ޖަޕާނުގެ ފުޖީ ފަރުބަދަ ޓޫރިސްޓުންނަށް ފޮރުވަނީ

Sat, 04 May 2024 08:22 PM

View on this article on Adhives Online

ޖަޕާނުގެ ފުޖީ ފަރުބަދަ ޓޫރިސްޓުންނަށް ފޮރުވަނީ

އެކި ގައުމުތަކުގެ މަގުބޫލު ތަންތަން ހިމެނެނީ އެ ތަންތަނުގެ ރަމްޒެއްގެ ގޮތުގައެވެ. މި ގޮތުން ޖަޕާނުގެ ހިތްގައިމު ނިޝާނަކީ މަޝްހޫރު ފަރުބަދަ ފުޖީއެވެ. ނަމަވެސް ޓޫރިސްޓުންގެ އުނދަގުލާހުރެ ފުޖީގެ ފޮޓޯ ނުނެގޭނެހެން ޓައުނެއް ކަމަށްވާ ފުޖިކަވަގުޗިކޯއިން ސްކްރީނެއް ބިނާ ކުރަން ފަށައިފިއެވެ.



ފުޖިކަވަގުޗިކޯއަކީ ފުޖީ ފަރުބަދަ އެންމެ ރީއްޗަށް ފޮޓޯއެއް ނަގާލަން ފުރުސަތު ލިބޭ އެއް ޓައުނެވެ. ނަމަވެސް މި ޓައުނުގެ މަގެއްގައި ބޮޑު ސްކްރީނެއް މިހާރު ދަނީ ބިނާ ކުރަމުންނެވެ. މައްސަލައަކީ ތޯއެވެ؟ މި ޓައުނަށް އަންނަ ބިދޭސީ ޓޫރިސްޓުންގެ އަހުލާގު ގޯސްކަމުންނެވެ!

"މި ޓައުނުގެ އިގުތިސާދު ބިނާވެފައިވަނީ ޓޫރިޒަމްއަށް. އަހަރެން ވެސް ޓޫރިސްޓުންނަށް މަރުހަބާ ކިޔަން. މުޅި ޓައުނުގެ ރައްޔިތުން ވެސް ޓޫރިސްޓުންނަށް މަރުހަބާ ކިޔާ. ނަމަވެސް ބޭރު ގައުމުތަކުގެ ޓޫރިސްޓުންގެ އަހުލާގު މިހާރު ވަރަށް ގޯސް،" "އޮހާގީ" ނަމަކަށް ކިޔާ ފޮނި ކެއުމެއް ވިއްކާ ފިހާރައެއްގެ ވެރި މީހާ މިޗީ މޯޓޯމޯޗީ ބުންޏެވެ.

އޭނާ ބުނީ މަގުމައްޗަށް ކުނި އެޅުމާއި ޓްރެފިކަށް ނުބަލާ މަގު ހުރަސް ކުރުމާއި ޓްރެފިކް ލައިޓަށް ނުބަލާ އުޅަނދުތައް ދުއްވުމާއި އަމިއްލަ މީހުންގެ ބިންބިމަށް ވަންނަ ފަދަ ކަންތައްތައް ބިދޭސީ ޓޫރިސްޓުންގެ ފަރާތުން ފެންނަމުންދާ ކަމަށެވެ.

މިޗީގެ ކަސްޓަމަރުންގެ 80 ޕަސެންޓަކީ ބިދޭސީ ޓޫރިސްޓުންނެވެ. ކޮވިޑް-19 ޕެންޑެމިކްގެ ލޮކްޑައުނަށް ފަހު ޖަޕާން ހުޅުވާލުމުން އޭނާގެ ފިހާރައަށް އަންނަ ޓޫރިސްޓުން ގިނައީ ކަމަށް މިޗީ ބުންޏެވެ.

ބިދޭސީ ޓޫރިސްޓުންގެ އަހުލާގު ރަނގަޅު ވޭތޯ ޓައުނުން ވަނީ ނަސޭހަތްތެރިވާ މެސެޖްތައް ހިމަނައިގެން އިސްތިހާރު ބޯޑުތަކެއް މަގުމަތީގައި ބަހައްޓައިފައެވެ. އެ ގޮތުން މަގުމަތީގައި ނުދުވުމަށާއި ދުވާރު މަތިން ހިނގުމަށް އިރުޝާދު ދީފައިވެއެވެ. ނަމަވެސް އިނގިރޭސި، ޗައިނާ، ތައިލެންޑް އަދި ކޮރެއާ ބަހުން ލިޔެފައިވާ މި ބޯޑުތައް ބެހެއްޓުމަކުން ވެސް ބިދޭސީ ޓޫރިސްޓުންގެ އަހުލާގު ރަނގަޅެއް ނުވިއެވެ.

މިދިޔަ ހަފުތާގައި ބިނާ ކުރަން ފެށި ސްކްރީން އިމާރާތްކޮށް ނިމޭނީ މި މަހުގެ މެދު ތެރޭގައި ކަމަށް ލަފާކޮށްފައިވެއެވެ. ބޯޑުގެ ދިގުމިނަކީ 65 ފޫޓެވެ. އުސްމިނަކީ އަށް ފޫޓެވެ. ސްކްރީން ހަދާ ނިމުމުން ފުޖީ ފަރުބަދައެއް ނުފެންނާނެއެވެ.

މި ކަމާ ހިތްހަމަ ނުޖެހިގެން ބިދޭސީ ބައެއް ޓޫރިސްޓުން ބުނަނީ ކުޑަ ކަމެއް މާ ބޮޑު ކޮށްލައިގެން މި ޓައުންގެ ރައްޔިތުން އުޅެނީ ކަމަށް ހީވާ ކަމަށެވެ.

"ޓޫރިސްޓުންގެ ފަރާތުން އުނދަގޫތަކެއް ކުރިމަތިވިޔަސް މިއީ ކުޑަ މައްސަލައެއް މާ ބޮޑުކޮށްލުން. ފޮޓޯ ނެގުން ހުއްޓުވުމުގެ ބަދަލުގައި މަގު ބަންދުކޮށްލެވޭ ކަހަލަ އާލާތްތައް މަގުމަތީގައި ބެހެއްޓިދާނެ،" އުމުރުން 26 އަހަރުގެ ފްރާންސްގެ ޓޫރިސްޓެއް ކަމަށްވާ އެންތަނީ ހޮކް ހިޔާލު ފާޅުކުރިއެވެ.

ޖަޕާންގެ ޓޫރިޒަމް އިދާރާއިން ބުނީ މިދިޔަ އަހަރު ޖަޕާނަށް 25 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކަމަށެވެ. އަދި މި އަހަރު 32 މިލިއަން ޓޫރިސްޓުންނަށް ވުރެ އެ އަދަދު ގިނަ ވާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު ރެކޯޑެކެވެ.

The post ޖަޕާނުގެ ފުޖީ ފަރުބަދަ ޓޫރިސްޓުންނަށް ފޮރުވަނީ first appeared on އަދިވެސް އޮންލައިން.



More from Adhives Online