްރަތުން ފުއްސަވައިދެއްވާނެތޯ އެހުމަށެވެ. އެއިލާހުގެ ޙަޟްރަތުން އަހަންނަށް ކުޑަވެސް ޖާގައެއް އޮންނާނެތޯ ޔަޤީންކުރުމަށެވެ.' ވ.ސަލާމް

ސުބުޙާނަﷲ. އެ އަންހެންކުއްޖާގެ މެއިލް ކިޔުމަށްފަހު މިޞްރުގެ މިދާޢީ ތައުބާގެ ޝަރުތުތައް ބުނެދީ ނަޞޭޙަތްތެރިވަމުން އޭނާއަށް ޖަވާބުދިނެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ ﷲ ތަޢާލާގެ އޯގާވަންތަ ރަޙްމަތްފުޅުން އެމީހަކަށް ފުއްސައިވައިދެއްވާނެކަމާއި ފާފައިގެ ކަނޑުގައި ކިތަންމެ ގިނަ ދުވަހަކު ފެތިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އައުމަށް އެއްވެސް ހުރަހެއްނެތްކަމުގައި ބުންޏެވެ. އޭގެ ދެދުވަސް ފަހުން އޮސްޓްރޭލިޔާގެ މި އަންހެންކުއްޖާގެ މެއިލެއް މިޞްރުގެ އިސްލާމްދީނަށް ދަޢުވަތުދޭ މި ދާޢީއަށް ލިބުނެވެ. އޭގައި އެ އުޚްތާ އޭނާގެ ވެރިރައްބަށް ތައުބާވެއްޖެކަމާއި އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާއާއި ދުރުވެ ދުވަހަކުވެސް އެ ފާފައިގެ ތެރެއަށް ހުށަހެޅި ނުގަންނާނެކަމަށް ބުނެފައިވިއެވެ.

މިޞްރުގެ މި ދާޢީ އިތުރަށް ކިޔައިދިނެވެ. އެއުޚްތާ އޭނާގެ ތައުބާގެ ވާހަކަ ކިޔައިދިންތާ ދެދުވަސްފަހުން އޭނާއަށް ނަމާދުކުރަން ދަސްކޮށްދިނުމަށް އެދި އިތުރު މެއިލެއް އަހަންނަށް ފޮނުވިއެވެ. އަނެއްކާވެސް އޭގެ ދެދުވަސް ފަހެވެ. ޙައްޤުގެ މަގުފެނި އެމަގުގައި ޘާބިތުވުމަށް މަސައްކަތްކުރަމުން އަންނަ މި އަންހެން ކުއްޖާގެ މެއިލެއް ލިބުނެވެ. އޭގައި އޭނާއަށް ކީރިތި ޤުރުއާނުގެ އޯޑިއޯ އެއް ބޭނުންވާކަމަށް ބުނެފައިވިއެވެ. މިއުޚްތާގެ އެދުމާއި އެއްގޮތަށް އޭނާއަށް އެކަންވެސް ކޮށްދިނެވެ. އެއަށްފަހު ދުވަސްތައް ފާއިތުވަމުންގޮސް މި އަންހެންކުއްޖާގެ އެއްވެސް ޚަބަރެއް ނުވާތާ ބަރާބަރު ހަފްތާއެއް ފަހުން އަނެއްކާވެސް އޭނާގެ މެއިލެއް ލިބުނެވެ. އޭގައި އޭނާއަށް ކުރިން ލިބިފައިވި ރީތީގެ ރާނީގެ ލަޤަބު އަނބުރައި ރައްދުކުރި ވާހަކައާއި އުފާވެރި ޚަބަރެއްގެ ގޮތުން އޭނާ އިސްލާމީ ޙިޖާބުން ނިވައިވި ވާހަކަ ބުންޏެވެ.

