ދަސްކުރާށެ ބަސް ދިވެހި ފަހުމުވެ ދޭހަ ވާނެހެން
ލަސްނުކޮށް އެކަން ކުރަން އިޖާބަ ދޭށަ ދަރިވަރުން
ބަސް އެނގޭވަރުން އެނގޭ ޝަރީޢަތާ އަމުރުތަކާ
ދަސްކުރާށެ މާދަރީ ބަހުން އޮޅުން ފިލާނެހެން
އަޞްލު މާނަ ސާފުވާ ގޮތަށް ލަފުޒުގެ ދޭހަޔާ
ދަސްކުރާށަވީ ތިމާ ކިޔާ ފޮތާ އިވޭ އަޑުން
ހީވިޔަސް އެނގޭ ކަމަށް ދޮށީ ޢުމުރު ފުރާވަރުން
ހީވިގޮތް ރަނގަޅު ކަމަށް ބަލަންހެވީ އެސަބަބުތަން
ކަންކަމާ މެދަށް ވެވޭ ޚިލާފުތައް އުފަންވަނީ
ދަންނަ މީހުނަށް ވިޔަސް ބަހުން ފަހުމު ވެވޭގޮތުން
ދީންމަތީ މިދީބު އޮތް ޒަމާން ކިތަންމެ މަދުވިޔަސް
ދީންބަޔާންވެގެން ދިވެހި ބަހުން ނުވޭހެ ލިޔެވިގެން
ފިޤުހުގައި އެހެރަގޮތާ އުޞޫލުތައް އެތައް ރޮނގުން
ފިޤުހު އެންމެ ސާފުކޮށް ޢިބާދަތަށް ދިވެހިބަހުން
ކަން އެހެން އެބާވަތަށް އެހުރި ހުރުން ގަބޫލުކޮށް
ވަންހަނާ ނުވާ ވަރަށް ކުރާށެ ދަސް ދިވެހި ބަހުން
The post ދޭހަޔާއި ފަހުމުގެ އަޞްލަކީ ބަހެވެ! first appeared on އަދިވެސް އޮންލައިން.