ޔޫކްރެއިން ފަތަހަ ކުރަން ރަޝިއާއިން އުތުރު ކޮރެއާގެ ހަތިޔާރު ބޭނުން ކުރަނީ

Sun, 05 May 2024 06:05 PM

View on this article on Adhives Online

ޔޫކްރެއިން ފަތަހަ ކުރަން ރަޝިއާއިން އުތުރު ކޮރެއާގެ ހަތިޔާރު ބޭނުން ކުރަނީ

ޔޫކްރެއިން ހިފަން ރަޝިއާއިން ކުރިއަށްގެންދާ ހަނގުރާމްއިގައި އުތުރު ކޮރެއާގެ ހަތިޔާރު ބޭނުންކުރަމުންދާކަން ބޭޒާރުވެއްޖެއެވެ.



ކޮންފްލިކްޓް އާމަމެންޓް ރިސާޗް (ސީ.އޭ.އާރް.) ނަމަކަށް ކިޔާ ޔޫކްރެއިންގެ އިދާރާއަކުން ބުނީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަނގުރާމައެއް ފެށުމުގެ ވާހަކަ ދައްކާއިރު، އޭގެ ކުރިން މި ވަނީ ނުރައްކާތެރި ކަންތައްތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ.

"އުތުރު ކޮރެއާއިން މިހާރު ދަނީ ދުނިޔޭގައި ހިނގަމުންދާ ހަނގަރުމާތަކުގެ ތެރެއަށް ވަދެ، އެ ހަނގުރާމަތައް އިތުރަށް ގޯސްކުރުމުގެ މަސައްކަތް ފަށައިފައި،" ސީ.އޭ.އާރް.އިން ބުންޏެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ މިދިޔަ ޖަނަވަރީ މަހަށް ފަހު މިހާތަނަށް ރަޝިއާއިން ޔޫކްރެއިނަށް ފޮނުވާލި އުތުރު ކޮރެއާގެ މިސައިލްތަކުގެ ސަބަބުން މަދުވެގެން 24 މީހުން މަރުވެ، 70 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.

އުތުރު ކޮރެއާގައި މިހާތަނަށް ހުރީ ބާވެފައިވާ ހަތިޔާރުތައް ކަމަށް ބެލެވުނަސް، މިހާރު ޔޫކްރެއިނަށް ފޮނުވާލާ މިސައިލްތަކަކީ އެންމެ ފަހުގެ ޓެކްނޯލޮޖީ ހިމެނޭ މިސައިލްތައް ކަމަށް ސީ.އޭ.އާރް.އިން ބުންޏެވެ.

އެ އިދާރާގެ ޑިރެކްޓަރުގެ ނައިބު ޑޭމިއަން ސްޕްލީޓާސް ވިދާޅުވީ ވޭތުވެދިޔަ ވިއްސަކަށް އަހަރު އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، މި ޓެކްނޯލޮޖީ ލިބުނީ ކިހިނެއްކަމާމެދު ހައިރާންވާ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ދިފާއީ ކަންތައްތައް ދިރާސާ ކުރާ ރޯޔަލް ޔުނައިޓެޑް ސާވިސަސް އިންސްޓިޓިއުޓް (އާރް.ޔޫ.އެސް.ވީ.)ގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯސެފް ބާން ވިދާޅުވީ ޔޫރަޕްގެ ފަސްގަނޑުގައި ޔޫރަޕްގެ މީހުން މެރުމަށް އުތުރު ކޮރެއާގެ ހަތިޔާރު ބޭނުންކުރާ ކަމާމެދު ހައިރާންވާ ކަމަށެވެ.

"ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި ރަޝިޔާގެ ވެރިޔާ ވްލަޑިމިއަ ޕޫޓިން ބައްދަލު ކުރެއްވި ފަހުން އަހަރެމެން ވަރަށް ސަމާލުވެގެން މިތިބީ. އެ ގޮތުން އުތުރު ކޮރެއާއިން ރަޝިއާއަށް ފޮނުވާ ހަތިޔާރުގެ ޝިޕްމަންޓްތަކުގެ މިސްރާބު ބަލަމުން އަހަރެމެން އައީ،" ޖޯސެފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަޝިޔާ އާއި އުތުރު ކޮރެއާގެ އާގުބޯޓުފަހަރު ދެ ގައުމުގެ ދޭތެރޭގައި ހަރަކާތް ކުރާ ގޮތް ސެޓެލައިޓްގެ ޒަރީއާއިން ބެލި ކަމަށެވެ.

