އެއްފުރާޅެއްގެ ދަށުން ޒަމާނީ ކޮންސްޓްރަކްޝަން ހައްލު ލިބޭ ގޮތަށް އެސްޓީއޯގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
އެސްޓީއޯގެ މި ޝޯރޫމް ހުޅުވައިދެއްވީ މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބާއި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ޝިމާދު ވަނީ އެސްޓީއޯގެ ކުރިއެރުމުގައި ކުރީގެ މެނޭޖްމެންޓްތަކާއި ބޯޑުގެ މެމްބަރުންގެ ރޯލް ވަަރަށް ބޮޑަށް ފަހާގަކުރައްވައި އެފަރާތްކަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ މި ފިހާރައިން ވެސް އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން މަކިޓާ ޓޫލްސް، އަދި ނިޕޯން ފަދަ އެސްޓީއޯގެ އެންމެ މަގުބޫލު ބްރޭންޑްތައް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
"ހުޅުމާލޭ ޝޯރޫމް ވެގެންދާނީ ހުޅުމާލޭ ދިރިއުޅޭ ފަރާތްތަކާއި ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބިގެންދާ އިތުރު ކުރިއެރުމަކާއި ފަސޭހައަކަށެވެ." އެސްްޓީއޯއިން ބުނެ އެވެ.
މަކީޓާ އަދި ނިޕޯން ޕެއިންޓްގެ އިތުރުން ކޮންސްޓްރަކްޝަން މެޓީރިއަލްސް އާއި ރެޑީމިކްސް ހުޅުމާލޭ ޝޯވްރޫމް އިން އޯޑަރު ކުރެވޭނެ އެވެ.
ކަސްޓަމަރު އިހްތިޔާރު ކުރާ ނިޕޯންގެ ކޮންމެ ކުލައެއް ތައްޔާރުކުރުން ވެސް ވަގުތުން ކުރިއަށް ދާނެ އިންތިޒާމް މި ޝޯވރޫމުން ހަމަޖެހޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
މަކިޓާގެ ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓް މި ޝޯވރޫމުން ލިބޭނެ ކަމަށާއި އެސްޓީއޯގެ ޕަވާމިކްސް ކަސްޓަމަރުންނަށް ވެސް ރެޑީމިކްސް ކޮންކްރީޓް ހުޅުމާލޭ ޝޯވރޫމްއިން އޯޑަރުކޮށްލެވޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
މީގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ކަމުގައިވާ ސިމެންތި، ހިލަ، ހިލެވެލި،ދަގަނޑު،ގީއައި ޕައިޕް، ސިމެންތި ފިލާ އަދި ރޫފިންގް ސީޓް ވެސް އޯޑަރުކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
ޒަމާނީ ފެންވަރަށް ރިނޮވޭޓްކޮށްފައިވާ މި ޝޯވްރޫމް ހުޅުވާފައިވަނީ ކުރިން ވެސް އެސްޓީއޯގެ ހުޅުމާލޭ ފިހާރަ ހިންގަމުން އަންނަ އެސްޓީއޯގެ ސްމާޓް ސޯޓޯއާ ޖެހިގެންނެވެ.
މި ޝޯވްރޫމްގެ އެންމެ ހިތްގައިމު ކަމަކީ ޒަަމާނީ އިންޓީރިއާ އެކު ކަސްޓަމާ ކެއާގެ ހިދުމަތްތައް ކަމަށް އެސްޓީއޯއިން ބުނެ އެވެ.
The post އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް ހުޅުމާލޭގައި ހުޅުވައިފި first appeared on އަދިވެސް އޮންލައިން.