ކަނޑައެޅިފައިވާ މިންގަނޑާ ޚިލާފަށް އެއްގަމާއި ކަނޑުއުޅަނދުފަހަރު ދުއްވުމަކީ ނަފްސުތައް ހަލާކަށް އެއްލައިލުން - ހުކުރު ޚުޠުބާ

Fri, 24 Feb 2023 03:15 PM

View on this article on DhiIslam

ކަނޑައެޅިފައިވާ މިންގަނޑާ ޚިލާފަށް އެއްގަމާއި ކަނޑުއުޅަނދުފަހަރު ދުއްވުމަކީ ނަފްސުތައް ހަލާކަށް އެއްލައިލުން - ހުކުރު ޚުޠުބާ

އެއްގަމު އުޅަނދުފަހަރާއި ކަނޑުގައިދުއްވާ އުޅަނދުފަހަރު މާބާރަށް ދުއްވުމަކީވެސް އަމިއްލަ ނަފްސާއި އެހެން މީހުންގެ ނަފްސުވެސް ހަލާކަށް އެއްލައިލުންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.



'ނަފްސު ރައްކާތެރިކުރުން' މި މަޢުޟޫޢަށް މިއަދު ރާއްޖޭގައި ދެވުނު ޚުޠުބާގައި ބުނެފައިވަނީ ނަފްސަކީ އަގުބޮޑު އެއްޗެއްކަމަށާއި އެއީ އިންސާނާ އުފެއްދޭނެ އެއްޗެއްނޫންކަމާއި އެއީ މަރާމާތުކޮށް ރަނގަޅުކޮށްލެވޭނެ އެއްޗެއްވެސް ނޫންކަމަށެވެ.

އަދި އިންސާނުން އަމިއްލަ ނަފްސުތައް ޤަތުލްކުރުމަކީ ﷲ ތަޢާލާ ނަހީކުރައްވާފައިވާ ކަމެއްކަމަށާއި ތިމާއާއި އެހެން މީހުންގެ ނަފްސުތައްވެސް ރައްކާތެރިކުރުމަށް އިސްލާމްދީން ގޮވާލާކަމަށެވެ.

އަދި ހަމައެހެންމެ އެއްގަމާއި ކަނޑުއުޅަނދުފަހަރު ރޭސްޖެހުމާއި ކަނޑައަޅާފައިވާ މިންގަޑާއި ޚިލާފަށް ބާރަށް ދުއްވުމަކީ ނަފްސުތައް ހަލާކަށް ހުށަހެޅުންކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ހިތާމަވެރި އެތައް ޙާދިޘާއެއް ހިނގާކަމަށެވެ. އަދި މިފަދަ އެކްސިޑެންޓްތަކުގައި އަނިޔާލިބޭ ގިނަ މީހުންނަކީ ޤައުމު އެބަޔަކަށް ބޭނުންވެފައިވާ އަދި ޢާއިލާތަކަށް އުފާވެރިކަން ގެނެސްދޭން ތިބި ޒުވާނުންކަމަށެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ހާދިޘާއެއްގެ ސަބަބުން އެމީހުން ނުކުޅެދޭ މީހުންނަށް ބަދަލުވެ ހަރަކާތެއް ނެތި ބަލި އެނދުގައި އޮންނަންޖެހޭ ބަޔަކަށް ވެދާކަމަށްވެސް ޚުޠުބާގައިވަނީ ބުނެފައެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނެފައިވަނީ ވިސްނާނުލައި ސައިކަލާއި ކާރުފަދަ އުޅަނދުތައް ދުއްވުމުގެ ސަބަބުން ކުށެއްނެތް މީހާވެސް އަނިޔާގެ ޝިކާރައަކަށްވެދާކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމުން ދުރުހެލިވުމާއެކު މުސްލިމުންނީ މީހުންނަށް ގެއްލުންދޭ ބައެއް ނޫންކަމަށް ޚުޠުބާގައިވަނީ ބުނެފައެވެ.



More from DhiIslam