މޯލްޑިވިއަނުން ސްރީ ލަންކާ ދަތުރުތައް ފަށައިފި

Fri, 26 Apr 2024 01:26 AM

View on this article on Adhives Online

މޯލްޑިވިއަނުން ސްރީ ލަންކާ ދަތުރުތައް ފަށައިފި

ފަސިންޖަރުންނަށް ހާއްސަ ހިދުމަތްތަކަކާއެކު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ސްރީ ލަންކާގެ ވެރިރަށް ކޮޅުނބަށް މިރޭ ދަތުރުތައް ފަށައިފިއެވެ. ދަތުރުތައް ފެއްޓުމަށް ބޭއްވި ހާއްސަ ރަސްމީޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީނެވެ.



ވެލާނާ އެއާޕޯޓް ރަންވޭމަތީގައި ބޭއްވި މި ރަސްމީޔާތުގައި މޯލްޑިވިއަން އާއި އެއަރޕޯޓް ކޮންޕެނީއާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ވައިގެ ދަތުރުފަތުރާ ގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.

މޯލްޑިވިއަން އިން ލަންކާއަށް ފެށި މި ދަތުރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދެކޮޅު ޓިކެޓް 165 ޑޮލަރުގެ އަގު ހެޔޮ ރޭޓެއްގައި ހަމަޖައްސައިފައިވާ ކަމެވެ. އަދި ދާގީނާ އަށް 30 ކިލޯ ލިބޭއިރު ފްލައިޓްގައި ރަނގަޅު ކެއުމެއް ވެސް ދޭން ހަމަޖެހިފައިވުމެވެ.

މޯލްޑިވިއަންގެ ލަންކާ ދަތުރުތައް ހަމަޖެހިފައިވަނީ ހަފުތާއަކު ދެ ފަހަރުއެވެ. އެއީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހުއެވެ. ކޮޅުނބަށް ދާން ރާއްޖެއިން ފުރަން ހަމަޖައްސާފައިވާ ގަޑިއަކީ ރޭގަނޑު 7.35 އެވެ. އަދި ކޮޅުނބުން ރާއްޖެ އަންނަން ފުރަން ހަމަޖައްސައިފައިވާ ގަޑިއަކީ އެރޭ 10.35 އެވެ.

މޯލްޑިވިއަނުން ކޮޅުނބަށް ކުރާ ދަތުރުތަކުގައި ހަމައެކަނި މޯލްޑިވިއަނުން ދޭ ހާއްސަ ހިދުމަތްތަކެއްވެއެވެ. އޭގެ ތެރޭގައި ލަންކާގެ މަޝްހޫރު ނަވަލޯކާ ހޮސްޕިޓަލުން ދޭ ހިލޭ ހިދުމަތްތަކެއް ވާކަން ހާއްސަކޮށް ފާހަގަކޮށްލެވެއެވެ.

މި ހިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރުންނަށް ދެއްކުމާއި ބަލިމީހާގެ ސިއްހީ ތާރީހު އަންދާޒާ ކުރުން ހިމެނެއެވެ. ހަށިގަނޑުގެ ބަރުދަން ހުންނަން ޖެހޭ "ބޮޑީ މާސް އިންޑެކްސް" ނުވަތަ ބީ.އެމް.އައި. ބަލައިދިނުމާއި ލޮލުގެ ފެނުން ހުރި ހާލަތް ބަލައިދިނުން ވެސް ހިމެނެއެވެ.

މޯލްޑިވިއަންގެ ލަންކާ ދަތުރުގައި އެންމެ ފުރަތަމަ ޗެކްއިން ކުރި ފަސެންޖަރު ފާހަގަކޮށް އޭނާއަށް ހާއްސަ ހަދިޔާއެއް ދިނެވެ. މި ޝަރަފު ލިބުނު ފަސެންޖަރަކީ އއ. ރަސްދޫ، އާދަމް ނަސީރެވެ.



More from Adhives Online