"ގާތްގަނޑަކަށް 7،000 ކޮންޓޭނަރު އުފުލާފައިވޭ،" ޖޯސެފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުތުރު ކޮރެއާގެ ހަތިޔާރު ރަޝިއާއަށް ފޯރުކޮށްދޭކަން ވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތާއި ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާތަކުން ކަށަވަރުކޮށްދީފައި ކަމަށެވެ.

"ޔޫކްރެއިނަށް އެމެރިކާ އާއި ޔޫރަޕުން ދޭންވީ ކޮން ހަތިޔާރުތަކެއްކަން ކަނޑަނޭޅިގެން އުޅެމުންދާއިރު ރަޝިއާއިން އެ ދަނީ ޔޫކްރެއިނަށް ދޭ ހަމަލާތައް ކުރިއަށް ގެންދަމުން،" ޖޯސެފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ކަންބޮޑުވަނީ "ބެލިސްޓިކް" މިސައިލް އުތުރު ކޮރެއާއިން އުފައްދާފައިވާކަން ހާމަވުމުން ކަމަށެވެ. އެ ގޮތުން 435 މޭލު ދުރަށް ދަތުރު ކުރާ މިސައިލް ވަނީ ޔޫކްރެއިނަށް މި ދިޔަ ޖަނަވަރީ މަހު ފޮނުވައިފައި ކަމަށް ޖޯސެފް ވިދާޅުވިއެވެ.

އުތުރު ކޮރެއާއިން 1980 ގެ އަހަރުތަކުގެ ފަހުން ދަނީ ބައެއް ގައުމުތަކަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އުތުރު އެފްރިކާ އާއި މެދުއިރުމަތީގެ ގައުމުތައް ހިމެނެއެވެ. މިސާލަކަށް، ލީބިޔާ، ސޫރިޔާ އަދި އިރާންއެވެ.

އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އދ.އިން ގޮވާލި ނަމަވެސް، 2017 ވަނަ އަހަރުން ފެށިގެން ރަޝިއާ އާއި ޗައިނާއިން ވަނީ މި ކަމަށް އެއްބަސްނުވެފައެވެ. އަދި މިހާރު އުތުރު ކޮރެއާގެ އަތުން ހަތިޔާރު ގަތުމަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރެއްގެ ގޮތުން އުތުރު ކޮރެއާއަށް ފިޔަވަޅު އަޅާނެ ކަމަށް ރަޝިއާއިން ކުރިން ބުނި ބުނުމާ ހިލާފަށް އަމަލު ކުރުމެވެ.

"އަހަރެމެންނަށް މި ފެންނަނީ އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލަމުންދާ މަންޒަރު،" ޖޯސެފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ކަމުގެ ގެއްލުން ލިބޭނީ ހަމައެކަނި ޔޫކްރެއިންއަކަށް ނޫން ކަމަށެވެ.

"ހުރިހާ މޮޅެއް މި ލިބެނީ އުތުރު ކޮރެއާއަށް. ރަޝިއާއަށް މި ކަމުން ވަރަށް ބޮޑު ފައިދާއެއްކޮށްފި،" ޖޯސެފް ވިދާޅުވިއެވެ.

ޔޫކްރެއިނަށް ހަމަލާ ދިނުމަށް ރަޝިއާއިން އުތުރު ކޮރެއާގެ ހަތިޔާރު ބޭނުން ކުރުމުން މިއީ ހަގީގީ ހަނގުރާމައެއްގައި އުތުރު ކޮރެއާގެ ހަތިޔާރު ތަހުލީލުކޮށްލަން އުތުރު ކޮރެއާއަށް ލިބޭ ފުރުސަތެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ. އެ ގޮތުން އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ މިހާރު މާނައެއް ހުރި ކަމެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

The post ޔޫކްރެއިން ފަތަހަ ކުރަން ރަޝިއާއިން އުތުރު ކޮރެއާގެ ހަތިޔާރު ބޭނުން ކުރަނީ first appeared on އަދިވެސް އޮންލައިން.



More from Adhives Online