ޙައްޖުގެ އަޅުކަމުގެތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

Tue, 28 Feb 2023 10:22 AM

View on this article on DhiIslam

ޙައްޖުގެ އަޅުކަމުގެތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

1444 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގެތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ.



އެގޮތުން ފުރަތަމަ ސޮއިކުރެއްވީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ޙައްޖުވެރިން މަދީނާއަށް ކުރާ ޒިޔާރަތުގައި، ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމުގައި އަލްއަދިއްލާ ކޮމްޕެނީއާއެކުގައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލްއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ އަލްއަދިއްލާ ކޮމްޕެނީގެ އިދާރާގައި 25 ފެބުރުއަރީ 2023 ވީ ހޮނިހިރު ދުވަހުއެވެ.

1444 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާ، މިނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ޟުޔޫފުލްބައިތު ކޮމްޕެނީއާއެކު ސޮއިކުރެއްވީވެސް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލްއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ ޟުޔޫފުލްބައިތު ކޮމްޕެނީގެ އިދާރާގައި 26 ފެބުރުއަރީ 2023 ވީ އާދީއްތަ ދުވަހުއެވެ. ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ދިވެހި ޙައްޖުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.

ސަޢޫދީ ސަރުކާރުން ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ދެއްވާ ރަސްމީ ކޯޓާގެ ގޮތުގައި 1000 ކޯޓާ މިއަހަރު ވަނީ ރާއްޖެއަށް ލިބިފައެވެ. އަދި އިތުރު ކޯޓާ ހޯއްދެވުމުގެ މަސައްކަތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު ޢަލީ ކުރައްވަމުން ގެންދަވާއިރު މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ޙައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ކުންފުނިތަކަށްވެސް ހުޅުވާލާގޮތަށް ވަނީ ހަމަޖެހިފައެވެ.



More from DhiIslam