އުޚްތާގެ ވާހަކަ މިހާ ހިސާބުން ނިންމައިލެވޭކަށްނެތެވެ. މި އުޚްތާ އޭނާ ބުރުގާއަޅައި ނިވައިވިކަމަށް ބުނިތާ ދުވަސްކޮޅެއްފަހުން އޭނާގެ ހަށިގަނޑުގައި އާދަޔާ ޚިލާފު ތޫނު ތަދެއް އިޙްސާސްކުރެވެމުންދިޔަ ވާހަަކަ ބުންޏެވެ. އަދި ކެތްނުކުރެވި ޑޮކްޓަރަށް ދެއްކިކަމާއި ހެދި ޓެސްޓްތަކުން އޭނާގެ ސިކުނޑިއަށް ކެންސަރުގެ ނުރައްކާތެރި ބަލި ޖެހިފައިވާކަމަށް ބުންޏެވެ. އަދި ދުނިޔޭގައި ދިރިހުރެވޭނެކަމުގެ އުއްމީދު ވަރަށް ކުޑަ ކަމަށްވެސް ބުންޏެވެ. ކިޔުންތެރިންނޭވެ. މިއުޚްތާގެ އޮޕަރޭޝަން ކުރުމަށްޓަކައި ހޮސްޕިޓަލަށް ގެނެވުނެވެ. ބަލީގެ ނުރައްކާ ބޮޑުކަމުން ކާމިޔާބުވާނެކަމަށް ޑޮކްޓަރުންގެ ޓީމުން ދީފައިވަނީ އެންމެ 20 އިންސައްތައެވެ. ޑަކްޓަރުންގެ ބަހަށް އުޚްތާގެ ދިން ޖަވާބަކީ ކޮބައިކަން އެނގިލައްވާތޯއެވެ. ކެތްތެރިކަމާއެކު ބުންޏެވެ. 'އަހަރެން ދެން ބޭނުމީ އަހަރެންގެ ވެރި ރައްބާ ބައްދަލުކުރާށެވެ. އެއިލާހީ އަހަރެން އަނދިރިކަމުގައި ވަނިކޮށް އަހަރެންގެ ފުރާނަ ނުހިއްޕަވައި އަހަރެންނަށް ތެދުމަގު ދެއްކެވި އިލާހެވެ. ' ހަމަ ކުއްލިއަކަށް .. ޝަހާދަތުގެ ދެކަލިމަ ކިޔުމާއެކު އެފުރާނަ އެފުރާނައިގެ ވެރި ބާރީގެ ޙަޟްރަތަށް ދަތުރުކޮށްފިއެވެ. إنا لله وإنا إليه راجعون.. ދިރިތިބީންނަށް އެތައް ޢިބުރަތެއް ދެމުން ޢުމުރުން އެންމެ 22 އަހަރުގައި އުޚްތު ސާރާ ދުނިޔެ ދޫކޮށްފިއެވެ. އުޚްތާގެ ހަށިގަނޑު ވަޅުލާފައިވަނީ ނިއުޒިލޭންޑްގެ މުސްލިމުން ވަޅުލާ ސަހަރާއެއްގައެވެ.

މި ޒުވާން އުޚްތާ ދުނިޔެ ދޫކުރުމުގެ ކުރިން މިޞްރުގެ ދާޢީއަށް އިތުރު ސިޓީއެއް ލިޔެފައިވެއެވެ. އޭގައިވަނީ ' އަހަރެން އަހަރެންގެ ވެރި އިލާހާ ދުރުގައި 22 އަހަރު ހޭދަކޮށްފީމެވެ. ނަމަވެސް ﷲގެ މަގަށް ރުޖޫޢަވެ ފާފައިގެ މަގު ދޫކުރީ މީގެ 3 ހަފްތާ ކުރިންނެވެ. އަހަރެން ތިޔަ އަޚާގެ އިތުރުން އެހެން މާގިނަ މުސްލިމުންނެއް ނުދަންނަމެވެ. އަހަރެން ދުނިޔޭގައި ހުރިނަމަ ޝެއިޚްގެ ތިޔަ ވެބްސައިޓަށް ފުރިހަމަ އެއްބާރުލުންދިނީމުހެވެ. އެހެނީ ތިޔަ ވެބްސައިޓަކީ އަހަރެން ޣާފިލްކަމުގެ ނިދީން ހޭލައްވާލައި ޙައްޤު ގޮތް ބަޔާންކޮށްދީ ކުރިއަށްދާންވީ މަގު އަންގައިދިން ފަރާތެވެ. އަޚާއެވެ. އަހަރެން އެދެނީ އަހަރެންގެ ފާފަ ފުއްސަވައިދެއްވައި ރަޙްމަތްލެއްވުން އެދި ދުޢާކޮށްދިނުމެވެ. އަދި އަހަރެންގެ ހާލާމެދު އިހުމާލުވެފައިވި އަހަރެންގެ މައިންބަފައިންނަށް ތެދުމަގު ދެއްކެވުން އެދި ދުޢާކޮށްދިނުމެވެ. އަހަރެން އެދެމީހުންދެކެ އިންތިހާއަށް ލޯބިވަމެވެ. ( ސާރާ )

ޒުވާނުންނޭވެ. ޢިބުރަތް ލިބިގަންނަމާ ހިނގާށެވެ. ފާފައިގެ ތެރޭގައި މުޅި ދުވަސް ވޭތިކުރަމުންދާއިރު މަރު އޭގެ ވާޖިބު އަދާކުރުމަށް ދަތުރު ފަށާފައިވާކަން ދަންނާށެވެ. ނޭންގޭ އެއްޗަކީ ދަތުރުގެ ނިމުންވީ ހިސާބެވެ. މިރޭވެސް ފަސްލާ ފޮރުވަން ޖެހިދާނެއެވެ. ތައުބާވެ ރުޖޫޢަވަމާ ހިނގާށެވެ.



More from DhiIslam